ރާއްޖޭގައި ފުރަތަމަ ސައިކޮލޮޖީ ލެބް ވިލާ ކޮލެޖުގައި އިފްތިތާޙް ކޮށްފި

ވިލާ ކޮލެޖުން ސައިކޮލޮޖީ ލެބޯޓްރީއެއް ޤާއިމްކޮށް އިފްތިތާޙްކޮށްފިއެވެ. މިއީ ދިވެހިރާއްޖޭގައި މިފަދައިން ޤާއިމްކުރެވޭ ފުރަތަމަ ލެބް ވެސް މެއެވެ.
މި ލެބް އިފްތިތާޙް ކޮށްދެއްވީ، އެކަމަށްޓަކައި ވިލާ ކޮލެޖުގެ ސައިކޮލޮޖީ ލެބްގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި، ޝަރަފުވެރި މެހުމާނު، ޑރ. އާފިއާ ޢަލީ އެވެ. ލެބް އިފްތިތާޙް ކުރެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި ޑރ. އާފިއާ ވަނީ ސައިކޮލޮޖީގެ ދާއިރާއިން މަތީ ތަޢުލީމް ޙާސިލް ކުރާ ދަރިވަރުންނަށް ސައިކޮލޮޖީގެ އެކި ތަޙުލީލުތައް ހެދުމަށްޓަކައި ޚާއްސަ ލެބެއް ޤާއިމްވެފައި ހުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލެއްވި އެވެ. އަދި ވިލާ ކޮލެޖުގެ ފަރާތުން އެފަދަ ތަފާތު ތަޖުރިބާއެއް ދަރިވަރުންނަށް ހޯދައިނުމުގައި ކޮށްފައިވާ މަސައްކަތް ފާހަގަ ކުރެެއްވިއެވެ.
މި ޙަފްލާގައި ފެކަލްޓީ އޮފް އެޑިއުކޭޝަން ސްޓަޑީޒްގެ ފަރާތުން ލެކްޗަރަރ އަދި ކައުންސެލަރ، އަލްފާޟިލް އާއިޒް އަހްމަދު ރަޝީދު ދެއްކެވި ވާހަކަފުޅުގައި، ވިލާ ކޮލެޖުގެ ފަރާތުން އަބަދުވެސް ދަރިވަރުންގެ ކިޔެވުމާއި ދާއިރާއިން ތަޖުރިބާ އާއި ހުނަރު އިތުރުވާ ފަދަ ކަންތައްތައް ތަޢާރަފްކުރުމަކީ ވަރަށް މައިގަނޑު އަމާޒެއް ކަމަށާއި، ސައިކޮލޮޖީގެ ދާއިރާއިން ވިލާ ކޮލެޖުން މަތީ ތަޢުލީމް ޙާސިލްކުރާ ދަރިވަރުންނަށް މި ލެބޯޓްރީގެ ސަބަބުން އެތައް ފަސޭހަތަކަކާއި ކުރިއެރުންތަކެއް ލިބިގެންދާނެ ކަން ފާހަގަ ކުރެއްވިއެވެ.
ވިލާ ކޮލެޖުން މި އިފްތިތާޙް ކުރެވުނު ސައިކޮލޮޖީ ލެބަކީ ސައިކޮލޮޖީގެ ދާއިރާއިން އެކްސްޕެރިމެންޓަލް ލަރނިންގ ނުވަތަ ތަޙްލީލީ އުނގެނުން އިތުރުކުރުމަށްޓަކައި ދަރިވަރުންނަށް އައު ފުރުސަތުތަކެއް ހުޅުވިގެންދާނެ ފަދަ ގޮތަކަށް ފަރުމާކުރެވިފައިވާ ލެބެކެވެ. ވިލާ ކޮލެޖުން ސައިކޮލޮޖީ ދާއިރާއާއި އަދި އެނޫންވެސް އެކި ދާއިރާތަކުން ތަޢުލީމް ހާސިލްކުރުމުގެ ފުރުސަތު ޖެނުއަރީ އިންޓޭކް 2022 އަށް މިހާރުވަނީ ހުޅުވާލެވިފައެވެ. އެޕްލައި ކުރުމުގެ އެންމެ ފަހު ތާރީޚާކީ 04 ޖެނުއަރީ 2022 އެވެ. 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ