ގާނޫނު އަސާސީއަށް ރައީސު ޕުޓިން ހުށަހެޅުއްވި އިސްލާހުތަކަށް ރަޝިޔާގެ ރައްޔިތުން ތާއީދުކޮށްފި

ރަޝިޔާގެ ރައީސު ވްލާޑިމީރް ޕުޓިންގެ ސަރުކާރުން އެގައުމުގެ ގާނޫނު އަސާސީއަށް ހުށަހަޅާފައިވާ އިސްލާހުތަކަށް އެ ގައުމުގެ ރައްޔިތުން ތާއީދުކޮށްފިއެވެ.
ޕުޓިންއަށް 2036 ވަނަ އަހަރާ ހަމައަށް ވެރިކަން ކުރެއްވުމުގެ ފުރުސަތު ލިބިދޭ އިސްލާހުގެ އިތުރަށް، ޕެންޝަންގެ ގޮތުގައި ދޭ ފައިސާ އިތުރުކުރުން ފަދަ އިތުރުކަންކަން ހިމެނޭ އިސްލާހުތަކަށް ވޯޓުލީ މީހުންގެ %70 އަށްވުރެ ގިނަ މީހުން ތާއީދުކޮށްފައިވާ ކަމަށް އެކްޒިޓް ޕޯލްތަކުންނާ، މިހާތަނަށް ލިބިފައިވާ ރަސްމީ ނަތީޖާތަކުން ދައްކައެވެ.
ސެންޓްރަލް އިލެކްޝަން ކޮމިޝަނުން ބުނެފައިވާ ގޮތުގައި މިހާތަނަށް ވޯޓުގެ %30 ގުނިފައިވާއިރު %74 މީހުން ވަނީ ގާނޫނު އަސާސީ އިސްލާހުކުރުމަށް ތާއީދުކޮށްފައެވެ. ދެކޮޅަށް ވޯޓުދީފައިވަނީ %24 މީހުންނެވެ.
ރައްޔިތުންގެ ތާއީދާއެކު ފާސްވި އިސްލާހުގައި ވާގޮތުން، ރައީސު ޕުޓިންގެ މިހާރުގެ ރިޔާސީ ދައުރު 2024 ގައި ނިމުމަށް ފަހު، 6 އަހަރުގެ ރިޔާސީ ދެ ދައުރަށް ކުރިމަތިލެއްވުމުގެ ފުރުސަތު އޭނާއަށް ލިބިވަޑައިގަންނަވާނެއެވެ. އެހެންކަމުން 2036 ވަނަ އަހަރާ ހަމައަށް ވެރިކަމުގައި ހުންނެވުމުގެ ފުރުސަތު އޭނާއަށް އެބައޮތެވެ.
ކޮވިޑް-19 ގެ ނުރައްކާ އޮތުމުން ގިނަ މީހުން އެއްފަހަރާ ވޯޓުލާން ނުކުތުމުގެ ފުރުސަތު ކުޑަކުރުމަށް ވޯޓުލުން އޮތީ 7 ދުވަހަށް ހުޅުވާލާފައެވެ. އިއްޔެއަކީ ވޯޓުލުމުގެ އެންމެ ފަހު ދުވަހެވެ. ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ %60 މީހުން އިއްޔެ މެންދުރާ ހަަމައަށް ވޯޓުލާފައިވާ ކަމަށް ވެއެވެ.
ރައީސު ޕުޓިން ވިދާޅުވެފައި ވަނީ އޭނާގެ ސިޔާސީ މުސްތަގުބަލާމެދު ގޮތެއް ނުނިންމަވާ ކަމުގައެވެ. އެހެންނަމަވެސް، ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި 2024 ފަހު އަންނަ 6 އަަހަރުގެ ދެ ދައުރަށްވެސް ޕުޓިން ކުރިމަތިލައްވާނެއެވެ. އަދި އޭނާ ހޮވިިވެސް ވަޑައިގަންނަވާނެއެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ