ރައީސް ޔާމީން ކަނޑައެޅުއްވި 5600 ރުފިޔާގެ އަގުގައި ހިޔާ ފުލެޓްތައް ދޫކުރުމަށް ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން ގޮވާލައިފި

ރައީސް ޔާމީން ކަނޑައެޅުވި 5600 ރުފިޔާގެ އަގުގައި ހިޔާފުލެޓްތައް ދޫކުރުމަށް ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން ސަރުކާރަށް ގޮވާލައިފިއެވެ.
މިކަމަށް ގޮވާލައި އެކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ރައީސް ޔާމީންގެ ވެރިކަމުގައި ޤާއިމްކޮށްފައިވާ 7000 ފްލެޓާ ގުޅުވައިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ސަރުކާރުގެ އިސްވެރިންނާއި ވެރިކަންކުރާ ޕާޓީގެ މެމްބަރުން ތަކުރާރުކޮށް ދޮގުހައްދަވައި ރައްޔިތުންނަށް ކަމުގެ ހަޤީޤަތް އޮޅުވާލެއްވުމަށް ކުރައްވަމުން ގެންދަވާ  މަސައްކަތް ހަރުކަށި ޢިބާރާތުން ކުށްވެރި ކުރާކަމަށެވެ.
މި ބަޔާނުގައި ފާހަގަ ކޮށްފައިވާ ގޮތުގައި މާލެއާއި ހުޅުމާލޭގައި ދިވެހި ރައްޔިތުން ދިރިއުޅެމުން ގެންދާ ފްލެޓްތަކާއި ކޮޓަރިތަކަށްވުރެ ހިޔާ ޕްރޮޖެކްޓްގެ ދަށުން ބިނާކުރެވުނު ފްލެޓްތައް އަދި ކޮޓަރިތައް ވެސް ކުޑައެއް ނުވާނެއެވެ. އަދި ރައީސް ޔާމީން ވެރިކަމުން ފައިބައިވަޑައިގެންނެވިއިރު  ނިންމަވައިފައިވާ ގޮތުން ނަމަ އެ ފެލެޓްތަކުގެ މަސައްކަތް އެންމެ ފުރިހަމައަށް ނިންމައި އެތަންތަނުގެ ޙައްޤުވެރިންނަށް 2019 ވަނަ އަހަރުގެ ޖުލައިމަހު ޙަވާލުކުރެވޭނެއެވެ.
ފްލެޓްތަކުގެ ދޮރާއި ޓައިލްސް ނުހުންނާނެ ކަމަށް ވިދާޅުވެ ދައްކަވާ ވާހަކަތަކަކީވެސް  ދޮގު ވާހަކަތަކެއްކަމަށް ޕީޕީއެމް، ޕީއެންސީގެ ނޫސްބަޔާނުގައި ބުނެފައި ވެއެވެ. އެކޯލިޝަންގެ ސަރުކާރެއްގައި ރައީސް ޔާމީންގެ ސަރުކާރުން ކަނޑައަޅައިފައިވާ ގޮތަށް  މަހަކު 5600 ރުފިޔާއަށް ފްލެޓްތައް އޭގެ ޙައްޤުވެރިންނަށް ދޫކުރައްވާނެކަމުގެ ޔަޤީންކަން ވެސް ވަނީ ދީފައެވެ. އަދި ރައްޔިތުންގެ އަތުން އެތަންތަނުގެ ކުލީގެ ގޮތުގައި އިތުރަށް ނަގާފައިވާ ފައިސާ މަޢާފް ވެސްކޮށް ދޭނެކަމަށް ނޫސްބަޔާނުގައިވެއެވެ.
ހިޔާ ފްލެޓްތަކާ ގުޅުވައިގެން ސަރުކާރުން ބަހަނާ ދައްކަވައި ދޮގު ވާހަކަތައް ދައްކަވަމުން ގެންދަވަނީ ދިވެހި ރައްޔިތުން ނިކަމެތިކޮށް، އެ ފްލެޓްތައް ސަރުކާރާއި ސަރުކާރު ހިންގާ ޕާޓީން ބޭނުންވާ ވަކި ބަޔަކަށް ބަހާލުމުގެ ބޭނުމުގައި ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށް ފާހަގަކޮށް އެފަދަ ގޮތަކަށް ކަންކަން ނުކުރުމަށް ވަނީ ގޮވާލައިފައެވެ.
"ފްލެޓްތަކާއި ގުޅުވައިގެން ދޮގުވާހަކަތަކާއި އިތުރު ބަހަނާތައް ދެއްކުމެއްނެތި، އެ ފްލެޓްތަކުގެ ޙައްޤުވެރިންނާ، އެ ފްލެޓްތައް ލަސްނުކުރައްވައި  ޙަވާލުކުރެއްވުމަށާއި، ފްލެޓްތަކުގެ އަގުގެ ގޮތުގައި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުން ނިންމަވާފައިވާ އަގަށްވުރެ ބޮޑު ނުކުރުމަށްވެސް  ގޮވާލަމެވެ." ޕީޕީއެމް، ޕީއެންސީ ކޯލީޝަނުން ނެރުނު ނޫސްބަޔާން ނިންމާލަމުން ބުނެފައިވެއެވެ.
މިސަރުކާރުން ވިދާޅުވެފައިވަނީ އެތަނަށް ކޮށްފައިވާ ޚަރަދަށް ބަލާއިރު ރައީސް ޔާމީން ކަނޑައެޅުއްވިކަމަށް އިދިކޮޅުން ފާހަގަ ކުރަމުންދާ އަގަށް ނުދެވޭނެކަމަށެވެ. ކޮށްފައިވާ ޚަރަދަށް ބަލާއިރު ފްލެޓަކަށް 11 ހާސް ޖެހޭކަމަށެވެ. ނަމަވެސް އަދި ވަކި އަގެއް އިޢްލާނެއް ނުކުރައްވައެވެ.
ސަރުކާރުން މިހާރު ނިންމައިފައިވަނީ ފިނިޝިންގ ނުނިންމައި ހިޔާ ފްލެޓްތައް ދޫކުރުމަށެވެ. އެ ފްލެޓްތައް ޙަވާލުކުރެވޭއިރު ދޮރެއް މުށްޓެއް ނުހުންނާނެކަމަށް ރައީސް ޞާލިޙް ވަނީ ވިދާޅުވެފައެވެ. އަދި އެ ތަންތަނަކީ މީހުން ދިރިއުޅެން ކަމުދާވަރުގެ ތަންތަން ކަމަށް ޤަބޫލު ނުކުރައްވާ ކަމަށާއި އެތަނަށް ވަންނަ މީހުންގެ 80 އިންސައްތަ މީހުންވެސް އެތަންތަނުގައި އުޅޭނެކަމަށް ޤަބޫލުފުޅުނުކުރައްވާ ކަމަށްވެސް ރައީސް ޞާލީހް ވިދާޅުވިއެވެ. އެއީ ކުރީ ސަރުކާރުން ކޮށްފައިވާ ބޭކާރު މަސައްކަތެއްކަމަށް ވެސް ރައީސް ޞާލިހް ދެކެވަޑައިގަންނަވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ