ރެއާލުން އެ ފެންނަނީ ރޮނާލްޑޯ ނެތްތަން: ވެން ޑަ ވާޓް

މެޑްރިޑް (ޑިސެމްބަރު 14) - ރެއާލް މެޑްރިޑް މި ސީޒަނުގައި އެހާ ދަށީ ކްރިސްޓިއާނޯ ރޮނާލްޑޯ ނެތުމުން ކަމަށް އެ ޓީމަށް ކުރިން ކުޅުނު ނެދަލެންޑްސްގެ މިޑްފީލްޑަރު ރަފައެލް ވެން ޑަ ވާޓް ބުނެފި އެވެ.
މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް 2009 ވަނަ އަހަރު ރެއާލަށް ބަދަލުވުމަށް ފަހު ރޮނާލްޑޯ ވަނީ އެ ޓީމުގައި ނުވަ ސީޒަން ހޭދަކޮށްފަ އެވެ. އެ ޓީމުގައި ގިނަ ކާމިޔާބީތަކެއް ހޯދައި ގިނަ ރެކޯޑްތަކެއް މުގުރާލުމަށް ފަހު ރޮނާލްޑޯ ވަނީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް އަށް ބަދަލުވެފަ އެވެ.
ރެއާލުގެ ކުރީގެ ކުޅުންތެރިންނާއި މިހާރުގެ ކުޅުންތެރިން އަންނަނީ އެކި ފަހަރު މަތިން އެކި ގޮތަށް ރޮނާލްޑޯ ނެތްތަން އެ ޓީމުން ނުދައްކާ ކަމަށް ބުނެފަ އެވެ. ވެން ޑަ ވާޓް ބުނީ ފެންނަން އޮތް ހަގީގަތަކީ ރޮނާލްޑޯ އަށް ރެއާލުން ބަރޯސާވެފައި އޮތްއޮތުން ކަމަށެވެ.
"ސީޒަނެއްގައި މަދުވެގެން 40 ނޫނީ 50 ގޯލު ޖަހަމުން އައި ކުޅުންތެރިއަކު ނެތްތަން އެއް ފަހަރުން ފޫބެއްދުމަކީ ވާނެ ކަމެއް ނޫން. ހަގީގަތާ ކުރިމަތިލާންވީ ރެއާލުން ކާމިޔާބު ހޯދީ ރޮނާލްޑޯ އަށް ބަރޯސާވެގެން. މިހާރު އެ ފެންނަނީ އޭގެ ހަގީގަތް. އޭނާ ނެތްތަން އެ ޓިމުން އެބަ ދައްކާ،" 2008-2010 އަށް ރެއާލަށް ކުޅެދިން ވެން ޑަ ވާޓް ބުންޏެވެ.
ރެއާލަށް މި ސީޒަނުގައި ކޯޗުކޮށްދިނީ ސްޕެއިން ގައުމީ ޓީމުގެ ކުރީގެ ކޯޗު ހުލެން ލޮޕެޓެގީ އެވެ. އޭނާ އަށް ރެއާލުގެ އުއްމީދުތަކާ އެއްވަރުގެ ނަތީޖާތައް ނުނެރެވި، ޓީމުގެ ވެރިންގެ އިތުބާރު ގެއްލުމުން ވަނީ ޓީމުގެ ކޯޗުކަން ވެސް ގެއްލިފަ އެވެ. ލޮޕެޓެގީ އަށް ފަހު ރެއާލާ ހަވާލުވީ ކުރީގެ ކުޅުންތެރިއާ ސަންޓިއާގޯ ސޮލާރީ އެވެ.
"ލޮޕެޓެގީ އަށް ވެސް ދިމާވީ ރޮނާލްޑޯ ފަދަ ކުޅުންތެރިއަކު ކްލަބުން ދިއުމުން އެ މައްސަލަ. ސޮލާރީ އަކީ ރެއާލުގެ މީހެއް. އޭނާ އަށް ކްލަބް އެނގޭ. ރޮނާލްޑޯ ނެތުމުން އޭގެ އުނދަގޫތައް ސޮލާރީ އަށް ވެސް ކުރިމަތި އެބަވޭ. އެންމެ ފަހުން ޗެމްޕިއަންސް ލީގުގައި ބަލިވި މެޗުގައި ވެސް އެކަން ފެނިގެންދިޔައީ. އެކަމަކު އަހަރެން ގަބޫލުކުރާނީ ސޮލާރީއާ އެކު ރެއާލް އޮތީ ރަނގަޅު މިސްރާބުގައި،" ވެން ޑަ ވާޓް ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ