ކޯވިޑް19: ލޯބިވެރިޔާ ކައިރިއަށް ދިޔައީ ބަބުލްއެއްގެ ތެރެއަށް އެރިގެން

ކޮވިޑް19 ގެ ބިރުވެރިކަން މުޅި ދުނިޔެއަށް ފެތުރިފައިވާއިރު އެންމެ ގިނަ ބަޔަކަށް ކުރަން އެންމެ އުނދަގޫވި އެއް ކަމަކީ ގޭގައި ތިބެން ޖެހުމެވެ. ރަހުމަތްތެރިންނާއި ލޯބިވެރިންނާއި ދުރުގައި ވަގުތު ހޭކުރަން ޖެހުމެވެ. ނަމަވެސް މި ބަލިމަޑުކަން ، ޖެރެމީ ކެހެން އޭނާގެ ލޯބިވެރިޔާއާއި ބައްދަލުކުރުމަށް ހުރަހެއް ނޭޅުނެވެ.
އަބަދުވެސް ތަފާތުކަންކަން ކުރާ ހިތްވާ ޖެރެމީ އޭނާގެ ލޯބިވެރިޔާ އާއި ބައްދަލުކުރަން ދިޔައީ ވައިޖަހާފައިއޮތް ޕްލާސްޓިކް އެތެރެ ފެންނަ ބަބުލް އެއްގެ ތެރެއަށް އެރިގެންނެވެ. ޖެރެމީ ބުނި ގޮތުން އޭނާ ގެ ލޯބިވެރިޔާ އާއި ބައްދަލުކުރަން ބޭނުންވިނަމަވެސް އެކަން ކުރަން ބޭނުންވީ ހާލަތަށް ބަލައި އިޖުތިމާއީ ގައިދުރުކަމަށް ވެސް އިސްކަންދީގެންނެވެ.
ޖެރެމީވަނީ އޭނާ އާއި ލޯބިވެރިޔާ ހިނގާލަން ދާ މަންޒަރު ވީޑިއޯކޮށް މީސް މީޑިއާގައި ހިއްސާ ކޮށްފައެވެ. އެއާއެކު ގިނަ ބައެއް ގެ ސަމާލުކަން މިކަމަށް ހުއްޓިފައިވާއިރު މީގެ ކުރިން ވެސް ޖެރެމީ ވަނީ ޑްރޯންގެ ޒަރީއާއިން ލޯބިވެރިޔާ ކައިރީގައި ރައްޓެހިވާން އަހައި ގިނަ ބައެއްގެ ސަމާލުކަން ހޯދާފައެވެ.
ޖެރެމީ އިތުރަށް ބުނި ގޮތުގައި ބޭރަށް ހިނގާލަން ގޮސް އުޅުމުގެ ތެރޭގައި ފުލުހުން ހިފެހެއްޓިކަމަށާއި ނަމަވެސް އެމީހުންނަކީ ޑްރޯން އިން ލޯބި ހުށަހެޅި ޖޯޑުކަން އެނގުމާއެކު ފުލުހުން ވެސް ބޭނުންވީ އެ ދެމީހުންނާ އެކީގައި ފޮޓޯއެއް ނަގަން ކަމަށެވެ.
އިޖުތިމާއީ ގައިދުރުކަން ބަހައްޓަން ޖެހުނަސް އެކަކު އަނެކަކާއި އޮންނަ ގުޅުން ދެމެހެއްޓެން ޖެހޭނެ ކަމަށް ގަބޫލުކުރާ ކަމުގައި ވެސް އޭނާ ކުރި ޓްވީޓެއްގައި ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ