ސިވިލް ސާވިސް ކޮމިޝަންގެ "ވިއުގަ އޮންލައިން ޕޯޓަލް" އިފްތިތާހު ކޮށްފި

ސިވިލް ސާވިސް މުވައްޒަފުންގެ ވަޒީފާއާ ގުޅޭ ކަންކަން ކުރިޔަށް ގެންދިޔުމަށް ބޭނުންކުރާ ސީއެސްވިއުގަ އޮންލައިން ޕޯޓަލް އިފްތިތާހް ކޮށްފި އެވެ.
މި އޮންލައިން ޕޯޓަލް އިފްތިތާހް ކޮށްފައިވަނީ މިއަދު އެކަމަށްޓަކައި ސިވިސް ސާވިސް ކޮމިޝަންގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހު ވިދާޅުވީ، އާންމުކޮށް ބޭނުންކުރެވޭ ގޮތަށް، ސީއެސް ވިއުގަ އޮންލައިން ޕޯޓަލް މިއަދު ހުޅުވާލާ ހިސާބުން، އެ ކޮމިޝަނާއި ސިވިލް ސާވިސް މުވައްޒަފުންނާއި ސިވިލް ސާވިސްގެ އެންމެހާ އިދާރާތަކާ އޮންނަ ގާތް ގުޅުން އިތުރަށް ހަރުދަނާވެ، ކޮމިޝަނުން ފޯރުކޮށްދޭ ހިދުމަތްތައް ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށާއި، ދެވޭ ހިދުމަތްތައް ހަރުދަނާކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.
ސީއެސް ވިއުގަ އޮންލައިން ޕޯޓަލް މެދުވެރިކޮށް، ވަޒީފާއަށް އިއުލާނުކުރުމާއި ވަޒީފާއަށް ކުރިމަތިލުމާއި ވަޒީފާގެ ކުރިއެރުން ދިނުމާއި އަދިވެސް ސިވިލް ސާވިސް ވަޒީފާއާ ގުޅޭ އެންމެހައި ކަންތައްތައް ސިންގަލް ވިންޑޯއެއް މެދުވެރިކޮށް ކުރެވިގެންދާނެ އެވެ.
"މިއީ، ފުރިހަމަ ޑިޖިޓަލް ހިއުމަން ރިސޯސް މެނޭޖުމަންޓު ސިސްޓަމެއް ގާއިމުކުރުމަށް މި ކޮމިޝަނުން ކުރަމުން އަންނަ ދުރު ރާސްތާ ޕްލޭނުގެ ތެރެއިން ގިރާކުރެވުނު ވަރަށް މުހިއްމު ހަރުފަތެއް" ނާސިހު ވިދާޅުވި އެވެ.
ނާސިހު ވިދާޅުވީ މިއީ ކަރުދާހާ ނުލައި މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ މަސައްކަތް ރާއްޖޭގައި ކުރިޔަށް ގެންދެވޭނެ ފުރަތަމަ ފަހަރު ކަމަށާއި މީގެ ސަބަބުން 26 ހާހެއްހާ ސިވިލް ސާވިސް މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމަށް ދައުލަތުގެ ބަޖެޓުން ކުރަމުން ދިޔަ ހަރަދުތައް އެތައް ގުނައެއް ކުޑަވެގެންދާނެ ކަމަށެވެ. އަދި ސިވިލް ސާވިސް ކޮމިޝަނުން ފޯރުކޮށްދޭ ހިދުމަތްތައް ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށާއި ދެވޭ ހިދުމަތްތައް ހަރުދަނާކުރުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ