ރެއާލްއިން އަނެއްކާވެސް މުސާރަ ކުޑަ ކޮށްފި

ކޮވިޑް-19 އާ ގުޅިގެން ކުރިމަތި ވެފައިވާ ހާލަތުގެ ސަބަބުން، ރެއާލް މެޑްރިޑްގެ މުސާރަތައް އަނެއްކާ ވެސް ކުޑަ ކުރަން އެ ކުލަބުން ނިންމައިފި އެވެ.
އެ ކުލަބުގެ ފުޓްބޯޅަ ޓީމަށާއި ބާސްކެޓްބޯޅަ ޓީމަށް މިހާރު ވަނީ، ސީޒަންގެ ފުރަތަމަ ހާފުގެ މުސާރަތައް ދީފަ އެވެ. ފުރަތަމަ ހާފުގެ މުސާރަތައް ދިނީ 10 ޕަސަންޓް އުނި ކުރުމަށް ފަހު އެވެ.
ސީޒަންގެ ދެ ވަނަ ހާފު ފަށަން ތައްޔާރުވާއިރު، އެ ކުލަބުން ވަނީ އެ ހާފުގެ މުސާރައިގެ ވެސް 10 ޕަސަންޓް އުނި ކުރަން ހުށަހަޅާފަ އެވެ. މިދިޔަ ސީޒަންގެ ދެ ވަނަ ހާފުގެ މުސާރަތައް ވެސް ދިނީ 10 ޕަސަންޓް އުނި ކުރުމަށް ފަހު އެވެ. އަދި ފުޓްބޯޅަ ހުއްޓާލަން ޖެހުނު މުއްދަތުގެ މުސާރަތައް ދީފައި ވަނީ 20 ޕަސަންޓް ކުޑަ ކުރުމަށް ފަހު އެވެ.
ރެއާލްގެ މި ސީޒަންގެ ބަޖެޓް 900 މިލިއަން ޔޫރޯ އަށް ހަދާނެ ކަމަށް ބެލެވުނު ނަމަވެސް، ކުލަބުގެ ކޮންގްރެސްއިން ފާސް ކުރީ 618 މިލިއަން ޔޫރޯގެ ބަޖެޓެކެވެ. މި ސީޒަނަކީ، އެ ކުލަބުގެ ފަހުގެ ތާރީހްގައި ފާހާގަ ކުރެވޭ ސީޒަނަކެވެ. މި ސީޒަނާ އެ ޓީމުން ކުރިމަތިލީ ޓްރާންސްފާ މާކެޓްގައި އެއްވެސް ކުޅުންތެރިޔަކު ސޮއި ނުކުރުވަ އެވެ. މިއީ މިދިޔަ 40 އަހަރުގައި ޓްރާންސްފާގައި އެ ކުލަބުން އެއްވެސް ހަރަކާތެއް ނުހިންގާ ހަމައެކަނި ސީޒަނެވެ.
ބަޔާން މިޔުނިކްގެ ޑިފެންޑަރު ޑޭވިޑް އަލްބާ، ހިލޭ ޓްރާންސްފާއެއް ގެ ދަށުން ސޮއި ކުރާނެ ކަމަށް ވަނީ ބެލެވިފަ އެވެ. އޭނާ ކުލަބާ ގުޅޭނީ ސީޒަން ނިމުމަށް ފަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ