ރައީސް ނަޝީދު ހުންނަވާ މުރައިދޫގެ ސަރަހައްދުގައި މަޑުކުރުން މަނާ!

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވުމަށް ހާއްސަ ކޮށްފައިވާ މުރައިދޫގެ ހިމެނޭ ސަރަހައްދުގައި ރަތް ރޮނގު ދަމާ މަޑުކުރުން މަނާވާ ގޮތަށް ކަނޑައަޅައިފިއެވެ.
ރައީސް ނަޝީދު ކޮޕް26 ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ސްކޮޓްލޭންޑަށް ކުރެއްވި ދަތުރުފުޅަށް ފަހު އެ ގައުމުމުގައި 23 ދުވަހު ހުންނަވާ މާލެ ވަޑައިގަތީ އިއްޔެ ހަވީރެވެ. ނަޝީދުގެ އެ ދަތުރުފުޅުގައި މަތީ ފަންތީގެ އެކިއެކި މަޝްވަރާތަކާއި ބައްދަލުވުންތަކުގައި ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މުރައިދޫގެ ދޮރުމައްޗާއި ކުރިމަތިން ހައިކޯޓް ހިމެނޭ ސަރަހައްދުގައި ވެސް ވަނީ ރަތް ރޮނގު ދަމާފައެވެ. އޭގެ މާނައަކީ އެ ސަރަހައްދުގައި ޕާކު ކުރުމާއި މަޑުކޮށްގެން ތިބުންވެސް މަނާ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސަށާއި އުއްތަމަ ފަނޑިޔާރަށް ރަސްމީ ގެކޮޅު ހަމަޖައްސަން ނިންމައި ގާނޫނުތަކަށް އެ ބަދަލު ގެނައީ ރައީސް ނަޝީދު އަވަހާރަ ކޮށްލަން މިދިޔަ މޭ މަހުގެ ހަ ވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާއަށް ފަހުއެވެ.
މެއި 6 ވަނަ ދުވަހު ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއަށް ފަހު ޖަރުމަނުގައި ހުންނަވައި ބޭސްފަރުވާ ފުރިހަމަ ކުރެއްވުމަށް ފަހު ރައީސް ނަޝީދު ރާއްޖެއަށް ވަޑައިގަތީ މިދިޔަ މަހުގެ 11 ވަނަ ދުވަހުއެވެ. ރާއްޖެ ވަޑައިގެންނެވުމަށް ފަހު ރައީސް ނަޝީދު ހުންނެވީ ހޮޓެލް ޖެންގައެވެ. އެތަނުގައި އެމަނިކުފާނު ހުންނެވުމަށް ހަރަދު ކޮށްފައި ވަނީ ސަރުކާރުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ