ސޯންގް އެންމެ ފަހުން ބާސެލޯނާއަށް!

އާސެނަލްގެ މިޑްފިލްޑަރު އެލެކްސް ސޯންގް ބާސެލޯނާއަށް ސޮއި ކުރުމާ ގާތަށް ގޮސްފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ބާސެލޯނާގެ އިސްފަރާތްތައް އިއްޔެ ވަނީ ސޯންގް ޓްރާންސްފާއާއި ބެހޭ ގޮތުން އާސެނަލްގެ އިސްފަރާތްތަކާއި އެކު މަޝްވަރާތައް ލަންޑަންގައި ބާއްވާފައެވެ.
ސޯންގްގެ ޓްރާންސްފާ ފީއެއްގެ ގޮތުގައި އެންމެ ފުރަތަމަ ބާސެލޯނާއިން ހުށަހެޅި ކަމަށްވަނީ 15 މިލިއަން ޕައުންޑެވެ. އެހެން ނަމަވެސް އާސެނަލް އިން ވަނީ މިއަގާއި މެދު އެއްބަސް ނުވެފައެވެ. އާސެނަލް އިން ސޯންގު ބާސެލޯނާއަށް ވިއްކާލުމަށް ކިޔާ އަގަކީ 20 މިލިއަން ކަމަށްވިޔަސް 18 މިލިއަންއާއި 19 މިލިއަން ޕައުންޑުގެ ޓްރާންސްފާ ފީއަކަށް ދެ ކުލަބުން އެއްބަސްވާނެކަމަށް ބެލެވޭކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
އާސެނަލްއާއި އެކު ސޯންގް ހަދާފައިވާ އެއްބަސްވުމުގައި ބާކީ ދެއަހަރު އޮތްނަމަވެސް އާސެނަލްއިންވެސް ސޯންގް ބާސެލޯނާއަށް ވިއްކާލުމަށް ބޭނުންވެއެވެ. ސޯންގް ބާސެލޯނާއަށް ބަދަލުވާނެކަމަށް ބެލެވޭއިރު ސެންޓްރަލް ޑިފެންޑަރަކަށް ކުޅެ، އަދި މިޑްފިލްޑަށް ކުޅޭ ކުޅުންތެރިއަކު ހޯދުމަށް މުޅި ޓްރާންސްފާ މުއްދަތުގައި ބާސެލޯނާއިން ކުރި މަސައްކަތް ކާމިޔާބު ވާނެއާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ