އެމްޑަބްލިޔުއެސްސީން ތެރަޕިއުޓިކް ދާއިރާއިން ކިޔެވުމަށް ހަތަރު ދަރިވަރެއް ސްޕޮންސާކޮށްފި

އެމްޑަބްލިޔުއެސްސީގެ ފަރާތުން ތެރަޕިއުޓިކް ދާއިރާއިން މީހުން ބިނާކުރުމުގެ މަސައްކަތަށް އެހީވުމުގެ ގޮތުން، އެ ދާއިރާއިން ބެޗްލާސް ޑިގްރީއަށް ކިޔެވުމަށް ހަތަރު ދަރިވަރެއް ސްޕޮންސާކޮށްދީފިއެވެ.
މިއީ އެކި އެކި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ތެރަޕިއުޓިކް ފަރުވާގެ ތެރެއިން އޮކިއުޕޭޝަނަލް ތެރަޕީއާއި ސްޕީޗް ތެރަޕީގެ ދާއިރާއިން މަތީ ތައުލީމާއިި ތަމްރީނު ފޯރުކޮށްދިނުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ކުރިއަށް ގެންދާ ކޯޕަރޭޓް ސްކޮލަޝިޕް ސްކީމްގެ ދަށުން ސްޕޮންސާކޮށްދިން ދަރިވަރުންތަކެކެވެ.
މި ސްކީމްގެ ސްކޮލަޝިޕްތައް ސްޕޮންސާކޮށްފައިވަނީ ބައެއް ސަރުކާރު ކުންފުނިތަކާއި އަމިއްލަ ފަރާތްތަކުން ގުޅިގެންނެވެ.
އެ ސްކީމް އިފުތިތާހު ކުރުމުގެ ގޮތުން، ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ވަނީ ހާއްސަ ވާޗުއަލް ހަފުލާއެއް ބާއްވާފައެވެ. މި ހަފުލާގައި، އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ބައިވެރިވެވަޑައިގެންނެވިއެވެ.
އެމްޑަބްލިޔުއެސްސީގެ ފަރާތުން ސްޕޮންސާކުރާ ހަތަރު ދަރިވަރުން ތަމްރީން ކުރެވޭނީ، އޯޑިއޮލޮޖީ، އޯޑިއޮލޮޖީ އެންޑް ސްޕީޗް ލެންގުއެޖް ޕެތަލޮޖީ، އޮކިއުޕޭޝަނަލް ތެރަޕީ އަދި ބިހޭވިއަރަލް ތެރަޕީ މިދާއިރާތަކުންނެވެ. ހަތަރު އަހަރު ދުވަހުގެ މިކޯސްތައް ފުރިހަމަކުރުމަށް، 2.3 މިލިއަން ދިވެހި ރުފިޔާ ހަރަދުކުރާނެއެވެ.
އެމްޑަބްލިޔުއެސްސީން ބުނީ، މުޖުތަމައަށް ނުހަނު ބޮޑަށް ބޭނުންޖެހިފައިވާ ރޮނގަކުން ދިވެހިން އުނގެނުމަށް މިފަދަ ފުރުސަތެއް، އެކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން ފަހިކޮށް ދެވުމަކީ ލިބިގެންދިޔަ ވަރަށް ބޮޑު އުފަލާކާއި ޝަރަފެއް ކަމަށެވެ. އަދި މިއީ މުޖުތަމައަށް އޭގެ މަންފާ އާއި ލާބަ ނުހަނު ބޮޑަށް ލިބިގެންދާނެ ކަމެއް ކަމަށްވެސް ބުންޏެވެ.
އެމްޑަބްލިއުއެސްސީން އިތުރަށް ބުނީ، އެ ކުންފުނީގެ އަމާޒަކީ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން، މުޖުތަމައަށް ފައިދާކުރަނިވި ކަންތައްތަކެއް ކޮށް، މުޖުތަމައުގެ ކުރިއެރުމަށް މަސައްކަތް ކުރުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ