އެސްއޯއެފްގައި ހުރީ ކޮރަޕްޝަންގެ ފައިސާކަމަށް ކަނޑައަޅާފައެއް ނުވޭ - ރައީސް ޔާމީން

އެސްއޯއެފުގެ އެކައުންޓްގައި ހުރި ހުރިހާ ފައިސާއަކީ ކޮރަޕްޝަންގެ ފައިސާކަން ރާއްޖޭގެ އެއްވެސް ޝަރުއީ ކޯޓަކުން ނުވަތަ އެއްވެސް ތަހުގީގީ އިދާރާއަކުންވެސް ކަނޑައަޅާފައިނުވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ މައްޗަށް ތުހުމަތު ކުރެވޭ މަނީލޯޑަރިންގެ މައްސަލައިގެ ބަޔާނުގައި ސޮއި ކުރެއްވުމަށް ފުލުހުންގެ އިދާރާގައި ހަ ގަނޑި އިރު ހޭދަ ކުރެއްވުމަށްފަހު، ވަޑައިގެން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ، ފުލުހަށް ހާޒިރުކުރެއްވީ ކުރިން ދެއްވި ބަޔާނުގައި ސޮއިކުރެއްވުމަށް ކަމަށާއި އެކަމުގައި ގިނަ ވަގުތުތަކެއް ހޭދަވީ ކުރިން ދެއްވި ބަޔާން ދިގުވުމާއި އެ ބަޔާނުގައި ހުރި ބައެއް ކަންކަން އިސްލާހް ކުރަން ޖެހުމުން ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވި އެސްއޯއެފްގައި ހުރީ ދައުލަތައް ވަންނަން ޖެހޭ ފައިސާއަށް ވުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އެހެން ނަމަވެސް އެސްއޯއެފްގައި ހުރި ހުރިހާ ފައިސާއަކީ މަނީ ލޯންޑަރިން ނުވަތަ ކޮރަޕްޝަނުގެ ތެރެއިން ވަދެފައިވާ ފައިސާކަން ޝަރުއީ ކޯޓަކުންވެސް ތަހުގީގީ އިދާރާއަކުންވެސް ނިންމާފައި ނުވާ ކަމަށެވެ. އެހެން ނަމަވެސް އެސްއޯއެފްގެ ފައިސާއަކީ ކޮރަޕްޝަންގެ ފައިސާކަމަށް ދައުލަތުގެ އިދާރާތަކަށް ގަބޫލު ކުރެވޭނަމަ އެއްވެސް ފަރާތަކުން އެފައިސާ ގަބޫލު ނުކުރަން އަންގާ އިޢުލާން ކުރަން ޖެހޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
"މަނީ ލޯންޑަރިންނަކީ ދެކޮޅަށް އޮންނަ ކޮންސެޕްޓެއް. އެއް ކޮޅުގައި އޮންނަ ކޮންސެޕްޓަކީ ލޯންޑަރ ކުރާމީހާ. އަނެއް ކޮޅުގައި އޮންނަ ކޮންސެޕްޓަކީ އެފައިސާ ލިބޭ މީހާ. އެކަމުގައި އެހީވިތޯ ނޫންތޯ. މިހާތަނަކަށް ނޯންނާނެ ރާއްޖޭގެ ޝަރުއީ ކޯޓަކުންވެސް އަދި އެއްވެސް ތަހުގީގީ އިދާރާއަކުންވެސް ނިންމާފަކާއެއް އެސްއޯއެފްގައި ހުރި ހުރިހާ ފައިސާ އަކީ އެމްއެމްޕީއާރްސީ ފައިސާކަމަކަށް. އެއްވެސް ތަހުގީގީ އިދާރާއަކުން ނުވަތަ ޝަރުއީ ކޯޓަކުން ނޯންނާނެ ނިންމާފަކާ އެސްއޯއެފްގެ އެކައުންޓަކުން ދީފައި ހުރި ހުރިހާ ޗެކް ތަކަކީ މަނީ ލޯންޑްރިންގެ ގޮތުގައި ބެލެވޭނެ ޗެކްތަކެއްކަމަށް." ކުރީގެ ރައީސް ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ އެސްއޯއެފުން އެމަނިކުފާނަށް ފައިސާ ދޭންޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށާއި އެގޮތުން އެމަނިކުފާނުގެ އެކައުންޓުގައިވާ ފައިސާ އަކީ އެސްއޯއެފުން ދީފައިވާ ފައިސާކަން އެނގޭނެ ގޮތެއްވެސް ނޯންނާނެ ކަމަށެވެ. އަދި އެސްއޯއެފުން ޖަމާކުރި އެއްމިލިއަން ޑޮލަރު އިސްލާމިކް ބޭންކުގައިވާ އެމަނިކުފާނުގެ އެހެން އެކައުންޓަކަށް ޖަމާކޮށްފައިވާ ކަމަށާއި، އެއްވެސް ބަދަލެއް ނުގެނެސް އެފައިސާ ބަހައްޓާފައި ވަނީ އެމަނިކުފާނު އިސްތަށިފުޅުގައި ބޮޑެތި ތުހުމަތުތަކެއް އެޅުވުމުގެ ފުރުސަތު އޮތުމުން ކަމަށް ވިދާޅުވިއެވެ.
"އެސްއޯއެފުން އަޅުގަނޑަށް އެއްވެސް ލާރިއެއް ދޭން ޖެހޭ ސަބަބެއް ނޯންނާނެ އިނގޭތޯ. އެއީ އެސްއޯއެފުން އަޅުގަނޑަށް ލިބުނު ލާރިއެއްކަމެއް އަޅުގަނޑަށް އެނގޭނެ ގޮތެއްވެސް ނެތް. އަޅުގަނޑުގެ އެކައުންޓަށް ވަދެފައި ހުރި ފައިސާއެއް ވަދެފައި ހުރީ. މީގެ ކުރިން އަޙްމަދު އަދީބު ހައްޔަރު ކުރަންދެން އަޅުގަނޑަށް ކެމްޕެއިން ކުރަން ލިބޭ ފައިސާ. އެއީހަމަ ރާއްޖެއިން އެކި ފަރާތްތަކުން އަޅުގަނޑު ކެމްޕެއިނަށް ލިބޭ ފައިސާ މެނޭޖް ކޮށްދެއްވަނީ އަދީބު. އެހެންވީމާ އަދީބު އަތްޕުޅުގައި ހުރީ އަޅުގަނޑަށް ކެމްޕެއިނަށް ލިބުނު ފައިސާ." ޔާމީން ވިދާޅުވިއެވެ.
މިދިޔަ އާދިއްތަ ދުވަހުވެސް ރައީސް ޔާމީން ވަނި ފުލުހަށް ހާޒިރު ކުރައްވާފައެވެ. އެގޮތުން ފުލުހުން ބުނެފައިވަނީ އެމަނިކުފާނު ހާޒިރު ކުރެއްވީ އެމްއެމްޕީއާރްސީގެ ޚިޔާނާތާއި ގުޅިގެން ކަމަށެވެ. ރައީސް ޔާމީނަށްގެ ކޮރަޕްޝަންގެ ގިނަ ތުހުމަތުތައް ކުރަމުންއަންނައިރު، އެމަނިކުފާނުގެ އެކައުންޓްތަކުގައި ހުރި 100 މިލިއަން ރުފިޔާ ފުލުހުން ވަނީ ފްރީޒްކޮށްފައެވެ. އަދި އެކައުންޓްތަކަށް ވޭތުވެދިޔަ ފަސް އަހަރު ބޮޑެތި އަދަދުތަކުން ފައިސާ ޖަމާކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ