އޭލެވެލް ކުދިންގެ ޕްރޮޖެކްޓްތަކަށް ގައުމީ ކުތުބުޚާނާ ހުޅުވާލަނީ

އޭލެވެލް އަށް ކިޔަވާ ދަރިވަރުންގެ ޕްރޮޖެކްޓުތައް ހެދުމަށް ގައުމީ ކުތުބުހާނާގެ ބައެއް ޚާއްސަކޮށްފި އެވެ. ގައުމީ ކުތުބުހާނާ ނުވަތަ ނެޝަނަލް ލައިބްރަރީގެ ޑިރެކްޓަ ޖެނެރަލް އިބްރާހިމް ޝިޔާމް ވިދާޅުވީ އޭލެވެލް އަށް ކިޔަވާ ކުދިން އެކިއެކި ޕްރޮޖެކްޓުތައް ހެދުމަށް ލައިބްރަރީ އަށް ވަރަށް ގިނައިން އަންނަ ކަމަށާއި ނަމަވެސް ފިލާވަޅު ތެރެއަށް ވަދެ، އެންމެ ފުރިހަމަ ގޮތުގައި މަސައްކަތް ކުރެވޭނެ މާހައުލެއް އެތަނުގައި ނެތް ކަމަށެވެ. އެހެންކަމުން ކޮންމެ ބުރާސްފަތި ދުވަހަކާއި ބުދަދުވަހެއްގެ ހަވީރު، އެކުދިންނަށް ލައިބްރަރީގެ ބައެއް ޚާއްސަ ކޮށްފައިވާ ކަމަށް ޝިޔާމް ވިދާޅުވި އެވެ. "އާއްމު ގޮތެއްގައި ކުދިން ސްކޫލަށް ބޭނުންވާ އެފަދަ ޕްރޮޖެކްޓުތައް ހަދަން މިތަނަށް އަންނަނީ އެފަދަ މަސައްކަތެއް ކުރާނެ ޖާގަ ނެތުމުން. އެކަމަކު މިތަނުގައި ވެސް އެކުދިން މި މަސައްކަތް ކުރަން ޖެހެނީ ލައިބްރަރީން ޚިދުމަތް ހޯދާ އެހެން މީހުންނާ އެކުގައި. އެހެންވެ ގިނަ ފަހަރަށް އެ މަސައްކަތް އެންމެ ރަނގަޅު ގޮތުގައެއް ނުކުރެވޭ،" ޝިޔާމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ލައިބްރަރީގެ ޚިދުމަތް އެކި ގޮތްގޮތުން ފުޅާކުރުމަށް ގާނޫނުގައި އޮންނަ އިރު ފޮތް ކިޔާ މީހުންނާއި ދަރިވަރުންނާ ގުޅުން ހުރި ގިނަ ޚިދުމަތްތަކެއް ކުރިއަށް އޮތް ތަނުގައި ދެމުން ގެންދާނެ ކަމަށެވެ. ނެޝަނަލް ލައިބްރަރީން ވަނީ ރާއްޖޭގެ ހުރިހާ ރަށްރަށެއްގެ މައުލޫމާތު ހިމެނޭ ޕްރޮފައިލްތަކެއް ހެދުމުގެ މަސައްކަތް ފަށާފަ އެވެ. އެތަނުން ބުނިގޮތުގައި ލައިބްރަރީގެ ވެބްސައިޓްގައި ޝާއިއުކުރާ އެ ޕްރޮފައިލްތަކުގެ ސަބަބުން ދިވެހިންނަށާއި ބޭރު މީހުންނަށް ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ މައުލޫމާތު ވަކިވަކިން ފެންނަން ހުންނާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ