ފައިސާ ހޯދަން ދަސްކޮށް ތުއްތު ގަތީ ބައިސްކަލެއް!

އުމުރުން ހަ އަހަރުގެ އަބްދުﷲ ޒާހިން (ތުއްތު) ބައިސްކަލެއް ބޭނުންވެގެން އާއިލާ މީހުންގެ ގާތު އެ ވާހަކަ ދައްކާތާ ދުވަސްކޮޅެއް ވެއްޖެ އެވެ. އެކަމަކު، ތ. ހިރިލަންދޫގައި އުޅޭ އާއިލާ އިން އޭނާ އަށް ވަގުތުން ބައިސްކަލް ގަނެދިނުމުގެ ބަދަލުގައި އޭނާ އަށް ދަސްކޮށްދިނީ އަމިއްލަ މަސައްކަތުން ފައިސާ ހޯދައިގެން ބައިސްކަލް ގަނެދިނުމަށެވެ.
އެ އާއިލާ އިން ވާހަކަދެއްކި ތުއްތުގެ ދައްތައަކު ބުނީ، ގަސް ވިއްކައިގެން ލިބޭ ފައިސާއިން ބައިސްކަލެއް ގަތުމުގެ ހިޔާލު މި މަހުގެ ހަތަރު ވަނަ ދުވަހު ހިއްސާކުރީ ވެސް ޔޫކޭޖީގައި ކިޔަވަމުން އަންނަ ކޮއްކޮ އަމިއްލަ އަށް ކަމަށެވެ. އެ ގޭގައި ގިނަ އަދަދެއްގެ ގަސް އިންދާފައި ހުރުމުން އެކަން އެހާ އުނދަގުލެއް ވެސް ނުވި އެވެ.
ގޭގައި ހައްދާފައި ހުރި ގަސްތަކުގެ ތެރެއިން، ކުދިކުދި ގަސްތައް ބަލައި އެ އެއްޗެހި އުފުރުމަށްފަހު އިންދީ ޕްލާސްޓިކް ފުޅީގަ އެވެ. އެގޮތަށް ވިއްކައިގެން ތުއްތުއަށް ލިބުނު 1،300ރ. އިން ވަނީ މިިދިޔަ ބުރާސްފަތި ދުވަހު ބައިސްކަލް ގަނެފަ އެވެ.
އެ ހިޔާލަށް އާއިލާގެ އެންމެންގެ ތަރުހީބު ލިބުނެވެ. އޭގެ ދެ ދުވަސް ފަހުން އެ ކުއްޖާ ގަސް ވިއްކަން ފެށީ ތިރީހަކަށް ގަސް ތައްޔާރުކުރުމަށް ފަހުގަ އެވެ. ކަނޑޫދޫ މިރުހާއި ތޮޅި މިރުހާއި ފަޅޯ ގަހާއި ޕެޝަން ފުރުޓް ވެޔޮގަނޑު ވިއްކީ 10ރ. އަށެވެ.
ތުއްތު ގަސް ވިއްކަން ތައްޔާރުކޮށްފައި.--
"ގޭގައި ހުންނާނެ ވަރަށް ގަސް ހައްދާފައި. އެކަމުގެ ތެރެއިން ތުއްތު އަށް މި ހިޔާލު ލިބުނީ. ގޭ އެންމެން ވަރަށް ސަޕޯޓު ދިން އެކަމަށް،" އާއިލާއިން ވާހަކަދެއްކި މީހާ ބުންޏެވެ.
ކުޑަ އަގެއްގައި ގަސް ވިއްކި ނަމަވެސް، ބައެއް މީހުން ތުއްތު އަށް ހިތްވަރުދިނުމަށް އެއަށްވުރެ ގިނައިން ފައިސާ ދީފައި ވެ އެވެ. އެހެންވެ އުއްމީދުކުރި ވަރަށް ވުރެ އަވަހަށް، އަށް މެމްބަރުން ތިބި އާއިލާގެ އެންމެ ހަގަށް ހުރި ކޮއްކޮ އަށް ވަނީ ބައިސްކަލް ހޯދައިފަ އެވެ.
"ހަމައެކަނި ގަސް ވިއްކައިގެން ލިބުނު ރުފިޔާއިން ބައިސްކަލް ގަތީ. ތުއްތު ވަރަށް އުފަލުން ހުރީ. ގަސް ގަންނަން ބޭނުންވެގެން މިތާ ކައިރި ރަށްތަކާއި މާލޭގައި އުޅޭ މީހުން ވެސް މެސެޖުކުރި. ބައިސްކަލް ގަތަސް އަދި އިތުރަށް ވެސް ގަސް ވިއްކަން ނިންމައިގެން ތުއްތު ހުރީ،" ދައްތައަކު ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ