ލޯކަލް މާރުކޭޓު ހިމެނޭ ސަރަހައްދު ދެ ބުރި އަށް ނަގާ ގޮތަށް ހަމަޖައްސައިފި

ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓު ހިމެނޭ ކޮށި އެއްކޮށް ދެ ބުރި އަށް އިމާރާތްކުރުމަށް ހަމަޖައްސާފައިވާ ކަމަށް މާލޭ މުނިސިޕަލްޓީން ވިދާޅުވެއްޖެ އެވެ.
މާލޭ މުނިސިޕަލްޓީގެ އެސިސްޓެންޓް ޑިރެކްޓަރު ޖެނެރަލް އަބްދުލްހަމީދު އަލީ ވިދާޅުވީ މާރުކޭޓު ސަރަހައްދުގެ ޖާގަ ބޮޑުކުރުމުގެ ގޮތުން އެ ކޮށި ދެ ބުރި އަށް އިމާރާތްކުރުމުގެ މަސައްކަތް ރޯދައިގެ ފަހުން ފެށޭވަރު ވާނެ ކަމަށެވެ.
"މިކަން މި ކުރަނީ ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީގެ އެހީތެރިކަމާ އެކު. ފައިސާގެ ކަންތައްތައް ވެސް އެ މިނިސްޓްރީން ވަނީ ހަމަޖެހިފައި،" ހަމީދު ވިދާޅުވި އެވެ.
ހަމީދު ވިދާޅުވީ މިހާރު ވެސް އިމާރާތްކުރުމުގެ މަސައްކަތް ފެށޭ ވަރަށް ކަންތައްތައް ފަހިވެފައިވީ ނަމަވެސް އެކަން ރޯދައިގެ ފަހުން ފަށަން މަޑުކުރީ، މި ވަގުތު އެ މަސައްކަތް ފަށައިފި ނަމަ މާރުކޭޓުގެ ޖާގައިގެ މައްސަލަ ރޯދަ މަހުގެ ތެރޭގައި ބޮޑުވާނެތީ އެވެ. ހަމީދު ވިދާޅުވީ މާރުކޭޓުގެ މަސައްކަތް ކުރިއަށް ގެންދަން ހަމަޖައްސާފައި ވަނީ އެތަން ބޭނުންކުރާ މީހުންނަށް ދަތިނުވާނެ ގޮތަށް ދެތިން ފިޔަވައްސަކަށް ބަހާލައިގެން ކަމަށެވެ.
މާރުކޭޓު ދެބުރި އަށް ހެދުމަށްޓަކައި ވަޅޯމަސް މާރުކޭޓު އެހެން ތަނަކަށް ބަދަލުކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ވަޅޯމަސް މާރުކޭޓު މި ވަގުތު ބަދަލުކުރަން ހަމަޖައްސާފައިވަނީ ރޯމަސް މާރުކޭޓުގެ މައްޗަށް. އެއީ މި ވަގުތު ވަޅޯމަސް މާރުކޭޓުގައި ތިބި މީހުންނަށް ތިބެވޭނެ ވަރުގެ ތަނެއް،" ހަމީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މާރުކޭޓު ހުރި ކޮށި ދެ ބުރިއަށް އިމާރާތްކުރުމުން ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓާއި ވަޅޯމަސް މާރުކޭޓުގެ ޖާގަ ވެސް ދެގުނަ ބޮޑުވެ ތަނަވަސްވެގެންދާނެ އެވެ.
ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓު ދެބުރި އަށް ހެދުމަކީ، އެތަން ބޭނުންކުރަން ފެށިފަހުން އެތަނަށް ގެނެވޭނެ އެންމެ ބޮޑު ބަދަލެވެ. ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓުގެ ފެންވަރު ރަނގަޅު ކުރުމަށް މީގެކުރިން ބައެއް މަސައްކަތްތައް ކޮށްފައި ވެއެވެ. މިގޮތުން ގިނައިން ކޮށްފައިވަނީ ތަނުގެ ސާފުތާހިރު ކަމަށް ކުރެވުނު ތަފާތު މަސައްކަތްތަކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ