ވެންޓިލޭޓަރު އެއްބަސްވުން ބާތިލްކޮށް ފައިސާ ހޯދަން ހެލްތަށް ވަނީ އަންގާފައި

ވެންޓިލޭޓަރު ހޯދަން ދުބާއީގެ އެގްޒިކިއުޓާސްއާ އެކު ވި އެއްބަސްވުން ބާތިލްކޮށް، އާބިޓްރޭޝަން މެދުވެރިކޮށް ފައިސާ ހޯދަން ހެލްތު މިނިސްޓްރީއަށް އަންގައިފި އެވެ.
ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ ކޮވިޑު-19 ގައި ހާލު ދެރަވާ މީހުންނަށް ފަރުވާ ދޭން ބޭނުންވާ ވެންޓިލޭޓަރުތައް ގަންނަން ހެލްތު މިނިސްޓްރީން އެގްޒިކިއުޓާސް އެކު ހަދާފައިވާ އެއްބަސްވުން އުވާލަން އެންގީ މިދިޔަ އޮކްޓޯބަރުގައި ކަމަށެވެ. އެއަށް ފަހު، އާބިޓްރޭޝަން މެދުވެރިކޮށް ދައުލަތަށް އެ ފައިސާ ހޯދަން ވެސް ފިނޭންސުން އެންގި އެވެ.
އެގްޒެކިއުޓާސްއާ ހަވާލުކުރީ 75 ވެންޓިލޭޓަރު ހޯދާށެވެ. އޭގެ ތެރެއިން މިހާތަނަށް ރާއްޖެ ފޮނުވީ 15 ވެންޓިލޭޓަރެވެ. އެކަމަކު ފަހުން ފޮނުވި ފަސް ވެންޓިލޭޓަރުގެ ބައެއް އާލާތްތައް މަދުކަމުން އެ ގަބޫލެއްނުކުރެ އެވެ. އެއްބަސްވުމުގައި ބުނާގޮތުން ނަމަ ރާއްޖެއަށް އަދި ވެސް 60 ވެންޓިލޭޓަރު ފޮނުވަން ޖެހެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ކިނބިދޫ ދާއިރާގެ މެމްބަރު އަދި މާލިއްޔަތު ކޮމިޓީގެ މުގައްރިރް މުހައްމަދު ނާޝިޒު ވިދާޅުވީ ވެންޓިލޭޓަރުތަކާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީން އަންގާފައިވާ ގޮތާ މެދު ހެލްތުން އަމަލުކުރި ގޮތެއް ހޯދަން އެދިފައިވާ ކަމަށެވެ.
"އަޅުގަނޑުމެން މިހާރު ވާނީ އެކަމާ ގުޅިގެން މިނިސްޓްރީ އޮފް ހެލްތުން އަމަލުކޮށްފައިވާ ގޮތް ހޯދުމަށްޓަކައި، އެ މައުލޫމާތު ހޯދަން އެ ފަރާތަށް އެދިފައި. އަޅުގަނޑަށް ފާހަގަކޮށްލެވޭ ކަމަކީ، މިއަދާ ހަމައަށް ވެސް ތަހުގީގަށް ވެސް އަދި މަޖިލީހުގެ ކޮމިޓީން އަޅުގަނޑުމެން ކުރަމުންދާ މަސައްކަތަށް ވެސް އެއްވެސް ހުރަހެއް ސަރުކާރުން އަޅުއްވާފައެއް ނުވޭ. އަދި ފުރިހަމައަށް އަޅުގަނޑުމެން ކުރާ މަސައްކަތަށް ސަރުކާރުން އެއްބާރުލުން ދޭކަން ފާހަގަކުރަން،" ވެންޓިލޭޓަރުގެ މައްސަލައަށް ސަރުކާރުން ނުފޫޒު ފޯރުވާކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަށް އިޝާރަތްކުރައްވައި ނާޝިޒު ވިދާޅުވި އެވެ.
ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މި މަހުގެ 6 ގައި ވިދާޅުވެފައި ވަނީ ވެންޓިލޭޓަރުތައް ލިބޭނެ ސީދާ ތާރީޚެއް އަދިވެސް ނޭނގޭ ކަމަށެވެ. އަދި ދުބާއީގެ ކުންފުނީގެ އަމަލުތައް ހުރި ގޮތުން އެ އެއްޗެހި ލިބޭނެހެން ހީނުވާތީ އެކަމުގައި އެހެން ގޮތަކަށް ފިޔަވަޅު އަޅަން ޖެހިފައިވާ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.
ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ދެން ކުރިއަށްދާނެ ގޮތުގެ ލަފައަކަށް ހެލްތުން އެދުމުން އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވަނީ ލަފާ ވެސް ދެއްވައިފަ އެވެ. އެކަމަކު އެ ލަފައިގެ ތަފުސީލެއް އަދި އެއްވެސް ފަރާތަކުން ހާމައެއްނުކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ