އިންތިހާބީ ފަރުވާ ހޯދޭނެ ތަނަކީ މަޖިލިސް: ނަޝީދު

ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސް ކުރުމުގެ ބާރު ސުޕްރީމް ކޯޓަށް ނެތް ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބަހުސްގެ މަރުހަލާގެ ތެރެއިން ނަޝީދު ވިދާޅުވީ އިންތިހާބު ފަސްކޮށް އަދި އިންތިހާބުގެ ތާރީހު ކަނޑައެޅުމަކީ ސުޕްރީމް ކޯޓަށް ނުވަތަ އެހެން ކޯޓަކަށް ވެސް ލިބިފައިވާ ބާރެއް ނޫން ކަމަށެވެ. އެކަމަށް ފަރުވާއެއް ހޯދަން އޮތް ތަނަކީ ރައްޔިތުންގެ މަޖިލިސް ކަމަށެވެ.
“އިންތިހާބު ފަސް ކުރަން ޖެހޭނަމަ ދެން ފަރުވާއެއް ހޯދައިދެވެން އޮތް ތަނަކަށް މި އޮތީ މި އިއްޒަތްތެރި މަޖިލީސް” ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ އެޕިޑެމިއޮލޮޖިކަލް ސާވޭއިން ދައްކާ ގޮތުން ކޮވިޑް19ގެ ބަލިމަޑުކަމުން އަރައިގަންނަން ހަތަރު ވަރަކަށް މަސް ހޭދަކުރަން ޖެހިދާނެ ކަމަށާއި އެހެންކަމުން އިންތިހާބު ލަސް ކުރެވޭނެ މުއްދަތާއި އަދި މި ބަލިމަޑުކަމުން އަރައިގަނެވިގެން އިންތިހާބު ބާއްވާނަމަ އަރައިގަނަވޭނެ މުއްދަތެއް ވެސް ސާފު ވާން ޖެހޭ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
މިއަދުގެ މަޖިލިސް ޖަލްސާގައި ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒުވެސް ވަނީ ނަޝީދު ވިދާޅުވި ފަދައިން އިންތިހާބު ފަސް ކުރުމަކީ ކޯޓަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ބުނެފައެވެ.
އެއްވެސް ހާލެއްގައި އަޅުގަނޑު ގަބޫލެއް ނުކުރަން މިހާރު އޮތް ލޯކަލް ކައުންސިލްތަކުގެ މުއްދަތު ތިނެއް ޖޫނަށް ހަމަވާއިރުގައި އެ މުއްދަތު އިތުރުކުރުމަކަށް ކޯޓަކަށް ނުވަތަ އެހެން އެއްވެސް އިދާރާއަކަށް އެކަން ކުރެވިދާނެ ކަމަކަށް،” ނިޔާޒް ވިދާޅުވިއެވެ.
ނިޔާޒު ވިދާޅުވީ އިންތިހާބު ފަސްކުރުމަކީ ކޯޓުން ކުރެވިދާނެ ކަމެއް ކަމަށެވެ. އެހެން ނަމަވެސް އެ މުއްދަތު އިތުރުކުރުމަށްޓަކައި ކޯޓުން ވަކިގޮތެއް ނިންމިދާނެ ކަމަކަށް، އަދި ނިންމަން ޖެހޭނެ ކަމަކަށް ގަބޫލު ނުކުރައްވާ ކަމަަށް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ