ޔޫތު މިނިސްޓަރު މަހްލޫފްގެ މައްޗަށް ދައުވާ ކޮށްފި

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް ދައުވާކުރަން ކުރިމިނަލް ކޯޓަށް މިއަދު ފޮނުވައިފިއެވެ.
ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން މަހުލޫފްގެ މައްޗަށް އުފުލާފައި ވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުން ރިޝްވަތު ހިފުމުގެ ދައުވާއެވެ.
އެސްއޯއެފްއާ އެކު ޑޮލަރުގެ މުއާމަލާތެއް ހިންގާފައިވާކަން އެނގުމުން، އެންމެ ފުރަތަމަ މަހްލޫފް ސަސްޕެންޑް ކުރީ ފެބްރުއަރީ 14، 2019 ގައެވެ. އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި މަހްލޫފްގެ މައްސަލައެއް ނެތުމުން ބަލަން ޖެހޭ އިތުރު ކަންކަމަށް ބެލުމަށް ފަހު، މަހްލޫފްގެ ސަސްޕެންޝަން އުވާލީ، އޭގެ ދެ މަސް ފަހުން އޭޕްރިލް 16، 2019 ގައެވެ.
ނަމަވެސް އެސްއޯއެފުން ޑޮލަރު ޖަމާކުރި ފަރާތްތަކުގެ ތަފްސީލު ހިމެނޭ ރިޕޯޓް އޭސީސީން ނެރުމުން، މަހުލޫފްގެ މުއާމަލާތެއް ވެސް އޭގައި ހިމެނޭތީ އޭނާ ވަނީ އަނެއްކާ ސަސްޕެންޑް ކޮށްފައެވެ. މަހްލޫފް ސަސްޕެންޗަންގައި މިހާރު ހުްނަވާތާ 2 މަސް ދުވަހަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. އަދިވެސް މި މައްސަލައިގައި ޕީޖީން ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ. އަދި އެކަމާ ގުޅިގެން މަހްލޫފް އަންނަނީ އޭނާގެ ކަންބިޑުވުން ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާ ކުރަމުންނެވެ. މިކަމާ ގުޅިގެން ޕީޖީން ބުނެފައި ވަނީ، ޔޫތު މިނިސްޓަރު މަހްލޫފްގެ މައްޗަށް ދައުވާ ކުރުމާ މެދު ގޮތެއް ނިންމުން ދިގުލައިގެން ދިޔަ ނަމަވެސް މަހްލޫފް ވީތީ ތަފާތެއް ނުކުރާނެ ކަމަށެވެ.
އެމްޑީޕީން ވަނީ އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބު 2021 ގައި ވާދަކުރުމަށް ކުރިމަތިލި ކެންޑިޑޭޓުންގެ ތެރެއިން ގައުމީ ހިންގާ ކޮމެޓީގެ ނިންމުމާއި އެއްގޮތަށް ޝަރުތު ހަމަވާ ކެންޑިޑޭޓުންގެ ނަންތައް އާންމު ކޮށްފައެވެ. އެ ލިސްޓްގައި މަހްލޫފް ނުހިމެނޭ އިރު، ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވެސް ވަނީ އެ ލިސްޓުން ޝަރުތު ހަމަނުވާ ފަރާތެއްގެ ގޮތުގައި ހިމަނާފައެވެ. އޭނާއަކީވެސް އެމްއެމްޕީއާރުސީގެ މައްސަލައިގެ ތުހުމަތު އޮތް ފަރާތެކެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އޭސީސީން ޕީޖީ އޮފީހަށް މިއަހަރުގެ ޖޫން މަހުގެ ނުވަ ވަނަ ދުވަހު ފޮނުވުމުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، މަހުލޫފު މަގާމުން ސަސްޕެންޑް ކުރެއްވިއެވެ. ނަމަވެސް ހަތަރު މަސްދުވަހަށް ފަހު މިދިޔަ އޮކްޓޫބަރު މަހުގެ ދިހަވަނަ ދުވަހު އޭނާގެ ސަސްޕެންޝަން ވަނީ ނިމުމަކަށް ގެނެސްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ