ރައްޔިތުންގެ އިންޖީނުގެތައް ކޯޓު މެދުވެރިކޮށް އަގު ކުރާ ގޮތަށް ސަރުކާރުން ހަމަޖައްސައިފި

ރައްޔިތުންގެ އިންޖީނުގެތައް ކޯޓު މެދުވެރިކޮށް އަގު ކުރުމަށް ފަހު ރައްޔިތުންނަށް ޝަރުއީ ބަދަލު ދޭ ގޮތަށް ސަރުކާރުން ހަމަޖައްސައިފި އެވެ.
ހޯމް މިނިސްޓަރު މުހައްމަދު ޝިހާބު މިއަދު ވިދާޅުވީ ރަށްރަށުގެ ރައްޔިތުންގެ އިންޖީނުގެތައް އަގު ކުރުމަށް ނިންމަވާފައި ވަނީ ކޯޓުތައް މެދުވެރިކޮށް ކަމަށާއި އެ މަސައްކަތް މިހާރު އޮތީ ފެށުމުގެ މަރުހަލާގައި ކަމަށެވެ.
"އިންޖީނުގެތައް މި ހިންގަނީ ރަށު އޮފީހުން ނުވަތަ އެ ރަށެއްގެ ރކ. ކޮމެޓީން. ދެން އެގޮތަށް ހިންގާއިރު ވެސް އިންޖީނު ގެއެއްގައި ތިނެއް ނުވަތަ ހަތަރު ޖަނަރޭޓަރުގެ ތެރެއިން އެއް ޖަނަރޭޓަރު ފިޔަވައި ދެން ހުންނަނީ އާންމު ގޮތެއްގައި ސަރުކާރުން ދީފައި ހުންނަ ޖަނެރޭޓަރުތައް. އެހެންވީމަ ސަރުކާރުގެ ވަރަށް ބޮޑު އެހީއާ އެކު އިންޖީނުގެތައް ހިންގަމުން ގެންދަނީ. ދެން ޖެހޭނީ ކޯޓުތަކުން އަގު ކޮށްފައި ކާކަށްތޯ ބަދަލު ޖެހޭނީ ބަލަން،" ހޯމް މިނިސްޓަރު ވިދާޅުވި އެވެ.
ޝިހާބު ވިދާޅުވީ އިންޖީނުގެތައް އަގު ކުރުމަށް ފަހު ކޯޓުތަކުން ޝަރުއީ ބަދަލު ދޭނީ އެ ސަރަހައްދެއްގެ ޔުޓިލިޓީޒް ކުންފުންޏަކުން ކަމަށެވެ.
ހޯމް މިނިސްޓްރީން މިއަދު ބުނީ އަގު ކުރުމަށް ހަމަޖެހިފައިވާ އިންޖީނުގެތަކުގެ ތެރޭގައި ޔުޓިލިޓީސް ކުންފުނިތަކުގެ ދަށަށް މިހާރު ގެންގޮސްފައިވާ އިންޖީނުގެތަކާއި އެ ކުންފުނިތަކާ އަލަށް ހަވާލުކުރާ އިންޖީނުގެތަކާއި މިހާތަނަށް ހަވާލުނުކުރާ އިންޖީނުގެތައް ވެސް ހިމެނޭނެ ކަމަށެވެ. އަދި އެކަން ކުރުމަށްޓަކައި އިންޖީނުގެތަކުގެ އިންވެންޓްރީ ނެގުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ވެސް ހޯމް މިނިސްޓްރީން ބުނެ އެވެ.
"ރަށްރަށުގެ ކޯޓުތަކުން އިންޖީނުގެ އަގު ކުރަމުންދާނީ. އެކަންކޮށް ދިނުމަށް އަޅުގަނޑުމެން ކޯޓުތަކުގައި އެދުމުގެ މަރުހަލާގައި މި އުޅެނީ. ކޯޓުތަކުން އަގު ކުރުމާއެކު އެ ފައިސާއެއް އެ އިންޖީނުގެއަކާ ގުޅޭ އެކައުންޓަކަށް ޔުޓިލިޓީސް ކުންފުނިތަކުން ބަދަލަށް ވާ ފައިސާ ޖަމާކުރާނެ،" ހޯމް މިނިސްޓަރު ވިދާޅުވި އެވެ.
ރަށްރަށުގެ ރައްޔިތުންގެ އިންޖީނުގެތައް އަގު ކުރުމަށް ފަހު ބަދަލު ދިނުމަށް ސަރުކާރުން ނިންމިއިރު މިހާތަނަށް ބައެއް އިންޖީނުގެތަކަށް ބަދަލުނުދީ ޔުޓިލިޓީސް ކުންފުނިތަކުގެ ދަށަށް ގެންގޮސްފައިވާތީ ބައެއް ރަށްރަށުގެ ރައްޔިތުން ގެންދަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅު ކުރަމުންނެވެ. އަދި ބައެއް ރަށްރަށުގެ ކޯޓުތަކުން ކޯޓު އަމުރު ވެސް ނެރެފައި ވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ