އިންޑިއާގެ ކަޝްމީރު ފަޅީގައި މިދިޔަ އޭޕްރީލް މަހު ހަނގުރާމަވެރިން ދިން ހަމަލާއަކަށް ފަހު އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ހިނގި ހަނގުރާމާގައި ހަނގުރާމަތީގެ ފަސް ޖެޓް ވައްޓާލާފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ. އޭގެ ފަހުން ދެ ފަރާތުން ސުލްހަވެ، ވަނީ ހަނގުރާމަ ހުއްޓާލައިފަ އެވެ.
އެމެރިކާގެ ރިޕަބްލިކަން ޕާޓީގެ ބައެއް މެމްބަރުންނާ އެކު ވައިޓް ހައުސްގައި ބޭއްވި ބައްދަލުވުމެއްގައި ޓްރަމްޕް އިޝާރާތް ކުރައްވަނީ ކޮން ފަރާތެއްގެ މަތިންދާބޯޓަކަށް ކަމެއް ވިދާޅެއް ނުވެ އެވެ.
"މަތިންދާބޯޓުތަކަށް އަމާޒުކޮށް ހަމަލާތައް ދެމުން ދިޔަ. ފަހެއް، ފަހެއް، ހަތަރެއް ނުވަތަ ފަހެއް ޖެޓް ވައްޓާލި ކަމަށް އަޅުގަނޑު ގަބޫލުކުރަން،" ޓްރަމްޕް، އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ވާހަކަ ފާހަގަކުރެއްވި ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ރ. އެސް ޖައިޝަންކަރު ވެސް ކުރިން ވަނީ އެ ހަނގުރާމާގައި އިންޑިއާގެ ތިން ހަނގުރާމަ މަތީ ބޯޓު ޕާކިސްތާނުން ވައްޓާލި ކަމަށް އިއުތިރާފުވެފަ އެވެ.
ވައިގެ މަގުން ޕާކިސްތާނުން ދިން ހަމަލާތަކުގައި އިންޑިއާގެ ފަސް މަތިންދާ ބޯޓެއް ވައްޓާލި ކަމަށް ޕާކިސްތާނުން އަންނަނީ ބުނަމުންނެވެ. އިންޑިއާގެ އެންމެ އިސް ޖެނެރަލް މެއި މަހުގެ ފަހުކޮޅު ވިދާޅުވެފައިވަނީ ހަނގުރާމައިގެ ފުރަތަމަ ދުވަހު ވައިގެ މަގުން ގެއްލުންތަކެއް ލިބުމުން އެ ގައުމުން ސްޓްރެޓެޖީ ބަދަލުކުރި ކަމަށެވެ. އަދި އޭގެ ތިން ދުވަސް ފަހުން ހަނގުރާމަ ހުއްޓާލުމުގެ ކުރިން ސާބިތު މަގާމެއް ހޯދި ކަމަށެވެ.
އަދި ޕާކިސްތާނުގެ ބައެއް މަތިންދާބޯޓުތައް ވައްޓާލި ކަމަށް ވެސް އިންޑިއާއިން ވަނީ ބުނެފަ އެވެ. ޕާކިސްތާނުން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ. ނަމަވެސް އެ ގައުމުގެ ވައިގެ މަރުކަޒުތަކަށް ހަމަލާތައް ދިންކަން ގަބޫލުކޮށްފަ އެވެ.
އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ހިނގި ހަނގުރާމަ ހުއްޓާލުމުގެ ކްރެޑިޓް ލިބޭ ބޭފުޅަކީ ޓްރަމްޕް ކަމަށް އޭނާ ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. ނަމަވެސް އެކަން ހިނގީ ޓްރަމްޕްގެ ބައިވެރިވުމުގެ ސަބަބުން ކަމަށް ޓްރަމްޕް ވިދާޅުވާ ވިދާޅުވުމާ އިންޑިއާ އިން ވަނީ ދެކޮޅު ހަދާފަ އެވެ. އަދި ވިޔަފާރީގެ މަޝްވަރާތައް ހުއްޓާލާނެ ކަމުގެ އިންޒާރު ވެސް ޓްރަމްޕް ގެންދަވަނީ ދެއްވަމުންނެވެ.
އިންޑިއާ-ޕާކިސްތާނު ހަނގުރާމާގައި 5 ޖެޓް ވައްޓާލި: ޓްރަމްޕް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ