މިސްރުގެ ޖާސޫސީ އިދާރާގެ ކުރީގެ ވެރިޔާ އަވަހާރަވެއްޖެ

އެމެރިކާގައި ސިއްހީ ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިސްރުގެ ޖާސޫސީ އިދާރާގެ ކުރީގެ ވެރިޔާ ޖެނަރަލް އުމަރު ސުލައިމާނީ އަވަހާރަވެއްޖެއެވެ.
މިސްރުގެ ޤައުމީ ނިއުސް އެޖެންސީން ބުނީ އުމުރުން 76 އަހަރުގައި ޖެނަރަލް ސުލައިމާނީ އަވަހާރަވީ ހޮސްޕިޓަލްގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށެވެ.
ރައްޔިތުން ނިކުމެ ވެރިކަމުން ދުރުކޮށްފައިވާ މިސްރުގެ ކުރީގެ ރައީސް މުޙައްމަދު ޙުސްނީ މުބާރަކުގެ ވެރިކަމުގައި މިސްރުގެ ޖާސޫސީގެ އިދާރާގެ ވެރިޔާ ކަމުގެ މަޤާމު ޖެނަރަލް ސުލައިމާނީ ވަނީ 18 އަހަރަށް ވުރެ ގިނަ ދުވަސްވަންދެން ފުރުއްވާފައެވެ. އަދި މުބާރަކުގެ ވެރިކަމުގެ ފަހު ދުވަސްކޮޅު މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހުން ފެށިގެން މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު މުބާރަކުގެ ވެރިކަން ވެއްޓުމާއި ހަމައަށް ކުޑަ ދުވަސްކޮޅެއް ވަންދެން ޖެނަރަލް ސުލައިމާނީ ވަނީ މިސްރުގެ ނައިބު ރައީސް ކަންވެސް ކުރައްވާފައެވެ.
ރައްޔިތުން ނިކުމެ ވަރުގަދަ މުޒާހަރާ ތަކެއް ފެށިތާ 18 ދުވަސް ފަހުން މުބާރަކުގެ 30 އަހަރުވީ ހުދުމުހުތާރު ވެރިކަން ނިމުމަކަށް އައިކަން މިސްރުގެ ޤައުމީ ޓީވީ މެދުވެރިކޮށް ރަސްމީކޮށް އިއުލާން ކުރެއްވި ބޭފުޅަކީވެސް ޖެނަރަލް އުމަރު ސުލައިމާނީއެވެ.
މިސްރުގައި މިއަހަރު ބޭއްވުނު ފުރަތަމަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ޖެނަރަލް ސުލައިމާނީ މަސައްކަތް ކުރެއްވި ނަމަވެސް ދިމާވި ޓެކްނިކަލް ބައެއް ސަބަބު ތަކަކާއި ގުޅިގެން އޭނާގެ ނަން ވަނީ ބާތިލް ކޮށްފައެވެ.
ޖެނަރަލް ސުލައިމާނީގެ ކެމްޕެއިން ޓީމުގެ މެންބަރެއް ކަމަށްވާ ރީމް މަމްދޫހު އޭއެފްޕީއަށް ދެއްވި އިންޓަރވިއުއެއްގައި ވިދާޅުވެފައިވަނީ ޖެނަރަލް އުމަރު ސުލައިމާނީގެ ސިއްހީ ހާލުކޮޅު ދައްވަމުން ދިޔަ ނަމަވެސް އޭނާގެ ސިއްހީ ހާލުކޮޅު މާގޯސް ނޫން ކަމަށާއި، އޭނާ އަވަހާރަވީ ކުއްލި ގޮތަކަށް ކަމަށެވެ.
ރިޔާސީ އިންތިހާބުގައި ޖެނެރަލް ސުލައިމާނީގެ ނަން ބާތިލް ކުރުމާއި ގުޅިގެން ފިއްލަވައިގެން އުޅުއްވާ ކަމަށް ބެލެވޭ ޖެނަރަލް ސުލައިމާނީއާއި އޭނާގެ އާއިލާ މިވަގުތު ދިރިއުޅުއްވަމުން ގެންދަވަނީ އެމެރިކާގައެވެ.
މިސްރުން ލިބެމުންދާ ބައެއް މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުގައި ޖެނަރަލް އުމަރު ސުލައިމާނީ ފަސްދާނުލުމަށް ހަމަޖެހިފައިވަނީ މިސްރުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ