ރޯމާއާ ދެކޮޅަށް ކުޅޭ މެޗުގައި އަގުއެރޯއަކަށް ނުކުޅެވޭނެ

ޗެމްޕިއަންސް ލީގުގައި ރޯމާއާ ދެކޮޅަށް ސިޓީ ކުޅޭ މުހިއްމު މެޗަށް އަނިޔާގެ ސަބަބުން އެޓީމުގެ އިތުބާރު ފޯވާޑް ސާޖިއޯ އަގުއެރޯއަށް ނޭރޭނެ ކަމަށް ސިޓީގެ ކޯޗު މެނުއަލް ޕެލެގްރީނީ ބުނެފިއެވެ.
އަގުއެރޯއަށް އަނިޔާވީ ރޭ ލީގުގައި އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރީކޮޅުއެވެ. އެ އަނިޔާގެ ސަބަބުން ކުޅެން އެރުމަށް އޭނާ މަސައްކަތްކުރި ނަމަވެސް އެކަން ކާމިޔާބުނުވުމާ ގުޅިގެން އެންމެފަހުން އޭނާ ވަނީ ބަދަލުކޮށްފައެވެ.
ޕެލެގްރީނީ ބުނީ އަނިޔާވެފައިވަނީ އަގުއެރޯގެ ފައިގެ ލިގަމެންޓަށް ކަމަށާއި މިވަގުތު ސީދާ އޭނާ ކުޅުމާ ދުރުގައި ހުންނަންޖެހޭނީ ކިހާ ދުވަހަކަށްކަން ބުނަން ނޭނގުނު ނަމަވެސް އެފަދަ އަނިޔާއެއް ލިބޭ ކުޅުންތެރިއަކު ތިން ދުވަހަކުން ރަނގަޅުނުވާނެ ކަމަށެވެ.
"ރޯމާއާ ދެކޮޅަށް ކުޅޭ މެޗު އަގުއެރޯއަށް ގެއްލޭނެ. ލިގަމެންޓަށް އަނިޔާއެއް ވުމުން 3 ދުވަހުން ރަނގަޅުވުމަކީ އެއީ ވަރަށް އުނދަގޫ ކަމެއް" ޕެލެގްރީނީ ބުންޏެވެ.
އަގުއެރޯ މިވަގުތު ހުރީ ވަރަށް ރަނގަޅު ފޯމެއްގައި ކަމުން އެވަރުގެ ކުޅުންތެރިއަކު ނެތުމަކީ ސިޓީއަށް ކުރިމަތިވާނެ ބޮޑު ގެއްލުމެއް ކަމަށްވެސް ޕެލެގްރީނީ ބުންޏެވެ. ނަމަވެސް ސިޓީއަކީ އެންމެ ކުޅުންތެރިއަކަށް ބަރޯސާވެފަ އޮންނާނެ ޓީމެއް ނޫންކަމަށް ވެސް ޗިލީއަށް އުފަން ކޯޗު ބުންޏެވެ.
އަގުއެރޯއަށް އަނިޔާވެފައިވާއިރު އޭނާ އަންނަނީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކާ ސިޓީއަށް މުހިއްމު ގޯލުތަކެއް ވެސް ކާމިޔާބުކޮށްދެމުންނެވެ. އަގުއެރޯ ވަނީ ލީގުގައި މިހާތަނަށް 15 މެޗުގައި 14 ގޯލް ކާމިޔާބުކޮށްފައެވެ.
ޗެމްޕިއަންސް ލީގުގައި ބުދަ ދުވަހުގެރޭ ރޯމާގެ ދަނޑުގައި އެޓީމާ ދެކޮޅަށް ކުޅޭ މެޗުން ސިޓީ ބަލިވެއްޖެނަމަ އެޓީމް މުބާރާތުން ކަޓާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ