އޮޅުން އެރުން ކުޑަ ކުރުމަށް އިދާރާތަކުން އަވަހަށް މައުލޫމާތު ފޯރުކޮށްދޭން ޖެހޭ- ރައީސް

ދިވެހި ފުލުހުންނަށް ހުށަހެޅޭ މައްސަލަތުކުގެ މައުލޫމާތު ވީހާވެސް އަވަހަށް ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
އިސްކަންދަރު ކޮށީގައި ފުލުހުންނާއި ބައްދަލު ކުރައްވައި ރައީސް ވިދާޅުވީ، ނޫސްވެރިކަމަށް އެއްވެސް ކަހަލަ ހުރަހެއް ނެތް ކަމަށާއި ބައެއް މީޑިއާތަކުން ގެނެސްދޭ ހަބަރު ތަކާއި ގުޅިގެން ބައެއް ފަހަރު ދިވެހިންނަށް އޮޅުން އަރާކަމަށެވެ. އެގޮތަށް އޮޅުން އަރަނީ އެފަދަ މައްސަލަތަކުގެ ތެދު މައުލޫމާތު ކަމާއި ބެހޭ އިދާރާތަކުން ހާމަ ނުކުރުމުން ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.
އެހެން ކަމުން ރައީސް ވަނީ އެފަދަ އިދާރާތަކުން އެ މައްސަލަތަކުގެ ތެދު މައުލޫމާތު އެންމެ އަވަހަށް ރައްޔިތުންނަށް ހިއްސާ ކުރުމަށް އިލްތިމާސް ކޮށްފައެވެ.
މިގޮތަށް މައުލޫމާތު ދިވެހިންނާއި ހަމައަށް ފޯރުކޮށްނުދޭނަމަ ބަދުނާމު ވެގެން ދަނީ ސަރުކާރުގެ އިތުރުން ދިވެހި ފުލުހުން ކަމަށް ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ. ރައީސް ވިދާޅުވީ، އެއްވެސް ފުލުހަކު އެފަދަ ބަދުނާމެއް ބޮލުގައި އަޅުވާކަށް ބޭނުން ނުވާނެ ކަމަށާއި އެކަމަށް ވެވެން އޮތް ހުރިހާ ކަމެއް އެބޭފުޅުން ކުރައްވާ ކަމަށެވެ.
ރައީސް ވިދާޅުވީ، ރާއްޖޭގެ މުޖުތަމައުގެ ތެރޭގައި އުފެދިފައިވާ އިޖުތިމާއީ ގިނަ މައްސަލަތަކަކީ ހައްލު ނުކުރެވިފައިވާ، ގިނަ ދުވަސްވީ މައްސަލަތައް ކަމަށާއި ސަރުކާރުން މިހާރު މަސައްކަތް ކުރަމުން އަންނަނީ އިޖުތިމާއީ މައްސަލަތައް ހައްލު ކުރުމަށް ކަމަށެވެ.
"އެއީ ގަވާއިދާއި ހިލާފަށް ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ މައްސަލަތައް ކަމަށްވީ ނަމަވެސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި ގެވެށި އަނިޔާ އާއި މަސްތުވާތަކެތީގެ މައްސަލަތައް ކަމަށްވީ ނަމަވެސް މިއީ ހައްލު ނުކުރެވި މުޖުތަމައުގައި ހުރި ދުވަސްވީ މައްސަލަތައް،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ފުލުހުންނަކީ ޤާނޫނު ތަންފީޒު ކުރުމުގެ އެންމެ މުހިންމު އެއް ރޯލު އަދާ ކުރާ ރައްޔިތުންނާއި ގާތުން މަސައްކަތް ކުރާ ބަޔަކަށްވުމުން އެ މައްސަލަތައް ހައްލު ކުރުމުގައި ފުލުހުންގެ ރޯލު ވަރަށް މުހިންމު ކަމަށެވެ. މިކަންކަން ކާމިޔާބު ކުރުމަށް ޤާނޫނުތަކަށް ބަދަލު ގެންނަން ޖެހޭ ކަމަށް ގަބޫލު ކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ފުލުހުންނާއި ތަންފީޒި އިދާރާތަކަށް ބޭނުންވާ ވަސީލަތްތަކާއި ތައުލީމާއި ތަމްރީނުވެސް އިތުރަށް ހޯދަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ