ނަހުލާ ބުނީ ސޮރީއަކީ އެންމެ ކާމިޔާބު ދިވެހި ފިލްމު ކަމަށް، އާމްދަނީގެ އަންދާޒާ 2.9 މިލިއަނުގައި
ދިވެހި ފިލްމު އިންޑަސްޓްރީގެ ތާރީޚުގައިވެސް މިހާތަނަށް އެންމެ ގިނަ ޝޯތައް ދައްކައި، މި އިންޑަސްޓްރީގެ އެންމެ ކާމިޔާބު ފިލްމަށް ފާތިމަތު ނަހުލާގެ "ސޮރީ" ވާނެ ކަމުގެ ޔަގީންކަން ލިބިއްޖެއެވެ. މިދިޔަ ޖޫން މަހުގެ 17ގައި ދައްކަން ފެށި ނަހުލާގެ ޑްރާމާ ފިލްމު ޕްރިމިއާ ކުރިއިރުވެސް އޮތީ އެތައް ޝޯތަކެއް ހައުސްފުލްކޮށެވެ. ބާރު ބޮޑު އޮލިމްޕަހަށް އިތުރު ހަލަބޮލިކަމެއް ގެނައީ ނަހުލާ ބްރޭކަކުން އައިސް ނެރުނު މި ފިލްމުންނެވެ. ނަހުލާގެ ކުރީގެ ފޭނުންނާއި އާ ފޭނުންވެސް ތިބީ ސޮރީއަށް ކެތްމަދުވެފައެވެ. އެއާއެކު މިހާރު ތައްޔާރުވަނީ ފަހު ހަފުތާގެ ޝޯ ދެއްކުމަށެވެ. އޮލިމްޕަހުގައި އެކަނިވެސް ފިލްމު އަޅުވައިގެން 43 ހައުސްފުލް ޝޯއެއް އެބައޮތެވެ. ނަހުލާ ހާމަކޮށްފައިވާ ގޮތުގައި ސޮރީގެ ސިނަމާގައި ދެއްކުން ނިންމާލާއިރު އޮލިމްޕަހުގައި އެކަނިވެސް 52 ޝޯއެއް އަޅުވާނެއެވެ. މި ޝޯތަކަށް ޓިކެޓު ދޫކުރަން ފަށާފައިވާ ކަމަށްވެސް ނަހުލާ ބުނެއެވެ. މީގެ ކުރީން އެންމެ ގިނަ ޝޯތައް ދެއްކި ކަމުގެ ރެކޯޑު އޮތީވެސް ނަހުލާ އަތުގައެވެ. އެއީ ނަހުލާގެ ހިޓް ޑްރާމާ ފިލްމު "ޔޫސުފް" އިންނެވެ. ނަހުލާ 2008 ވަނަ އަހަރު ނެރުނު އަސަރުގަދަ ޔޫސުފް ވަނީ 50 ޝޯއެއް ހައުސްފުލްކޮށް ދައްކާފައެވެ. އެއާއެކު ނަހުލާ މުގުރާލަން ރެޑީ ވަނީ އޭނާގެ 17 އަހަރުގެ ދިގު ރެކޯޑެކެވެ. މި އަދަދުތަކަށް ބަލައި އާމްދަނީ އަންދާޒާ ކުރާނަމަ 43 ޝޯއިން ފިލްމަށް ވާނީ 2.87 މިލިއަން ރުފިޔާ ލިބިފައެވެ. އެއީ ނަހުލާ އިޝާރާތް ކުރާގޮތަށް 43 ހައުސްފުލްޝޯ ދައްކާތީއެވެ. މި އަދަދު ބިނާކޮށްފައިވަނީ އޮލިމްޕަހުގެ ސީޓިން 438 އާއި 150 ރުފިޔާގެ ރޭޓުން ދޫކޮށްފައިވާ ޓިކެޓަށް ބަލައިގެންނެވެ. އަދި އެ އަދަދަށް ޕްރިމިއާ ރޭގެ 250 ރުފިޔާގެ ޓިކެޓު ވެސް އިތުރުކޮށްފައިވާނެއެވެ. ނަމަވެސް މިއީ ހަމައެކަނި އޮލިމްޕަހުގައި ދައްކައި 43 ޝޯއަށް އެކަނި ބިނާކޮށްފައިވާ އަދަދެކެވެ. މިފިލްމުގެ އާމްދަނީ މިއަށްވުރެ ބޮޑުވާނެއެވެ. އެއީ މި ފިލްމު އަޅުވާފައިވަނީ އޮލިމްޕަހުގައި އެކަނި ކަމަށް ނުވާތީއެވެ. އަތޮޅުތަކުގެ އިތުރުން ރާއްޖެއިން ބޭރުގައި ވެސް މި ފިލްމު ވަނީ އަޅުވާފައެވެ. ނަހުލާ ހާމަކޮށްފައިވާ ގޮތުގައި މި ފިލްމު ވަނީ އަތޮޅުތަކުގައިވެސް ރެކޯޑު އަދަދަކަށް ދައްކާފައެވެ. އޭގެއިތުރުން ފިލްމު ދައްކައި ނިމޭއިރު އޮލިމްޕަހުގައި ފިލްމުގެ ސްކްރީނިން 52އަށް އަރާއިރު ހައުސްފުލް ނޫން ޝޯތަކާއެކު ފިލްމުގެ އާމްދަނީ ތިން މިލިއަން ރުފިޔާ ފަހަނައަޅައިދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ