25 މިލިޔަން ޑޮލަރުގެ ލޯނު ނެގުމަށް ކޮމިޓީން އާންބަސްދީފި

އިންޑިއާއިން ތަކެތި އިމްޕޯޓު ކުރުމަށް އެގައުމުން ދޭން ނިންމާފައިވާ 50 މިލިޔަން ޑޮލަރުގެ ތެރެއިން 25 މިލިޔަން ޑޮލަރު ބަޖެޓު ސަޕޯޓުގެ ގޮތުގައި ނެގުމަށާއި މާލޭގައި ނުނިމި ހުރި ގެތައް ނިންމުމަށް އެޗްޑިއެފްސީ މެދުވެރިކޮށް ނަގަން ނިންމާފައިވާ ލޯނުތަކަށް 150 މިލިޔަން ރުފިޔާގެ ގެރެންޓި ދިނުމަށް މާލިއްޔަތު ކޮމިޓީން އެއްބަސްވެއްޖެއެވެ.
މާލިއްޔަތު ކޮމިޓީން މިގޮތަށް އެއްބަސްވެފައިވަނީ މިއަދު މެންދުރު ބޭއްވި ބައްދަލުވުމުގައެވެ. މަޖިލީހުގެ އިދާރާއިން މައުލޫމާތުދޭ ގޮތުގައި މިއަދު އޮތް ބައްދަލުވުމުގައި ނިންމާފައިވަނީ ސްޓޭންޑް ބައި ކްރެޑިޓް ފެސިލިޓީއަށް ސަރުކާރުން ނަގާ 100 މިލިޔަން ޔޫ.އެސް ޑޮލަރުގެ ލޯނުން އިންޑިއާއިން އިމްޕޯޓް ކުރެވޭ ތަކެތިގަތުމަށް ކަނޑައެޅިފައިވާ 50 މިލިޔަން ޑޮލަރުގެ ތެރެއިން 25 މިލިޔަން ޑޮލަރު ބަޖެޓް ސަޕޯރޓަށް ރީއެލޮކޭޓް ކުރުމާއި މެދު މަޝްވަރާކުރުމަށްފަހު، ބަޖެޓް ސަޕޯޓްގެ ގޮތުގައި ނެގުމަށް ހަމަޖެހިފައިވާ 65 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނުގެ ތެރެއަށް 25 މިލިޔަން ޑޮލަރު އެލޮކޭޓްކުރުމަށެވެ.
މާލޭގައި ހަދަން ފެށުމަށްފަހު ލާރި ނެތިގެން ނުނިންމި ހުރި އިމާރާތްތައް ނިންމުމަށް އެޗްޑީއެފްސީ މެދުވެރިކޮށް ދޭން ނިންމާފައިވާ ލޯނުތަކަށް ދިނުމަށް ނިންމާފައިވާ ގެރެންޓީތަކުގެ ތެރެއިން 150 މިލިޔަން ރުފިޔާގެ ގެރެންޓި އެޗްޑިއެފްސީއަށް ދިނުމަށް ވެސް މިއަދުގެ ކޮމިޓީގައިވަނީ ނިންމާފައެވެ.
ކޮމިޓީގައި މިއަދު އޮތް ބައްދަލުވުމުގައި އަތޮޅު ތެރޭގައި ހުރި އިމާރާތްކަށް ވެސް ގެރެންޓީ ދިނުމަށް ބައެއް މެމްބަރުން ހުށަހަޅުއްވާފައިވާތީ ފިނޭންސް މިނިސްޓަރު އަބުދުﷲ ޖިހާދުވަނީ މާލޭގެ ގެދޮރު އެޅުމަށް ގެރެންޓި ދޭން ބަޖެޓުގައި ފާސްކޮށްފައިވީ ނަމަވެސް އަތޮޅު ތެރެއަށް ގެރެންޓީ ދޭން ފާސްކޮށްފައި ނުވާތީ އެކަމާއި މެދު ވެސް ކޮމިޓީން ގޮތެއް ނިންމައިދިނުމަށް އެދިވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ