ޔާމީން ވަގުތުން މިނިވަން ކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ގޮވާލައިފި

ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެމްބަރު އަދި ޕީއޭގެ ރައީސް އަބްދުﷲ ޔާމީން އެމްއެންޑީއެފުގެ ބެލުމުގެ ދަށުގައި ބަހައްޓާފައި ހުރީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށާއި އެހެންވެ އޭނާ ވަގުތުން މިނިވަން ކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން ގޮވާލައިފި އެވެ.
އެޗްއާރުސީއެމުން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައި ވަނީ ޝަރީއަތުގެ މަޖިލީހަކަށް ހާޒިރު ކުރުމެއް ނެތި، އޭނާ ބަންދުގައި ބަހައްޓާފައި ވަނީ ގާނޫނު އަސާސީގެ 46 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، މީހަކު ހިފައި ހައްޔަރުކޮށް ނުވަތަ ބަންދު ކުރުމުގެ އުސޫލުތަކާ ހިލާފަށް ކަމަށެވެ. އެހެންވެ އެ މާއްދާއާ ހިލާފަށް ހިމާޔަތް ކުރުމަށްޓަކައި އެކަހެރި ކުރުމުގެ ނަމުގައި ނަމަވެސް މީހަކު ބަންދު ކުރުމަކީ ގާނޫނު އަސާސީއާ ހިލާފަށް ކުރެވޭ ކަމަކަށް ވާތީ ޔާމީންގެ މައްސަލައިގައި ގާނޫނު އަސާސީގެ ހުދޫދުގެ ތެރެއިން އަމަލުކުރުމަށް އެޗްއާރުސީއެމުން ގޮވާލާފައިވެ އެވެ.
"ބަންދުކުރެވޭ މީހާ ބަންދުކޮށްފައި ވަނީ ގާނޫނީ ހަމަތަކުގެ މަތިންތޯ ކަނޑައެޅުމަށް، އެ މީހަކު ހައްޔަރު ކުރެވުނުތާ ގިނަވެގެން 24 ގަޑިއިރުގެ ތެރޭގައި، ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރު ކުރަންވާނެ ކަމަށް ގާނޫނު އަސާސީގެ 48 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ނަމަވެސް، ދިވެހިރާއްޖޭގެ ދިފާއީ ބާރުގެ ފަރާތުން އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މި ގޮތުގެ މަތިން ޝަރީއަތުގެ މަޖިލީހަށް ހާޒިރުކޮށް ދެއްވާފައި ނުވާ ކަމާއި ޝަރީއަތުގެ މަޖިލީހަށް އޭނާ ހާޒިރު ކުރުމަށް ޖިނާއީ ކޯޓުން ނެރުނު އަމުރާ އެއްގޮތަށް ދިވެހިރާއްޖޭގެ ދިފާއީ ބާރުން އަމަލުކޮށްފައި ނުވާ ކަމާއި، ޝަރީއަތުގެ މަޖިލީހަށް ޖަވާބުދާރީ ވުމަށްޓަކައި ޖިނާއީ ކޯޓަށް އެ ފަރާތުން ހާޒިރުވެފައި ނުވާކަން ކޮމިޝަނުން ފާހަގަ ކުރެ އެވެ،" އެޗްއާރުސީއެމްގެ ބަޔާނުގައި ވެ އެވެ.
މީގެ އިތުރުން ރާއްޖެއިން ބައިވެރިވެފައިވާ ސިޔާސީ އަދި މަދަނީ ހައްގުތަކުގެ ބައިނަލްއަގްވާމީ މުއާހަދާގެ ނުވަ ވަނަ މާއްދާގެ 1 އާ ހަވާލާދީ އެޗްއާރުސީއެމުން ބުނެފައި ވަނީ ގާނޫނުގައި ކަނޑައެޅި ބަޔާންވެގެންވާ ގޮތުގެ މަތިން މެނުވީ އެއްވެސް މީހެއްގެ މިނިވަންކަން ނަގާލައިގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި އެ މާއްދާގެ 4 ގައި، މިނިވަންކަން ނަގާލެވިފައިވާ ކޮންމެ މީހަކަށް އެ މީހެއްގެ ހައްޔަރު ނުވަތަ ބަންދާ މެދު ގޮތެއް ނިންމުމަށް ލަސްނުކޮށް ޝަރީއަތަށް މައްސަލަ ހުށަހެޅުމުގެ ހައްގު ލިބިގެންވާ ކަމަށް ވެސް ބަޔާންކޮށްފައިވާކަް ވެސް އެޗްއާރުސީއެމުން ވަނީ ފާހަގަ ކޮށްފަ އެވެ.
އެމްއެންޑީއެފުގެ ބެލުމުގެ ދަށަށް ޔާމީން ގެންދަވައި އާ ރަށުގައި އޭނާ ބަހައްޓަވާފައި ހުންނަވާތާ މިއަދަށް ހަތް ދުސްވީއިރު ޔާމީން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް އެމްއެންޑީއެފުން ހާޒިރުކޮށް ނުދޭތީ ޖަލްސާތައް ވެސް ވަނީ ކުރިއަށް ގެންދެވޭ ގޮތް ނުވެފަ އެވެ. މީގެ އިތުރުން ޔާމީން މިނިވަން ކުރުމަށް ގޮވާލައި ކޮންމެ ރެއަކު އިދިކޮޅު ފަރާތްތަކުން މާލޭގައި ގެންދަނީ މުޒާހަރާ ބާއްވަމުންނެވެ. އެހެން ނަމަވެސް އެމްއެންޑީއެފުން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް ތަކުރާރުކޮށް ދަންނަވަމުން ގެންދަނީ ސިފައިންގެ ބެލުމުގެ ދަށުގައި ޔާމީން ހުންނެވީ އޭނާގެ ހިމާޔަތުގެ އިތުރުން މުޖުތަމައުގެ ރައްކަލަކަށްޓަކައި ކަމަށެވެ. އެކަމަކު އޭގެ ތަފުސީލެއް ނުދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ