އަތުލައިގަތް ބިދޭސީންގެ ތެރެއިން 69 މީހުން ގަވާއިދާ ޚިލާފު: އިމިގްރޭޝަން

މިދިޔަ ބުދަ ދުވަހު އިމިގްރޭޝަނުން ހިންގި އޮޕަރޭޝަންގައި އަތުލައިގަތް ބިދޭސީންގެ ތެރެއިން 69 މީހުންނަކީ ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅެމުންދިޔަ މީހުން ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ހިންގި މިއޮޮޕަރޭޝަނުގައި ޒިކުރާ މިސްކިތް ހުންނަ ސަރަހައްދާއި ގަޑިބުރު ހުންނަ ސަރަހައްދުން ދެ ގަޑިއެއްހާއިރު ތެރޭގައި ވަނީ 80 ބިދޭސީން އަތުލައިގެންފައެވެ.
ވީނިއުސްއަށް މައުލޫމާތުދެއްވަމުން އިމިގްރޭޝަންގެ ތަރުޖަމާނު ހަސަން ޚަލީލް ވިދާޅުވީ މިއޮޕަރޭޝަންގައި އަތުލައިގަތް 80 ބިދޭސީންގެ ތެރެއިން 69 މީހުންނަކީ ގަވައިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދިޔަ މީހުން ކަމަށާއި އަނެއް 11 މީހުންނަކީ ގަވައިދާ އެއްގޮތަށް އުޅުމެންދާ މީހުން ކަމަށެވެ. އަދި މިމީހުންގެ ތެރެއިން 20 ބިދޭސީންނަކީ އެމީހުނަށް ވަޒީފާ ދިން ފަރާތަށް ފިލައިގެން އިމިިގްރޭޝަނަށް މީގެ ކުރިން ރިޕޯޓްކޮށްފައިވާ މީހުން ކަމަށެވެ.
ހަލީލު ވިދާޅުވީ މިހާރު ކުރިއަށްދަނީ 69 މީހުންނާ ގުޅޭ މައުލޫމާތު ސާފުކޮށް އެމީހުން ފުރުވާލުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން މީގެ ތެރެއިން ލިޔެކިޔުންތައެް ތައްޔާރުކޮށް ނިމުނު 31 މީހަކު މިހަފްތާ ތެރޭގައި ފުރުވާލުމަށް ހަމަޖެހިފައިވާ ކަމަށާއި ބާކީތިބި މީހުންވެސް މިހަފްތާތެރޭގައި ފުރުވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ހަލީލު ވިދާޅުވިއެވެ.
އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ތިބި 69 ބިދޭސީންނަކީވެސް ބަނގްލަދޭޝް މީހުން ކަމަށް ހަލީލު ވިދާޅުވިއެވެ. އަދި އެމީހުން ރާއްޖެ ގެނައި ބަޔަކު ނުވަތަ ޒިންމާ ނަގަންޖެހޭ ބަޔަކު ދެނެގަތުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް ހަލީލު ވިދާޅުވިއެވެ.
ޚަލީލް ވިދާޅުވީ ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް އަމިއްލައަށް އައުމުގެ ފުރުސަތު ހުޅުވާލުމުން ކޮންމެ ދުވަހަކުވެސް ގިނަ ބިދޭސީންތަކެއް އެއޮތޯރިޓީއަށް މިހާރުވެސް އަންނަމުންދާ ކަމަށެވެ. އަދި އެމީހުން ފުރުވާލުމުގެ މަސައްކަތް އިމިގްރޭޝަނުން ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
ޚަލީލް ވިދާޅުވީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ އޮޕަރޭޝަން ކުރިއަށް އޮތް ދުވަސްތަކުގައި މާލޭގެ އިތުރަށް އަތޮޅުތަކުގެ ރަށްރަށުގައި ވެސް ހިންގާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ