ޓީސީން މާޒިޔާ ހިފަހައްޓައިފި

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ޓީސީ ސްޕޯޓްސް ކްލަބުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު ހިފަހައްޓައިފިއެވެ.
ގައުމީ ފުޓުބޯޅަ ދަނޑުގައި ރޭ މާޒިޔާ އާއި އެންމެ ފަހުގެ ޗެމްޕިއަން ޓީސީ ބައްދަލުކުރި ލީގުގެ ތިންވަނަ ބުރުގެ މެޗު ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. އެ މެޗަށް ނުކުތް އިރު، މާޒިޔާ އިން ވަނީ މިސީޒަނުގެ ލީގު ޗެމްޕިއަންކަން ކަށަވަރުކޮށްފައެވެ.
ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ތިންވަނަ ބުރުގައި މާޒިޔާ އާއި ޓީސީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެން -- ފޮޓޯ/ އެފްއޭއެމް
ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ތިންވަނަ ބުރުގައި މާޒިޔާ އާއި ޓީސީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެން -- ފޮޓޯ/ އެފްއޭއެމް
މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިގެންގޮސްފައެއް ނުވެއެވެ. ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ އެންމެ ރަނގަޅު ފުރުސަތެއް ލިބިފައިވަނީ މާޒިޔާއަށެވެ. ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި ހަމްޒާ މުހައްމަދު (ހަމްޕު) ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން އެޓީމުގެ ބިދޭސީ ފޯވަޑް ކޯނެލިއަސް ސްޓެވާޓް ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.
މެޗުގެ 64 ވަނަ މިނެޓުގައި ލީޑު ހޯދުމަށް މާޒިޔާއަށް އިތުރު ފުރުސަތެއް ލިބިގެންދިޔައެވެ. މުހައްމަދު އިރުފާން (އިރޭ) ނަގައިދިން ހިލޭ ޖެހުމަކުން ޕެނަލްޓީ އޭރިއާ ތެރެއިން މާޒިޔާގެ އަފްޣާން ޑިފެންޑާރު މުހައްމަދު ޝާރިފް ބޮލުން ފޮނުވާލި ހަމަލާ، ޓީސީގެ ޕާކިސްތާނު ކީޕަރު ހަނީފް ސާގިބް ވަނީ މަތަކޮށްފައެވެ.
ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ތިންވަނަ ބުރުގައި މާޒިޔާ އާއި ޓީސީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެން -- ފޮޓޯ/ އެފްއޭއެމް
ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ތިންވަނަ ބުރުގައި މާޒިޔާ އާއި ޓީސީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެން -- ފޮޓޯ/ އެފްއޭއެމް
މެޗުގެ 73 ވަނަ މިނެޓުގައި މާޒިޔާއަށް ގާތްގާތުގައި ލަނޑު ޖަހާނެ ތިން ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ހަމްޕު ފޮނުވާލި ހަމަލާ ޓީސީގެ ބިދޭސީ ޑިފެންޑަރު މަހްމަދޫ ސަޔެދް މުހައްމަދު އަބްދުލްރާހިމް ފައިގައި ޖެހި ގޯލުގެ އަރިމަތީ ދަނޑީގައި ޖެހުނު އިރު، ރީބައުންސް ބޯޅައިން އިބްރާހިމް އައިސަމް ފޮނުވާލި ހަމަލާ ޓީސީގެ ކީޕަރު ހަނީފް ސާގިބް ވަނީ މަތަކޮށްފައެވެ. އަދި ކީޕަރު ހަނީފް ސާގިބް މަތަކުރުމާއެކު ލިބުނު ރީބައުންސް ބޯޅައިން އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ) ފޮނުވާލި ހަމަލާ އަމާޒުވީ ޓީސީގެ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.
މެޗުގެ 78 ވަނަ މިނެޓުގައި ވެސް މާޒިޔާއަށް ލަނޑު ޖަހާނެ ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. ކޯނެލިއަސް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ، އައިސަމް ފޮނުވާލި ހަމަލާ އަމާޒުވީ ޓީސީގެ ގޯލުގެ ހުރަސްދަނޑިއަށެވެ.
ލީގު ޗެމްޕިއަންކަން ކަށަވަރުކޮށްފައިވާ މާޒިޔާ އެއްވަނައިގައި އޮތީ 20 މެޗުން 51 ޕޮއިންޓު ހޯދައިގެންނެވެ. ދެވަނައިގައި އޮތް ކްލަބު އީގަލްސްއަށް 19 މެޗުން 39 ޕޮއިންޓް ލިބިފައިވާ އިރު، ތިންވަނައިގައި އޮތް ޓީސީއަށް 20 މެޗުން ލިބިފައިވަނީ 38 ޕޮއިންޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ