ރަސްމީ ދަތުރުފުޅަކަށް މިިނިސްޓަރ ޝާހިދު ސައޫދީއަށް ފުރާވަޑައިގެންފި

ރަސްމީ ދަތުރުފުޅަކަށް ފޮރިން މިިނިސްޓަރ އަބްދުﷲ ޝާހިދު ސައޫދީ އަރަބިއްޔާއަށް ފުރާވަޑައިގެންފި އެވެ.
މި ދަތުރުފުޅުގައި މިއަދު މިނިސްޓަރ ޝާހިދު ފުރާވަޑައިގެންނެވި އިރު މި ދަތުރުފުޅަކީ ފޮރިން މިނިސްޓަރގެ މަގާމަށް އައްޔަން ކުރެއްވުމުގެ ފަހުން މިނިސްޓަރ، ސައުދީ އަރަބިއްޔާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
މި ދަތުރުފުޅުގައި މިނިސްޓަރ ޝާހިދު ސައޫދީގެ ފޮރިން މިނިސްޓަރ ޑރ. އިބްރާހިމް ބިން އަބްދުލްއަޒީޒް އަލްއައްސަފްގެ އިތުރުން ސައުދީ ސަރުކާރުގެ އެކި އިސްވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ދެގައުމުގެ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާ ކުރުމަށާއި ރާއްޖޭގެ ތަރައްގީއަށް ސައުދީ ސަރުކާރަށް ވެވޭނެ އެހީތެރިކަމާމެދު މި ދަތުރުފުޅުގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވާކަމަށް ފޮރިން މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
މި ދަތުރުފުޅުގައި މިނިސްޓަރ ޝާހިދާއެކު ރައީސް އޮފީހުގެ ޕޮލިސީ ސެކެޓްރީ އާމިނަތު ޝައުނާއާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެޑިޝަނަލް ސެކެޓްރީ އަހުމަދު ޝިއާން އަދި ފޮރިން މިނިސްޓްރީގެ ބައެއް އިސްބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ