ނަޝީދު ފޯމު ހުށަހަޅުއްވައިފި

ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ރައީސްގެ މަގާމަށް ވާދަކުރެއްވުމަށް އެ މަގާމުގައި މިހާރު ވެސް ހުންނެވި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރެއްވުމުގެ ފޯމު މިއަދު ހުށަހަޅުއްވައިފި އެވެ.
މަޖިލީހުގެ ރައީސް ކަން ވެސް ކުރައްވާ ނަޝީދު މިއަދު ހެނދުނު ވަނީ އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުލް ސައްތާރަށް ކެންޑިޑެސީ ފޯމު ހަވާލުކުރައްވައިފަ އެވެ. އަދި އެ ޕާޓީގެ 400 މެންބަރުންގެ ތާއީދު އޮތް ކަމުގެ ސޮއި ހަމަކޮށްފައިވާ ލިޔުންތައް ވެސް އެމަނިކުފާނު ވަނީ އަނަސްއަށް ހަވާލު ކުރައްވައިފަ އެވެ.
އެމްޑީޕީގެ ލީޑާޝިޕް ހޮވުމަށް ބާއްވާ އެ ޕާޓީގެ އެތެރޭގެ އިންތިހާބުގައި ކުރިމަތިލައްވާ ބޭފުޅުން މަދުވެގެން އެ ޕާޓީގެ 400 މެންބަރުންގެ ސޮއި ހުށަހަޅަން ޖެހެ އެވެ.
އެމްޑީޕީގެ ރައީސްގެ މަގާމާއި ނައިބު ރައީސްގެ މަގާމު ހުސްވެފައިވާތީ، އެ ދެ މަގާމުގެ އިންތިހާބު އަންނަ މަހުގެ 22 ގައި ބާއްވަން އެ ޕާޓީން ވަނީ ނިންމައިފަ އެވެ. އެ މަގާމުތަކަށް ކުރިމަތިލާން ހުޅުވާލި ފުރުސަތު މިއަދު މެންދުރު 12:00 އަށް ހަމަވާނެ އެވެ.
އެމްޑީޕީގެ ރައީސް ކަމަށް ދެވަނަ ދައުރަކަށް ރައީސް ނަޝީދު ކުރިމަތިލެއްވިއިރު، އެ ޕާޓީގެ ނައިބު ރައީސްގެ މަގާމަށް ކުރިމަލެއްވީ މިހާރު ވެސް އެ މަގާމުގައި ހުންނެވި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒް (ޝިއްޕެ) އާއި މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ