އެމްއެމްޕީއާރްސީގެ ފައިސާ ރައީސް ނެންގެވިކަން ހާމަވާ ހެއްކެއް ހުރިނަމަ އާންމުކުރޭ: ސަރުކާރު

މޯލްޑިވްސް މާކެޓިންގ އެންޑް ޕިއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ފައިސާ ރައީސް ގެންގެވިކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ދައްކަވަނީ ތޯތޯ ވާހަކަ ކަމަށް ސަރުކާރުން ބުނެފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް މިއަދު ވިދާޅުވީ، އަލީ ވަހީދު ދައްކަވަނީ ތޯތޯ ވާހަކަ ކަމަށެވެ. އަދި އަލީ ވަހީދު އެ ވިދާޅުވާފަދަ ހެއްކެއް ހުރިއްޔާ ހާމަކުރުމަށް ވަނީ އެދިފައެވެ. މަބްރޫކް ވިދާޅުވީ، ރައީސް ކޮމްޕްރޮމައިޒް ވާފަދަ ހެކިތަކެއް ހުރިނަމަ ހާމަކުރެއްވުމަށް ރައީސްވެސް މީގެ ކުރިން އެދިލައްވާފައި ވާކަމަށެވެ. އަދި އެފަދަ ހެއްކެއް ނޯންނާނެކަމުގެ ޔަގީންކަން ރައީސް ދެއްވާފައި ވެއެވެ.
އަލީ ވަހީދު ރޭ ވާޗުއަލްކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، އެމްއެމްޕީއާރްސީގެ ފައިސާ ހުރި ކަޅު ދަބަހެއްގައި އެމްޑީޕީގެ އެންމެ އިސް ފަސް ލީޑަރުންގެ ތެރެއިން ބޭފުޅަކު ހިފިކަމަށާއި، އޭރު އަލީ ވަހީދު ހުންނެވީ އެ ޕާޓީގެ ޗެއާޕާސަންގެ މަގާމުގައި ކަމަށް ވިދާޅުވިއެވެ.
ރައީސް ސޯލިހު އޭރު ހުންނެވީ އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރުގެ މަގާމުގައެވެ. އެހެން ކަމުން ނޫސްވެރިން ވަނީ އެ ފައިސާގައި ހިފި މީހުންގެ ތެރޭފައި ރައީސް ސޯލިހު ހިމެނިވަޑައިގަންނަވާތޯ ކަށަވަރު ކޮށްދިނުމަށް އެދިވަޑައިގެންފައެވެ. އެކަމަށް ޖަވާބު ދެއްވަމުން އަލި ވަނީ ރައީސް ސޯލިހު އެ ފައިސާގައި ހިފި ކަމަށް ވިދާޅުވެފައެވެ.
އެގޮތުން، ހިޔާނާތުގެ ފައިސާގެ 35 މިލިއަން އަށްވުރެ ގިނަ ރުފިޔާ ގެންދެވި ކަމަށެވެ. އަދި އެމްޑީޕީއާއި އެ ޕާޓީގެ ވަކިވަކި މެންބަރުންވެސް ހިޔާނާތުގެ ފައިސާގައި ހިފާފައި ވާކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ