މުއްތޮލިބާއިމެދު ފިޔަވަޅު އެޅުމަށް އެމްޑީޕީން ގޮވާލައިފި

ޤައުމީ ސަލާމަތަށް ނުރައްކާ ވާހަކަތަކެއް ދެއްކިކަމަށްބުނެ އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަދި ރައީސް ނަޝީދުގެ ސްޕެޝަލް އެންވޯއީ (ނޢއވ) އިބްރާހީމް ހުސައިން ޒަކީ މާލެ ވަޑައިގެންނެވުމުން ހައްޔަރުކޮށް ޝަރީއަތް ހިންގާ ދަންޖައްސާ މަރާލުމަށް ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު އިބްރާހިމް މުއްތޮލިބް ގޮވައިލެއްވި ގޮވައޮލެއްވުން އެމްޑީޕީން ކުށްވެރިކޮށްފިއެވެ.
ޒަކީ އަވަހާރަކޮށްލުމަށް ގޮވާލާފައިވާތީ އެކަން އެންމެ މަތީ ދަރަޖައަށް ކުށްވެރިކުރާކަމަށް އެމްޑީޕީން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވެއެވެ.
" އެމަނިކުފާނަކީ ބައިނަލް އަޤްވާމީ އިސް މަގާމެއް އަދާކުރެއްވުމުގެ ޝަރަފް އެންމެ ފުރަތަމަ ލިބިވަޑައިގެންނެވި ރާއްޖޭގެ ސިޔާސީ ލީޑަރެވެ. އެގޮތުން 1992 ން 1993 އަށް އެމަނިކުފާނު ވަނީ ސައުތު އޭޝިއަން އެސޯސިއޭޝަން ފޮރ ރީޖަނަލް ކޯޕަރޭޝަން (ސަރކް)ގެ ސެކްރެޓަރީ ޖެނެރަލްކަން ކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ 1966 ވަނަ އަހަރުން ފެށިގެން ދިވެހި ދައުލަތަށް ވަފާތެރިކަމާ އެކު އިޚްލާސްތެރި ޚިދުމަތްތަކެއް ކުރައްވާފައެވެ. ހަމައެހެންމެ ބައިނަލްއަޤްވާމީ ތަފާތު އެކި ޖަމާޢަތްތައް ކަމަށްވާ ސަރކް އާއި، ވަކި ފަރާތަކަށް ނުޖެހޭ ގައުމުތައް ހިމެނޭ ބައިނަލް އަޤްވާމީ ޖަމާއަތް ކަމަށްވާ ނޮންއެލައިންޑް މޫވްމެންޓާއި، އޯރގަނައިޒޭޝަން ފޯރ އިސްލާމިކް ކޮންފަރެންސް (އޯއައިސީ) އާއި، ކޮމަންވެލްތުގެ އިތުރުން އދ. ގައި ވެސް އެތައް ފަހަރެއްގެ މަތިން ރާއްޖޭގެ ހެވާއި ލާބައަށް ވަކާލާތުކުރައްވައި ރާއްޖެ ތަމްސީލް ކުރެއްވި ސިޔާސީ ވަރުގަދަ ޝަޚްޞިއްޔަތެކެވެ. އަދި އެމަނިކުފާނަކީ އަވައްޓެރި ގައުމުތަކުގައާއި ދުނިޔޭގައި ވެސް ވަރަށް ގަދަރުވެރި ޑިޕްލޮމޭޓެކެވެ" އެމްޑީޕީން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.
އަދި ޒަކީ ދަންޖައްސައި، އަވަހާރަކޮށްލުމަށް މުއްތަލިބު ގޮވާލައްވާފައިވާތީ މިއީ ވަރަށް ނުރައްކާތެރި ވާހަކައެއް ކަމަށްވާތީ އެކަން ކަންބޮޑުވުމާއެކު ފާހަގަކުރާކަމަށްވެސް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި މި މައްސަލަ ބަލާ މުއްތަލިބާ މެދު ފިޔަވަޅު އެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސަށާއި، ފުލުހުންނަށާއި އެޗްއާރުސީއެމްގެ އިތުރުން ޕީޖީއަށް ގޮވާލާކަމަށްވެސް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ