ފަލަސްޠީނުގެ ބިންތަކުގައި ހިންގާފައިވާ ހަނގުރާމައިގެ ޖަރީމާތަކުގެ ރަސްމީ ތަހުގީގެއް ފަށަން އައިސީސީން ނިންމައިފި

އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) ގެ ޗީފް ޕްރޮސެކިއުޓަރު ފާތޫ ބެންސޫދާ ނއިސްރާއީލުން ހިފާފައިވާ ފަލަސްޠީނުގެ ބިންތަކުގައި ހިންގާފައިވާ ހަނގުރާމައިގެ ޖަރީމާތަކުގެ ރަސްމީ ތަހުގީގެއް ފަށްޓަވަން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) ގެ ޗީފް ޕްރޮސެކިއުޓަރު ފާތޫ ބެންސޫދާ ނިންމަވައިފިއެވެ.
އޭނާ ވިދާޅުވި ގޮތުގައި މި ތަހުގީގު ކުރިއަށް ދާނީ "މިނިވަންކޮށް، ވަކި ފަރާތަކަށް ނުޖެހި، ލަނޑުދަނޑިއަށް ވާސިލުވުމު ބޭނުމުުގައި، ބިރެއް އަދި ވަކި ފަރާތަކަށް ފައިދާ ހޯދައިދިނުމުގެ މަގުސަދެއް ނެތި"އެވެ.
"ތަހުގީގެއް ފެށުމަށް ނިންމި ނިންމުން އައިސްފައި މިވަނީ އަހަރެންގެ އޮފީހުން ފަސް އަަހަރުދުވަހުގެ މުއްދަަތަށް ކުރިއަށް ގެންދިޔަ ނުހަނު ދަތި އުނދަގޫ އިބްތިދާއީ އެސެސްމަންޓަށް ފަހުގައެވެ." ޕްރޮސެކިއުޓަރު ނެރުއްވި ބަޔާނުގައި ވެއެވެ.
ތަހުގީގު ކުރިއަށް ގެންދަން ނިންމާފައި މިވަނީ ހިފާފައިވާ ބިންތަކުގެ މައްސަލަަަތައް ބެލުން އައިސީސީގެ އިޚްތިސާސުގެ ތެރޭގައި ހިމެނޭ ކަމަށް މި ފެބުރުވަރީ މަހުގެ 5 ވަނަ ދުވަހު އެ ކޯޓުން ނިންމުމަށް ފަހުގައެވެ.
"މިކަން ނިމޭއިރު އަހަރުމެން އެންމެ ބޮޑަށް ވިސްނަން ޖެހޭނީ ޖަރިމާތަކު ޝިކާރައަކަށްވީ ފަލަސްޠީނުގެ އަދި އިސްރާއީލުގެ މީހުންނާ މެދު." ބެންސޫދާގެ ބަޔާނުގައި ވެއެވެ.
"އިރުމަތީ ޤުދްސު (އިރުމަތީ ޖެރޫސަލަމް) ވެސް ހިމެނޭހެން ހުޅަނގު އައްސޭރީގައި އަދި ޣައްޒާގައި ހަނގުރާމައިގެ ޖަރީމާތައް ހިންގާފައިވޭ ނުވަތަަ ދަނީ ހިންގަމުން." އައިސީސީގެ ޕްރޮސެކިއުޓަރު 2019 ވަނަ އަހަރުގެ ޑިސެންބަރު މަހު ވިދާޅުވެފައި ވެއެވެ. ފާތޫ ބެންސޫދާގެ ދައުރު އަންނަ ޖޫންމަހުގައި 16 ގައި ހަމަވެ، އިނގިރޭސިވިލާތުގެ ޕްރޮސެކިއުޓަރެއް ކަމުގައިވާ ކަރީމް ޚާން އެ މަގާމާ ހަވާލުވެވަޑައިގަންނަވާނެއެެވެ.
އިސްރާއީލުން ވަނީ އައިސީސީގެ ނިންމުން ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ. އިސްރާއީލުގެ ޚާރިޖީ ވަޒީރު ގަބީ އަޝްކެނާޒީ އެނިންމުން ސިފަކުރީ "އަޚްލާގީ އަދި ގާނޫނީ ބަނގުރޫޓުވުމެއް"ގެ ގޮތުގައެެވެ. އަދި އޭނާ ބުނީ "ގާނޫނީ ދައުވާއިން އިސްރާއީލުގެ ރައްޔިތުންނާއި، ސިފައިން ސަލާމަތްކުރުމަށް އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް އިސްރާއީލުން އަޅާނެ" ކަމުގައެވެ.
ފަލަސްޠީނުގެ ސަރުކާރުންް ވަނީ އައިސީސީގެ ނިންމުމަށް މަރުހަބާކިޔާފައެވެެ.
'މިއީ އިންސާފު ހޯދުމަށާއި، ޒިންމާދާރުކުރުމަށް ވަރުބަލިކަމެއް ނެތި ފަލަސްޠީނުން ކުރަމުން އައި މަސަައްކަތަށް ކާމިޔާބުކުރުމަށް އެޅޭ މަރުހަބާ ކިޔަން ޖެހޭ ފިޔަވަޅެއް." ފަލަސްޠީނުގެ ފޮރިން މިނިސްްޓްރީގެ ބަޔާނެއްގައި ވެއެވެ.
1948 ގައި ފަލަސްޠީނު ދެބައިކުރުމަށް ފަހު އިސްރާއީލުގެ ދައުލަތެއް އެ ބިމުގެ އެއްބައިގައި އުފެއްދިއެވެ. އަދި ހުޅަނގު އައްސޭރިއާއި، ޣައްޒާގައި ފަލަސްޠީނުގެ ދައުލަތެއް ގާއިމުރުމަށް ނިންމި ނަމަވެސް އިސްރާއީލުން ވަނީ 1967 ގައި ފަލަސްޠީނުގެ ބިންތަކަށް އަރައި އެ ބިންތައް ހިފާފައެެވެ. އަދި އެބިންތަކުގައި ފަލަސްޠީނު މީހުންނާ ދެކޮޅަށް ހަނގުރާމައިގެ އެތައް ޖަރީމާއެއް ހިންގާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ