ޑަބްލިޔުއެޗްއޯގެ 152 ވަނަ އެގްޒެކެޓިވް ބޯޑު ބައްދަލުވުމުގައި ރާއްޖެ

ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ 152 ވަނަ އެގްޒެކެޓިވް ބޯޑު ބައްދަލުވުން ފަށައިފިއެވެ.
އެ ބޯޑް ބައްދަލުވުމުގައި ވަނީ މިނިސްޓަރ އޮފް ހެލްތު އަޙުމަދު ނަސީމް ބައިވެރިވެވަޑައިގަންފައެވެ. މިބައްދަލުވުމަކީ، ދުނިޔޭގެ 34 ޤައުމަކުން، ސިއްޙީ ދާއިރާގެ ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާ ބައިނަލް އަޤްވާމީ މުހިންމު ނިންމުންތަކެއް ނިންމާ އެންމެ މަތީ ފަންތީގެ ބައްދަލުވުމެކެވެ.
އެ ބައްދަލުވުން  ބާއްވަނީ، ޑަބްލިޔުއެޗްއޯގެ އެގްޒެކެޓިވް ބޯޑުގެ މެމްބަރޝިޕް އަދި ނޮން-މެންބަރޝިޕް ޤައުމުތަށް ހިމެނޭގޮތަށް ސްވިޒަރލޭންޑްގެ ޖެނީވާގައެވެ. އަދި 2022 ވަނަ އަހަރުގެ މެއި މަހުން ފެށިގެން 3 އަހަރުގެ މުއްދަތަށް ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ އެގްޒެކްޓިވް ބޯޑުގައި، ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ޤައުމުތައް ދިވެހިރާއްޖެއިން ތަމްޞީލްކުރަމުން ގެންދާނެއެވެ.
މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި، ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ 75 ވަނަ ވަރލްޑް ހެލްތު އެސެމްބްލީގައި ނިންމި ނިންމުންތަކާއި، ޕްރޮގްރާމް، ބަޖެޓް އެންޑް އެޑްމިނިސްޓްރޭޓިވް ކޮމިޓީ ބައްދަލުވުމުގެ ރިޕޯޓުތަކާގުޅޭ މަޝްވަރާތަކާއި މި އަހަރުގެ 76 ވަނަ ވަރލްޑް ހެލްތު އެސެމްބްލީގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވާ އެޖެންޑާތަކަށް މަޝްވަރާކުރެވި ނިންމުންތައް ނިންމާނެ ކަމަށެވެ.
އަދި ކޯވިޑް-19 ފަދަ ޞިއްޙީ ކުއްލި ނުރައްކަލުގެ ކާރިސާ ތަކުން ރައްކާތެރިވުމަށްޓަކައި ޕްރިޕެއަރޑްނެސް އަދި ރެސްޕޮންސް އާއި ގުޅޭ މަޝްވަރާތަކެއް ހިންގުމާއި، މިކަމާގުޅޭ މުހިއްމު ނިންމުންތަކެއް ނިންމުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މީގެއިތުރުން ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ޤައުމުތަކަށް ފޯރުކޮށްދޭ އެހީތައް އެންމެ ފައިދާހުރި ގޮތެއްގައި ފޯރުކޮށްދިނުމާ ގުޅޭގޮތުން ޤައުމުތަކުގެ މެދުގައި މަޝްވަރާކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމާގުޅޭ މަޝްވަރާތައްވެސް ކުރެވިގެންދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ