މެންބަރު ޝިޔާމަށް އަނިޔާކުރިކަމަށް ބުނާ މައްސަލައިގައި ނައިފަރު ރައްޔިތުން އިހުތިޖާޖް ކޮށްފި

ޕީޕީއެމްއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމަށް ރައްޔިތުންގެ މަޖީލިހުގެ ތަޅުމުގައި އަނިޔާކުރި ކަމަށް ބުނާ މައްސަލައިގައި ނައިފަރުގައި އިހުތިޖާޖެއް ބާއްވައިފިއެވެ.
އެގޮތުން މެންބަރު ޝިޔާމަށް ތާއިދުކުރައްވާ ނައިފަރުގެ ރައްޔިތުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ސަރުކާރަށް ފާޑުކިޔާފައިވާ ޕޯސްޓަރުތައް ހިފައިގެން އެރަށު ޕީޕީއެމް އޮފީސް ކައިރިއަށް އެއްވެފައެވެ. އަދި އެފަރާތްތަކުން ވަނީ ޝިޔާމާއި އެކުގައިވާކަމަށް ބުނެ ޝުއޫރުވެސް ފާޅުކޮށްފައެވެ.
މިކަމާއި ގުޅިގެން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ މަގުމަތީ ހަރަކާތުގެ ފެށުން ކަމަށެވެ.
ވޮއިސްއަށް މައުލޫމާތުދެއްވަމުން ޕީޕީއެމްގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ޝިޔާމް ހޮސްޕިޓަލަށް ގެންގޮސް ހެދި ސްކޭނުން މައިބަދަ އަދި މޭކަށިގަނޑުގައި ރެނދުލާފައިވާކަމަށް ދައްކާކަމަށް ޑޮކްޓަރުން ވިދާޅުވާކަމަށެވެ. ހީނާ ވިދާޅުވީ މެންބަރު ޝިޔާމް މިހާތަނަށް ދެފަހަރެއްގެ ޑޮކްޓަރަށް ދައްކަވާފައިވާ ކަމަށެވެ.
އަދި އެ ދުވަހުގެ ހަމަނުޖެހުންތަކުން ލިބިވަޑައިގެންނެވި ގެއްލުންތަކުގެ ސަބަބުން ހަތަރު ހަފްތާ ވަންދެން ބެޑް ރެސްޓް ކުރެއްވުމަށް ޑޮކްޓަރުން އިރުޝާދު ދެއްވާފައިވާކަމަށްވެސް ވިދާޅުވިއެވެ.
މީސް މީޑިޔާގައި ދައުރުވަމުންދާ ވީޑިޔޯތަކުން ފެންނަ ގޮތުގައި ނައިފަރު ދާއިރާގެ މެންބަރު ޝިޔާމްގެ ނަން ރިޔާސަތުން އިއްވާ އެބޭފުޅާ ނެރުމަށް ސާޖެންޓް އެޓް އާމްސް މަސައްކަތް ކުރެއްވިއިރު، މަޖިލީހުގެ ބައެއް އެހެން މެންބަރުން ވަނީ ޝިޔާމް ކޮއްޕާ ހައްދަވާފައެވެ.
އަދި އެވަގުތު ގިނަ ބަޔަކު އަޑުގަދަކޮށް ބައެއް މެންބަރުން ޝިޔާމްގެ ގައިކޮޅުގައި އޮޅުލައިގެން ތިބިތަންވެސް ފެނެއެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި މި ހަމަނުޖެހުންތަކުގައި ޝިޔާމްގެ ގަމީސްވެސް ވަނީ އިރައިގެން ގޮސްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ