ދައުވާ ކުރެވޭނީ ވެންޓިލޭޓަރު ވައްކަމުގެ ފައިސާ ވަދުނު ތަނެއް ހޯދިގެން: ޝަމީމް

ވެންޓިލޭޓަރު މައްސަލައިގައި އެއްވެސް މީހެއްގެ މައްޗަށް ޖިނާއީ ދައުވާއެއް ނުކުރެވިގެން އުޅެނީ ވައްކަމުގެ ފައިސާ ވަދުނު ތަނެއް ނުހޯދޭތީ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން ޝަމީމް ވިދާޅުވީ ވެންޓިލޭޓަރު މައްސަލައިގައި ބަޔަކަށް "ކަޓު" ދިންކަން އެނގުނު ހިސާބުން ޕީޖީން މައްސަލައިގެ ތެރެއަށް ވަންނަން ޖެހޭނެ ކަމަށެވެ. އެހެންނަމަވެސް ވައްކަމެއް ކުރިކަން އެނގުނު ނަމަވެސް އެމައްސަލައިގައި ޖިނާއީ ދައުވާއެއް ނުކުރެވޭނެ ކަމަށް ޝަމީމް ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވީ އެގްރިމެންޓެއް ހެދުމަށްފަހު އެއާއި އެއްގޮތަށް ފައިސާ ދައްކައި އެފައިސާގެ ބަދަލުގައި ތަކެތި ފޯރުކޮށް ނުދިނުމަކުން އަދި ޖިނާއީ ދައުވާއެއް ނުކުރެވޭނެ ކަމަށެވެ. ތަފްސީލު ކޮށްދެއްވަމުން ޝަމީމް ވަނީ މިސާލެއް ޖައްސަވައިފަ އެވެ.
އާމިރު މިސާލަކަށް ކޮމްޕިއުޓަރު ގަންނަން ބަޔަކާ ކޮންޓްރެކްޓެއް ހެދީ. އެ ކޮމްޕިއުޓަރެއް ނައި، ފައިސާ ދީފި. ދެން އާމިރަށް އެ ކޮމްޕިއުޓަރު ގަތް ކުންފުނިން ކޮންމެވެސް ކަޓެއް ދިނީ، ފައިސާ ދިނީ، ކޮންމެވެސް މަންފާއެއް ދިނީ. އެ މަންފާ އަޅުގަނޑުމެން ހޯދައިގެން އެމައްޗަށް އަޅުގަނޑުމެންނަށް ދައުވާ ކުރެވޭނީ. އޭރުން މި ޖިނާއީ ދައުވާއަކަށް ވާނީ.
- ޕީޖީ ހުސައިން ޝަމީމް
ޝަމީމް ސިފަ ކުރެއްވި ގޮތުގައި ވެންޓިލޭޓަރު އެގްރިމެންޓަކީ ނޭނގުމެއްގެ ތެރޭގައި ބަޔަކު ލަނޑެއް ދިނުމުގެ ގޮތުން ހެއްދުވި އެގްރީމެންޓެއްގެ ގޮތުގަ އެވެ. ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ހިމެނިވަޑައިގަންނަވާހެން މިނިސްޓްރީގެ ވެރިންތަކެއްގެ އެ ގާބިލުންކަން ނެތްކަމަށް ނިންމައި ފިޔަވަޅު އަޅަން ޖެހޭނީ ސަރުކާރުގެ ތެރެއިން ކަމަށް ޝަމީމް ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވި ގޮތުގައި ދައުވާ ކުރެވޭނީ ވެންޓިލޭޓަރު ފޯރުކޮށްދޭން ހަވާލުކުރި ކުންފުންޏަކީ މަސްލަހަތު އޮންނަ ނުވަތަ ވެރިއަކަށް މަންފާއެއް ލިބުނުކަން ތަހުގީގަށް ސާބިތު ކޮށްދެވިގެން ކަމަށެވެ.
އޭސީސީގެ ތަހުގީގަށް އިޝާރާތް ކުރައްވަމުން ޝަމީމް ވިދާޅުވީ އެކޮމިޝަނުން އަލަށް ފޯރުކޮށްދިން މައުލޫމާތުގެ އަލީގައި އެއްވެސް ވެރިއެއްގެ އެކައުންޓަށް ފައިސާ ވަދެފައި ހުރިކަމެއް އަދި ފައިސާ ވަތް ކަމެއް އެނގެން ނެތްކަމަށެވެ. އަދި އޭސީސީން ފޮނުވި ސިޓީގައި ވެސް މި ދެކަންތައް ގުޅުވައި ނުލެވޭ ކަމަށާއި އެކަމަށް މަސައްކަތް ކުރަމުން ގެންދާ ވާހަކަ ބުނެފައިވާކަމަށްވެސް ޝަމީމް ވިދާޅުވި އެވެ.
އަޅުގަނޑަށް ހީވަނީ އެކަމަށް ތަހުގީގު އަދި އިތުރަށް ފުޅާކޮށްގެން ބަލައިފިއްޔާ، އަދި ފުރުސަތެއް އޮވެދާނެހެން (ފައިސާތައް ވަތް ތަނެއް ހޯދުމުގެ). އެކަމަކު އެބައި (ފައިސާ ވަތް ތަނެއް ނުވަތަ އެކައުންޓެއް) ނުލިބި އަޅުގަނޑުމެން ގޮއްސިއްޔާ ދިމާވާނެ މައްސަލައަކީ އަޅުގަނޑުމެން ހުށަހަޅާ މައްސަލަ ސާބިތު ނުވާނީ. ނުވެއްޖެއްޔާ ދެން ދައުވާއެއް ނުކުރާނެ ފަހުން ވެސް.
- ޕީޖީ ހުސައިން ޝަމީމް
އެހެން ކަން ހިނގައިފިނަމަ ދެން ސުވާލު އުފައްދާނީ ސަރުކާރާއި ޕީޖީ ގުޅިގެން ބަޔަކު ދޫކޮށްދިން ކަމާއިމެދު ކަމަށް ޝަމީމް ވިދާޅުވި އެވެ.
ޝަމީމް މިފަދައިން ވިދާޅުވިއިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މިއަދު ވަނީ ވެންޓިލޭޓަރު މައްސަލައިގައި ސަރުކާރުން ބައިވެރިވެފައިވާކަމަށް ބެލެވެން އޮތްކަމަށް ވިދާޅުވެފަ އެވެ. އަދި ޕީޖީ ޝަމީމްއާއި އޭސީސީގެ ރައީސް މަރިޔަމް ޝިއުނާގެ އިތުބާރު ނެތްކަމަށާއި އިސްތިއުފާ ދެއްވަން ޖެހޭކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ. ނަޝީދު ވިދާޅުވީ ވެންޓިލޭޓަރު ވައްކަމުގައި ދޫ ނުދެއްވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ