ނަޝީދުގެ ރަނިން މޭޓަކަށް ވީ އެމްޑީޕީން އެކަން ކުރާނެ މީހަކު ނުވެގެން: ރައީސް ވަހީދު

މި މަހުގެ ހަތް ވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ރަނިންމޭޓަކަށް ވެވަޑައިގަތީ ނަޝީދުގެ ރަނިންމޭޓަކަށް ވާނެ ބޭފުޅަކު ނުވެގެން އެކަމާ އާދޭސް ކުރެއްވުމުން ކަމަށް ރައީސް މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
އިއްޔެ އައްޑު އަށް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ހިތަދޫ ޝަރަފުއްދީން ސްކޫލުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ. ވަހީދު ވިދާޅުވީ ނަޝީދުގެ ރަނިންމޭޓެއްގެ ގޮތުގައި އެ މަނިކުފާނު ވަޑައިގަތީ އެމްޑީޕީން ނަޝީދާ އެކު ރަނިންމޭޓެއްގެ ގޮތުގައި ނިކުންނަވާނެ ބޭފުޅަކު ނުވެގެން ކަމަށެވެ.
"އަޅުގަނޑުމެން ތިބީ މި މަގާމަށް އަންނަން ތައްޔާރަކަށް ނޫން. އަޅުގަނޑު ކުރީގެ ރައީސް ނަޝީދުގެ އަރިހުގައި އިންތިހާބަށް ނިކުތީ ތިޔަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ރަނިންމޭޓެއްގެ ގޮތުގައި. އެކަން އެގޮތަށް ކުރަން ޖެހުނީ ރައީސް ނަޝީދަށް، އެ ބޭފުޅާގެ ޕާޓީން އެ ބޭފުޅާ އާ އެކުގައި ރަނިންމޭޓަކަށް ނުކުމެވަޑައިގަންނަވާނެ ބޭފުޅަކަށް ނުވީ.
ނުވެގެން އެ ބޭފުޅާ އަޅުގަނޑު ކައިރީގައި ވިދާޅުވީ ތިމަންނައަށް މިކަން ކޮށްދޭށޭ،" ރައީސްކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، ފުރަތަމަ ފަހަރަށް އައްޑު އަށް ވަޑައިގެން ޑރ. ވަހީދު ވިދާޅުވި އެވެ. "އަޅުގަނޑުގެ އަންހެނުން ކައިރީގައި ވެސް ]ނަޝީދު[ އާދޭސް ކުރެއްވި. ދެން އަޅުގަނޑުމެން ދެ މީހުން އެކުގައި ފުރަތަމަ ބުރުގައި އިންތިހާބަށް ނިކުމެގެން ލިބުނީ 25 ޕަސެންޓް ވޯޓް. ލިބުނީމާ ދެން ކިހިނެއްތޯ ހެދީ؟ ދެން އަޅުގަނޑުމެން ދިޔައީ މި ތިއްބެވި ބޭފުޅުންގެ ]އޭރު އިއްތިހާދުވި ޕާޓީތަކުގެ[ އަރިހަށް. ޑރ. ހަސަން ސައީދާއި ގާސިމް އިބްރާހީމާ މި ބޭބޭފުޅުންގެ އަރިހަށް މި ދިޔައީ. ގޮސްގެން އަޅުގަނޑުމެން
ކޯލިޝަނެއް ހަދައިގެން އެތައް ޕާޓީތަކެއް ވެގެން އިންތިހާބަށް ނިކުމެގެން ކާމިޔާބު ކުރެވުނީ."
ޑރ. ވަހީދު ވިދާޅުވީ އެ އިންތިހާބު އޭރު ނަޝީދަށް ކާމިޔާބު ކުރެއްވުނީ ވައުދުތަކާއި އެއްބަސްވުންތަކެއް ހަދައިގެން ކަމަށެވެ. އެހެން ނަމަވެސް އިންތިހާބު ކާމިޔާބުވުމަށް ފަހު ދެން ފެނުނީ ނަޝީދުގެ ވެރިކަން އަމިއްލަ ކުރައްވަން މަސައްކަތް ކުރެއްވި މަންޒަރު ކަމަށް ޑރ. ވަހީދު ވިދާޅުވި އެވެ.
"ނަޝީދު ނިންމެވީ މި ވެރިކަމަކީ ތިމަންނަގެ އަމިއްލަ ވެރިކަމެކޭ. ދެން ތިބި މީހުންނަކީ ބޭނުން ބައެއް ނޫނޭ ވިދާޅުވެ އެންމެން ބޭރުކޮށްލީ. ބޭރުކޮށްލި އިރުގައި އެ މަނިކުފާނަށް އެނގިވަޑައިނުގަންނަވާ އެ މަނިކުފާނަކީ އެއީ ވަރަށް ކުޑަކުޑަ ވޯޓަކުން ކާމިޔާބު ކުރެއްވި ބޭފުޅެއް ކަމެއް،" ރައީސް ވިދާޅުވި އެވެ. "އެކަމަކު މިއަދު އެބަ ވިދާޅުވޭ ތިމަންނަމެންގެ އިންތިހާބް ބަޔަކު މި އުޅެނީ ވަގަށް ނަގައިގެންނޭ. ނޫނީވިއްޔާ ތިމަންނަމެންގެ އަތުން ދަމައިގަނެގެންނޭ. މިއީ ކޮން އިންތިހާބެއްތޯ މި ބޭފުޅާގެ އަތުން ދަމައިގަނެގެން ބަޔަކު މި އުޅެނީ. މި ބޭފުޅާ އަށް އިންތިހާބެއް ކާމިޔާބެއް ނުކުރެއްވެޔޭ.
އިންތިހާބް ކާމިޔާބް ކުރީ އެތައް ބަޔަކު ވެގެން. އެކަން ހަނދުމަފުޅު ނެތުނީމާ ދެން ވާންވީ ގޮތް ވެގެން އެ ދިޔައީ."
ކުރީގެ ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ޑރ. ވަހީދު ވިދާޅުވީ ކޯލިޝަންގައި ތިއްބެވި ހުރިހާ ފަރާތްތައް ބޭރުކޮށްލައި އޭނާ ދެން މަސައްކަތް ކުރެއްވީ ހުދުމަހުތާރު ވެރިން ވެރިކަން ކުރައްވާ ގޮތަށް ވެރިކަން ކުރައްވަން ކަމަށެވެ.
އަމިއްލަ އަށް ފެނިވަޑައިގަންނަވާ ގޮތް ނޫން ގޮތަކަށް އަދި އެހެން އެއްވެސް ބައެއްގެ ނަސޭހަތެއް ވެސް ގަބޫލް ކުރެއްވުމެއް ނެތި ވެރިކަން ކުރައްވަން ކުރީގެ ރައީސް ނަޝީދު ދިމާކުރެއްވުމުން ދެން ދައްކަވަން ފެއްޓެވީ ހަރުކަށިކަމާއި ގާނޫނާއި ގަވައިދަށް ބޯ ނުލެބުން ފަދަ އަމަލުތައް ކަމަށް ވެސް ރައީސް ވަހީދު ވިދާޅުވި އެވެ.
"މިގޮތަށް މަސައްކަތް ކުރައްވަމުން ގޮސް އުނދަގޫ ކޮންމެ ކަމަކާ ދިމާވާއިރަށް ހަރުކަށިވެ ވަޑައިގެން ތަފާތު ކަންތައްތައް ކުރައްވަމުން ގެންދެވި. އޭގެ ތެރޭގައި ސްޕްރީމް ކޯޓުގައި ތަޅު އެޅުވުން. ސިޔާސީ ދެ ޕާޓީއެއްގެ ލީޑަރުން ގާނޫނާ ހިލާފަށް ބަންދުކޮށްފައި ބޭތިއްބުން. ދެން އެއަށް ފަހު އައިސް ކުއްލިއަކަށް މުޅި ވަޒީރުންގެ މަޖިލިސް އިސްތިއުފާ ދޭން އެންގެވި. މިއީ ދުވަހަކު މީހަކު ކުރާ ކަހަލަ ކަންތަކެއް ނޫން،" ޑރ. ވަހީދު ވިދާޅުވި އެވެ. "ދުނިޔޭގެ އެއްވެސް ތަނެއްގައި މީހަކު ކޮށްފައި އޮތް ކަމެއް ނޫން މިއީ. ހަމަ އެގޮތަށް މި ބޭފުޅާ ނިންމެވީ ކުއްލިއަކަށް އިސްތިއުފާ ދެއްވަން އަމިއްލަފުޅަށް މި ފަހަރު."
ކުރީގެ ރައީސް ނަޝީދުގެ ފަރާތުން އެފަދަ އަމަލުތަކެއް ތަކުރާރުކޮށް ފެނިވަޑައިގެންފައިވާތީ "އެމްޑީޕީން ވެސް މިހާރު އޭނާއަކީ ބުއްދި ހަމަޖެހޭ މީހެއްތޯ ވިސްނަން ޖެހިފައިވާ" ކަމަށް ވެސް ޑރ. ވަހީދު ވިދާޅުވި އެވެ.
"އަދި މިކަން މިގޮތަށް އޮއްވައި މިވަރަކުން އަދި ނުފުދޭނެ. މީނަގެ ހުރި ނުބައި ނުލަފާކަން ދައްކާލުމަށްޓަކައި، މީނަގެ ޕާޓީ ނޫން އެހެން މީހުންނަށް ކުރެއްވި ޖެއްސުމުގައި އެންމެ ފުރަތަމަ ޖެއްސުން ކުރެއްވީ އަޅުގަނޑަށް. ދެން ހުރިހާ ބޭފުޅުންނަށް ވެސް، އެހެން ހުރިހާ ޕާޓީތަކެއްގެ ބޭފުޅުންނަށް ވެސް ޖެއްސުން ކުރެއްވީ،" ރައީސް ވިދާޅުވި އެވެ.
"ޖެއްސުންކޮށްލާފައި ނިންމާލާ ނަމަ އެންމެ ރަނގަޅުތާ. މިއަދު އަޅުގަނޑުމެންނަށް މި އަތޮޅުން ]އައްޑޫން[ މި ފެނުނު މަންޒަރު މިއީ އަޅުގަނޑުމެން ކަރުނަ އަޅަން ޖެހޭ މަންޒަރުތަކެއް."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ