ހައްޖުވެރިންގެ ފުރަތަމަ ގުރޫޕު މާލެ އަތުވެއްޖެ

ރާއްޖެ އިން މި އަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް މައްކާ އަށް ދިޔަ މީހުންގެ ފުރަތަމަ ގުރޫޕު މިއަދު މާލެ އަތުވެއްޖެ އެވެ.
އިސްލާމިކް މިނިސްޓްރީގެ އިސް އޮފިޝަލަކު މިއަދު ބުނި ގޮތުގައި ހައްޖަށް ދިޔަ މީހުންގެ ތެރެއިން ބައެއް މީހުން މިއަދު ހެނދުނު ސައުދީ އެއާލައިނުން މާލެ އައިސްފައިވާ ކަމަށާއި ހެނދުނު އައީ ސަފާ ގްރޫޕްގެ 180 މީހުންނާއި އަލްހައިރުގެ 85 މީހުން ކަމަށެވެ.
މިނިސްޓްރީގެ އޮފިޝަލު ވިދާޅުވީ ދިވެހި ހައްޖާޖީން އެނބުރި ރާއްޖެ އައުމުގެ ދަތުރުތައް ރަނގަޅަށް ރޭވިފައިވާ ކަމަށާއި މި ދަތުރުތައް މިއަދުން ފެށިގެން މި މަހުގެ 13 ވަނަ ދުވަހާ ހަމައަށް އޮންނާނެ ކަމަށެވެ.
ދަތުރުތައް ހަމަޖެހިފައިވާ ގޮތުން މިއަދު ހަވީރުވެސް ދިވެހި ހައްޖާޖީންގެ ބަޔަކު ސައުދީން އެނބުރި މާލެ އަންނާނެ އެވެ. އެއީ އޮމާން އެއާލައިނުން އަންނަ ސިސިލްފަލް ގުރޫޕުގެ 154 މީހުންނެވެ. މާދަމާ ހެނދުނު އަލް މަނާސިކް ޖަމާއަތުގެ 57 ހައްޖާޖީއަކު މާލެ އަންނާނެ އެވެ.
"އެހެން ގޮސް ހުރިހާ އެންމެން އެނބުރި އައުން 13 ވަނަ ދުވަހާ ހަމައަށް އޮންނާނެ،" މިނިސްޓްރީގެ އޮފިޝަލު ވިދާޅުވި އެވެ.
ހައްޖުގެ އަޅުކަން އަދާކުރުމަށް ހަތް ގުރޫޕެއްގެ ހަވާލުގައި މި އަހަރު ރާއްޖެ އިން 1،400 އަށް ވުރެ ގިނަ މީހުން ސައުދީ އަރަބިއްޔާ އަށް ދިޔަ އެވެ. ހައްޖުން އަންނަ ހުރިހާ އެންމެން ސްވައިން ފުލޫ އަށް ޓެސްޓްކުރަމުން ދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ