ފިނޭންސްގެ ހާއްސަ ބަޖެޓ އުވާލަންޖެހޭ: އޮޑިޓަ ޖެނެރަލް

ހިޔާނާތްތައް ތުހުމަތުކުރެވޭ ކަންކަން ފިނޭންސް މިނިސްޓްރީގެ ހާއްސަ ބަޖެޓުން ހިންގާފައި އެބަހުރި ކަމަށާއި އެފަދަ ކަންކަން ހުއްޓުވުމަށްޓަކައި އެ ބަޖެޓް އުވާލަންޖެހޭ ކަމަށް އޮޑިޓަ ޖެނެރަލް ނިޔާޒު އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ. ނިޔާޒު މާލިއްޔަތު ކޮމިޓީގައި ވިދާޅުވީ ފިނޭންސް މިނިސްޓްރީގެ ހާއްސަ ބަޖެޓާއި ކޮންޓިންޖެންސީ ބަޖެޓުގެ ސަބަބުން ނަހަމަ ކަންކަމާއި މާލިއްޔަތު ގާނޫނާ ހިލާފަށް ހަރަދުކުރަން މަގުފަހިވާ ކަމަށެވެ. އެފްޓެކް ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑުން ބޭހުގެ ސާމާނު އެތެރެނުކޮށް 11.8 މިލިއަން ރުފިޔާ ނަގާފައި ވާއިރު، އެ ފައިސާ ދޫކޮށްފައި ވަނީ ފިނޭންސް މިނިސްޓްރީގެ ހާއްސަ ބަޖެޓުން ކަމަށް ނިޔާޒު ވިދާޅުވި އެވެ. ހާއްސަ ބަޖެޓުގެ ސަބަބުން މާލީ ހިސާބުތައް ބެލެހެއްޓުމަށް ދަތިވާ ކަމަށާއި އެ ބަޖެޓުން ދޫކުރާ ފައިސާއަށް ޒިންމާވާނެ އޮފީހެއް ހޯދުމަށް ދަތިކަމަށް ނިޔާޒު ވިދާޅުވި އެވެ. "އެފްޓެކް މައްސަލަ ދިމާވުމުގެ އެއް ސަބަބަކީ ވެސް ހާއްސަ ބަޖެޓް. ހެލްތު މިނިސްޓްރީގެ މާލީ ޒިންމާގައި އޮތް ކަމެއްގެ ތެރެއަށް ފިނޭންސުން ވަނީ ވަދެފައި،" މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމަށް ފަހު ނިޔާޒު ހަވީރަށް ވިދާޅުވި އެވެ. މާލިއްޔަތު ކޮމިޓީގެ މުގައްރިރު އަހްމަދު ނާޒިމް ވިދާޅުވީ ހާއްސަ ބަޖެޓާއި ކޮންޓިންޖެންސީ ބަޖެޓް ބޭނުންކުރާ ގޮތާމެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. ކޮންޓިންޖެންސީ ބަޖެޓުން ކުރާ ހަރަދުތައް ޒިންމާދާރު ގޮތުގައި ކުރުމަށް އެ ބަޖެޓު ތިން ބަޔަކަށް ބަހާލާފައިވާ ކަމަށާއި އެ ބަޖެޓު ބަހާލާފައިވާ ގޮތާ ހިލާފަށް މިހާރު ހަރަދު ނުކުރެވޭނެ ކަމަށް ނާޒިމް ވިދާޅުވި އެވެ. އަދި ހާއްސަ ބަޖެޓްގެ ހަރަދުކުރުން ކޮންޓްރޯލްކުރެވޭ ގޮތްތަކެއް ހަދަން ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެސިސްޓެންޓް އޮޑިޓަ ޖެނެރަލް ހުސައިން ނިޔާޒީ ކޮމިޓީގައި ވިދާޅުވީ ދައުލަތަށް ތަކެތި ހޯދާއިރު، ޓެންޑާކުރުމުގެ އުސޫލު ވެސް މިހާރަށް ވުރެ ހަރުދަނާކުރަންޖެހޭ ކަމަށެވެ. ބޭހުގެ ސާމާނު ހަވާލުކުރުމަށްޓަކައި، ގާބިލްކަމެއް ނެތް އެފްޓެކް ސޮލިއުޝަންސްއާ ހަވާލުކުރީ ޓެންޑާކުރުމުގެ އުސޫލުތަކަށް ތަބާނުވުމުން ކަމަށް އޭނާ ވިދާޅުވި އެވެ. ސަރުކާރުގެ އޮފީސްތަކުގައި ހިންގަމުންދާ ކޮރަޕްޝަންގެ މައްސަލަތައް ހުއްޓުވުމަށްޓަކައި އެފަދަ ކުށް ކުރާ ފަރާތްތަކާއި އެކަމުގައި ބައިވެރިވާ ފަރާތްތަކާ މެދު އަވަހަށް ފިޔަވަޅު އަޅަންޖެހޭ ކަމަށް ވެސް ނިޔާޒީ ވިދާޅުވި އެވެ. އޮޑިޓަ ޖެނެރަލް ނިޔާޒު ވިދާޅުވީ އެފްޓެކް މައްސަލައަކީ ހިޔާނާތެއް ކަމަށާއި އެ ކުންފުންޏާ މަސައްކަތް ހަވާލުކުރުމުގައި ބައިވެރިވާ ފަރާތްތަކާއި އެ ކުންފުނިން ބޭހުގެ ސާމާނު އެތެރެ ނުކުރަނީސް ފައިސާ ހަވާލުކުރި ފަރާތްތަކުން އެކަމުގެ ޒިންމާ ނަގަންޖެހޭނެ ކަމަށެވެ. އެފްޓެކްގެ މައްސަލަ ބެލުމަށް އޮޑިޓަ ޖެނެރަލް ވަނީ ޕޮލިހާ ހަވާލުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ