ރެޑް ބުލް ބްރޭންޑުން ސައިކަލް ސްޓަންޓް ހެދުމުގެ ދުނިޔޭގެ ޗެމްޕިއަން ރާއްޖެ ގެންނަނީ

މަޝްހޫރު އެނާޖީ ޑްރިންކެއް ކަމަށްވާ ރެޑް ބުލް ޕްރޮމޯޓް ކުރުމަށްޓަކައި ސައިކަލް ސްޓަންޓް ހެދުމުގެ ދުނިޔޭގެ ޗެމްޕިއަންކަން އެތައް އަހަރަކު ހޯދާފައިވާ މީހަކު ގެނެސްގެން ސައިކަލް ރޭހެއް އަންނަ އަހަރު ބާއްވާ ގޮތަށް ރެޑް ބުލް ބްރޭންޑުން ނިންމައިފި އެވެ.
އަންނަ އަހަރުގެ ކުރީކޮޅު މާލޭގައި ބާއްވާ މި ސައިކަލް ރޭހުގައި ހުނަރުތައް ދައްކާލާނީ ހަތަރު ފަހަރެއްގެ މަތިން ސްޓަންޓް ރައިޑިންގެ ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ ޖަރުމަނުގެ ރައްޔިތެއް ކަމަށްވާ ކްރިސް ޕްފިފާ ކަމަށް ރެޑް ބުލް އިން ދެކުނު އޭޝިޔާއަށް ކަނޑައަޅާފައިވާ ބިޒްނަސް ޑިވެލޮޕްމަންޓް މެނޭޖަރު އެންޑްރާސް ޑޮނާއުއާ ވިދާޅުވި އެވެ.
އުމުރުން 39 އަހަރުގެ ކްރިސް ވަނީ ސްޓަންޓް ރައިޑިންގެ ދުނިޔޭގެ ޗެމްޕިއަންކަން 2003 އާއި 2007 އާއި 2008 އަދި މިދިޔަ އަހަރު ހޯދައިފަ އެވެ. މީގެ އިތުރުން ޔޫރަޕިއަން ސްޓަންޓް ރައިޑިން ޗެމްޕިއަންކަން ވެސް ހަތަރު ފަހަރު އޭނާ ވަނީ ހޯދައިފަ އެވެ.
"މި ސައިކަލް ރޭސް ބޭއްވުމުގެ މުއްދަތުތަކާ ބެހޭ ގޮތުން އަޅުގަނޑުމެން މިދަނީ މަޝްވަރާ ކުރަމުން. ބޮޑަށް ލަފާ ކުރެވޭ ގޮތުގައި މި ރޭސް އޮންނާނީ އަންނަ އަހަރުގެ ފެބްރުއަރީ އާއި އެޕްރީލް މަހުގެ މުއްދަތެއްގެ ތެރޭގައި. މިއީ ރާއްޖޭގައި އަޅުގަނޑުމެން ބާއްވާ ފުރަތަމަ މިފަދަ ރޭސް ކަމަށް ވުމުން ވަރަށް ގިނަ ދިވެހިންގެ ޝައުގުވެރިކަން ލިބޭނެ ކަމަށް ވަރަށް ބޮޑަށް ޔަގީން ކުރަން،" އެންޑްރާސް ވިދާޅުވި އެވެ. "މި ރޭހުގެ ތަރިއަކީ ދުނިޔޭގެ ޗެމްޕިއަންކަން ހަތަރު ފަހަރު މަތިން ހޯދާފައިވާ ކުޅަދާނަ ތަރިއެއް. ސައިކަލްމަތީގައި އޭނާ ދައްކާލާ މޮޅެތި އުކުޅުތައް ދިވެހި ޒުވާނުންގެ ލޭ ކައްކުވާލާނެ ހަރަކާތްތަކަށް ވާނެ. އަޅުގަނޑު ބެލި ބެލުމުން ދިވެހި ޒުވާނުންގެ ހިތުގައި ސައިކަލް ރޭސްތަކަށް ވަރަށް ބޮޑު ޝައުގުވެރިކަމެއް އެބަހުރި. އެހެންވީމަ މިފަދަ ހުނަރުވެރިއެއްގެ ހަރަކާތްތައް ހަމަ ލޮލަށް، ކައިރިން ދިވެހިންނަށް ފެނުމަކީ ގިނަ ބަޔަކަށް ލިބޭނެ އުފަލަކަށް ވާނެ."
"ރެޑް ބުލް ކްރިސް ޕީފާ މޯލްޑިވްސް ސްޓްރީޓް ޓުއާ" ގެ ނަމުގައި ބާއްވާ މި އިވެންޓުގައި ރެޑް ބުލްގެ އިޝްތިހާރުތައް ދައްކާލުން ފަދަ ހަރަކާތްތައް ވެސް ކުރިއަށް ގެންދާނެ ކަމަށް އެންޑްރާސް ވިދާޅުވި އެވެ.
"ކްރިސްއާ އަޅުގަނޑުމެންނާ ވަނީ ގިނަ ދުވަސްތަކެއް ވަންދެން ވަރަށް ގާތް ގުޅުމެއް އުފެދިފައި. އެހެންވީމަ އެ ގުޅުމުގެ ތެރެއިން އޭނާ ޕްރޮމޯޓް ކުރުމަކީ އަޅުގަނޑުމެންގެ މައިގަނޑު އެއް މަގުސަދު. އެއާ އެކު ރެޑް ބުލް ވެސް ޕްރޮމޯޓް ވެގެންދާނެ،" ސައިކަލް ރޭސް އިވެންޓުގެ ބައެއް ތައްޔާރީތަކަށް މިދިޔަ ހަފުތާގައި މާލެ ވަޑައިގެން ހަވީރަށް ދެއްވި އިންޓަވިއުއެއްގައި އެންޑްރާސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކްރިސްގެ ސައިކަލް ރޭސް މާލޭގައި މި ބާއްވަނީ މިދިޔަ ނޮވެމްބަރު 28 ގައި ލަންކާގެ ކޮލަމްބޯގައި ވެސް އޭނާގެ ހުނަރުތައް ދައްކާލުމުގެ އިވެންޓަށް ފަހު އެވެ. އަދި އެ އިވެންޓަށް ލަންކާގެ ވަރަށް ގިނަ ބައެއްގެ ޝައުގުވެރިކަން ލިބިގެން ދިޔަކަން އެންޑްރާސް ފާހަގަ ކުރެއްވި އެވެ.
"ލަންކާގައި ބޭއްވި އިވެންޓަށް ވެސް ވަރަށް ބޮޑު ތަރުހީބެއް ލިބިގެންދިޔަ. ގާތްގަނޑަކަށް 8،000 މީހުން ވަނީ ކްރިސްގެ ކުޅަދާނަކަން ލައިވްކޮށް ބަލައިފައި. އެއީ ލަންކާގެ އެތައް ބަޔަކަށް ލިބިގެންދިޔަ ބޮޑު އުފަލެއް. އެގޮތުން ރާއްޖޭގައި ބާއްވާ މި އިވެންޓު ވެސް އެހާ ކާމިޔާބު ކުރުމަށްޓަކައި ކުރެވުނު ހުރިހާ ކަމެއް އަޅުގަނޑުމެން ކުރާނަން،" އޭނާ ވިދާޅުވި އެވެ.
އެންޑްރާސް ވިދާޅުވި ގޮތުގައި ސައިކަލް ސްޓަންޓް ރައިޑިންގެ ޗެމްޕިއަން ރާއްޖެ ގެނައުމުގެ ޝައުގުވެރިކަން އޭނާގެ ކިބައިގައި އުފެދުނީ އެކި ފަހަރު މަތިން ރާއްޖެއަށް ކުރި ދަތުރުތަކުގައި ދިވެހި ޒުވާނުން ސައިކަލް ދުއްވުމަށް ދޭ ޝައުގުވެރިކަން ފެނުމުންނެވެ.
"އަޅުގަނޑަށް މުޅިން ކަހަލަ ގޮތަކަށް މި ފެންނަނީ ސައިކަލްތަކުގައި އުޅޭ މީހުން. އަނެއްކާ ބައެއް ރޭސް އިވެންޓްތައް ވެސް ބޭއްވުން ޒުވާނުން އެބަ ބޭނުންވޭ. އެހެންވެ އަޅުގަނޑުމެން ފަދަ ބަޔަކު ދިވެހި ޒުވާނުންނަށްޓަކައި ރެޑް ބުލް އިވެންޓެއް ބާއްވާލުމަކީ ބޮޑު ފައިދާއެއް ކުރާނެ ކަމެއް ކަމަށް ފެންނާތީވެ މިކަން މި އިންތިޒާމް ކުރަނީ. ކްރިސް މާލެ އައިސް އޭނާގެ ސްޓަންޓްތައް ދައްކާލާނީ ބީއެމްޑަބްލިއު އެފް 800 އާރު ސައިކަލްގައި. މިއީ ސްޓަންޓް ހެދުމަށް އޭނާ ބޭނުންކުރާ ސައިކަލް،" އެންޑްރާސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ