މީހުން ތަމްރީނު ކުރުމުގައި ތަޖުރިބާއަށް ވުރެ ބޮޑަށް ހުނަރަށް ބަލަންޖެހޭ: އަމީން

މީހުން ކަންކަމަށް ތަމްރީނުކޮށް ކުރިއެރުވުމާއި ދޭތެރޭގައި ވިސްނާއިރު ތަޖުރިބާއަށްވުރެ ބޮޑަށް އެމީހެއްގެ ހުންނަ ހުނަރާއި ދޭތެރޭ ވިސްނުން މުހިއްމު ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.
މަންދު ކޮލެޖުގެ ކެރިއަ ގައިޑެންސް ޕްރޮގްރާމު ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު އަމީން ވިދާޅުވީ ވަކި ގޮތަކުން ކުރިއަށް ގޮސް، ވަކި ކަމެއް ދަސްުކުރުމަށް ވިސްނާ ވިސްނުމުގައި އަމިއްލަ ކުރިއެމުގެ އިތުރުން، ގައުމުގެ ކުރިއެރުމާއި މުޅި މުޖުތަމައުގެ ކުރިއެރުން ހިއްސާވާ ކަމަށެވެ. މިހެންކަމުން މުޖުތަމައުގެ ތެރޭގައި ހުރި ފުރުސަތުތަކުގެ އިތުރުން ފަންނުތަކުން ކުރިއަރައިގެން ދިއުމުގައި ހުރި ފުރުސަތުތަކުގެ ފުރިހަމަ މައުލޫމާތު އިނގެން ޖެހޭ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި މި ކަމުގެސަބަބުން އަމިއްލަ ނަފްސަށް އަންނާނެ ކުރިއެރުންތަކުގެ ފުރިހަމަ މައުލޫމާތު އެނގި، އޮޅުން ފިލުވައިގެން ކުރިއަށް ދިއުން މުހިއްމު ކަމަށްވެސް އަމީން ވިދާޅުވި އެވެ.
ވަޒީފާގެ ފުރުސަތުތައް ހުރީ ހަަމައެކަނި ސަރުކާރުގެ އިދާރާތަކުގައި ނޫންކަން ފާހަގަކުރައްވައި އަމީން ވިދާޅުވީ ސަރުކާރުގެ އިތުރުން އެހެނިހެން ތަފާތު ދާއިރާތަކުގައިވެސް ވަޒީފާތައް އެބަހުރި ކަމަށެވެ. ސިއްހީ ދާއިރާގައިވެސް ތަފާތު ވަޒީފާތައް ހުރިކަން ފާހަގަކުރައްވައި މިނިސްޓަރު ވަނީ މަންދު ކޮލެޖުގެ ފަރާތުން މިފަދަ މައުލޫމާތުތައް ފޯރުކޮށްދިނުމަށް މިއަދު ކުރަން ފެށި މި މަސައްކަތަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާފަ އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ކަންކަމުގައި ކުރިއަރައިގެން ދިއުމަށް ގިނަ ފުރުސަތުތަކެއް ހުރި ކަމުގައިވިޔަސް، މި ފުރުސަތުތަކާ ބެހޭ މައުލޫމާތު ނޭނގޭ ކަމުގައި ވާނަމަ ފުރުސަތުތަކުގެ ބޭނުން ނުހިފޭނެ ކަމަށެވެ. އެހެންކަމުން މަންދު ކޮލެޖުން ފެށި މަސައްކަތުގައި ފުރިހަަމަ އެއްބާރުލުން ދިނުން މުހިއްމު ކަމުގައިވެސް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މިފަަދަ މައުލޫމާތު ތަަކަކީ ކެރިއަ ފަށައި ގަންނަ ހިސާބުގައި ތިބި ކުދިންނަށާއި، ވަޒީފާ އަދާކުރަމުންދާ ފަރާތްތަކަށްވެސް ވަރަށް މުހިއްމު މައުލޫމާތުތަކެއް ކަމަށެވެ. އެހެންކަމުން ކޮލެޖުތަކާއި، ވިޔަފާރި ކުންފުނިތަކާއި، ސަރުކާރުގެ އިދާރާތަކުންވެސް މިފަދަ މައުލޫމާތުތައް ވީހާވެސް ބޮޑަށް ހާމަކުރަން ޖެހޭ ަކަމަށްވެސް ވިދާޅުވެފައިވެ އެވެ.
އަމިއްލަ ކޮލެޖެއްގެ ގޮތުގައި މަންދު ކޮލެޖުން ހިދުމަތް ދެމުންދާތާ 20 އަހަރުވެފައިވާއިރު މީގެ ކުރިން މަންދު ކޮލެޖުން މިފަދަ ޕްރޮގްރާމެއް ސްކޫލްތަކަށް އަމާޒުކޮށް ހިންގާފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ