އަރަބިއްޔާ އިމާރާތްކުރާ ބިމުގައި ކުރަމުންދާ މަސައްކަތް ހުއްޓުވުމަށް ވަގުތީ ކޯޓު އަމުރަކަށް އެދިއްޖެ

އަރަބިއްޔާ ސްކޫލް އިމާރާތްކުރުމަށް ސަރުކާރުން ހަމަޖައްސާފައިވާ މއ. ޗާނދަނީގޭ (ކުރިން ސެންޓާ ފޯ ކޮމިއުނިޓީ އެޑިއުކޭޝަން ހިންގި) ބިމުގައި އެއްވެސް މަސައްކަތެއް ކުރިޔަށް ނުގެންދިއުމަށާއި އެ ތަން އެއްވެސް ފަރާތަކަށް ދޫނުކުރުމަށް ދައުލަތުގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށް ސައިރިކްސް ކޮމިޕިއުޓާ ޓްރެއިނިން ސެންޓަރުން ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.
ސައިރިކްސް އިން ސިވިލް ކޯޓުގައި ކޮށްފައިވާ ދައުވާއަކާ ގުޅިގެން މިއަދު ވަގުތީ އަމުރެއް ނެރެދިނުމަށް އެދެމުން ސައިރިކްސްގެ ވަކީލާ އައިމިނަތު އަލީ ވިދާޅުވީ 2009 ވަނަ އަހަރު މިނިސްޓްރީ އޮފް އިކޮނޮމިކްސް ޑިވެލޮޕްމެންޓް އިން ސީސީއީ (ސެންޓާ ފޯ ކޮމިއުނިޓީ އެޑިއުކޭޝަން)، ޕަބްލިކް ޕްރަވެޓް ޕާޓްނާޝިޕްގެ (ޕީޕީޕީ) ދަށުން ހިންގުމަށް ހުޅުވާލާފައިވާ ކަމަށެވެ.
އަދި އެ ފުރުސަތުގައި ސައިރިކްސް އިން ބިޑް ހުށަހެޅި ނަމަވެސް ބިޑް ޑޮކިއުމެންޓާ ހިލާފަށް އެ ބިޑް ބާތިލްކޮށްފައިވާ ކަމަށާއި އަދި އެ ތަނާ ގުޅޭ ގޮތުން މައްސަލަ ޝަރީއަތުގައި ހިންގަމުންދަނިކޮށް ސަރުކާރުން އެ ތަން އެހެން ފަރާތަކަށް ދީ މަސައްކަތް ފަށައިފި ނަމަ އިއާދަނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް ސައިރިކްސް އަށް ލިބޭނެކަމަށް ސައިރިކްސްގެ ވަކީލާ އައިމިނަތު ވިދާޅުވި އެވެ.
މި މައްސަލާގައި ހޯދަން އެދޭ ތަނަކީ ސީސީއީގެ ބިން ކަމަށްވުމުން މި މައްސަލާގައި ޝަރީއަތުން ހުކުމެއްކުރުމުގެ ކުރިން އެ ބިން އެހެން ފަރާތަކަށް ދީ ބޮޑު އިންވެސްމެންޓެއްކޮށްފި ނަމަ އެ ތަން ލިބިގަތުމަށް ހުރަސްތަކެއް ކުރިމަތިވެ އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅިގެން ދާނެ ކަމަށް، ވަގުތީ އަމުރެއް ނެރެ ދިނުމަށް އެދެމުން ސައިރިކްސްގެ ވަކީލާ އައިމިނަތު ވިދާޅުވި އެވެ.
މިއަދުގެ ޝަރީއަތުގައި ދައުލަތުގެ ވަކީލާ ވިދާޅުވީ މި މައްސަލައިގެ ބޭނުންވާ ލިޔެކިޔުންތައް އިކޮނޮމިކް މިނިސްޓްރީން ހޯދުމަށް ފަހު ޝަރީއަތަށް ޖަވާބުދާރީވާނެ ކަމަށެވެ.
ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ނިހާޔަތު މިއަދުގެ އަޑުއެހުން ނިންމާލެއްވީ މާޗް ދެ ވަނަ ދުވަހު އަޑު އެހުމެއް ބާއްވައި މާޗް ނުވަ ވަނަ ދުވަހު ވަގުތީ އަމުރާ މެދު ވަކިގޮތެއް ނިންމަވާނެ ކަމަށް ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ