އިންޑިއާގައި ޑިސްއިންފެކްޓް ކުރަން ކަމަށްބުނެ މަސައްކަތު މީހުންތަކެއް ގަޔަށް ކެމިކަލް ޖެހި މައްސަލަ ހޫނު ވެއްޖެ

އިންޑިއާގައި ކޯވިޑް 19 ފެތުރުން ހުއްޓުވުމަށްޓަކައި، މަސައްކަތު މީހުންތަކެއް ގަޔަށް ޑިސްއިންފެކްޓް ކުރުމަށް ކަމަށްބުނެ ކެމިކަލް ޖެހި މައްސަލައެއް ހޫނުވެއްޖެއެވެ.
ކޯވިޑް 19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން، 21 ދުވަހަށް އިންޑިއާ ލޮކްޑައުން ކުރުމާއި ގުޅިގެން އެ ގައުމުގެ އެކި ހިސާބުތަކުގައި ވަޒީފާ އަދާކުރަމުންދިޔަ މަސައްކަތްތެރިން ވަނީ އެމީހުންގެ އަމިއްލަ ސިޓީތަކަށް ގޮސްފައެވެ.
ލީކްވި ވީޑިއޯތަކަކުން ފެންނަނީ ބަރޭލީކިޔާ ސަރަހައްދަކުން ، އަމިއްލަ ސިޓީތަކަށް ދާން އުޅުނު މަސައްކަތްތެރިންތަކެއް މަގުމަތީގައި ބައިތިއްބާފައި، ސިއްހީ އެހީތެރިންތަކެއް އެމީހުންގެ ގަޔަށް ކެމިކަލް ޖެހި މަންޒަރެވެ. މިދިޔަ ހޯމަ ދުވަހު އެ ވީޑިއޯތައް ލީކުވުމާއި ގުޅިގެން ސޯޝަލް މީޑިއާގައި އިންޑިއާގެ ގިނަ ރައްޔިތުން ވަނީ އެކަން ކުށްވެރިކޮށް އެކަމާއި ދެކޮޅަށް އަޑުއުފުލާފައެވެ.
ބަރޭލީގެ ޓޮޕް ގަވަރމެންޓް އޮފިސަރެއް ކަމަށްވާ ނިތިޝް ކުމާރު ބުނީ، އެ ސިއްހީ އެހީތެރިންނަށް އެންގީ، އެމަސައްކަތްތެރިން ދަތުރުކުރި ބަސްތަަކަށް ކެމިކަލް ޖަހައިގެން ޑިސްއިންފެކްޓް ކުރުމަށް ކަމަށެވެ. އެހެންނަމަވެސް ލީކުވި ވީޑިއޯތަކުން ފެނިފައިވަނީ ބަހުން ދަތުރުކުރި މަސައްކަތްތެރިންގެ ގަޔަށް ކެމިކަލް ޖެހި މަންޒަރެވެ. މީގެ އިތުރުން ނިތިޝް ބުނީ އެކަމުގައި ޒިންމާވާ ފަރާތްތަކާއި މެދު ގާނޫނީ ފިޔަވަޅު އެޅުމަށް އެދިފައިވާނެ ކަމަށެވެ.
އެ ފަގީރު މަސައްކަތްތެރިންނާއި ދޭތެރޭ ކަންތައް ކުރި ގޮތް ކުށްވެރި ކޮށް އިންޑިއާގެ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ މެމްބަރުން ވެސް ވަނީ އަޑުއުފުލާފައެވެ. އެގޮތުން އިންޑިއާގެ އިދިކޮޅު ކޮންގްރެސްގެ ލީޑަރު ޕްރިޔަންކާ ގާންދީ ވަޑްރާ ބުނީ، އެ މަަސައްކަތްތެރިން އުޅެމުންދަނީ ވަރަށް ހާލުގައި ކަމަށާއި، ޑިސްއިންފެކްޓް ކުރުމުގެ ނަމުގައި، ކެމިކަލް ޖެހިއަސް ބަލިން ރައްކާތެރި ނުވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ