އެމެރިކާގެ "ފްލޯޓިން ބޭސް" އެއް ގަލްފް ސަރަހައްދަށް ފޮނުވައިފި

ވޮޝިންޓަން (ޖުލައި 7) - އީރާނުގެ ނިއުކްލިއާ މައްސަލައާ އެކު ގަލްފް ސަރަހައްދުގައި ހަނގުރާމައިގެ ބެރުގެ އަޑު އަނެއްކާވެސް ގަދަވެފައި ވަނިކޮށް، އެމެރިކާގެ އަސްކަރިއްޔާ އިން އެ ސަރަހައްދަށް "ފްލޯޓިން ބޭސް" އެއް ފޮނުފައިވި އެވެ. މިއީ ކަނޑުމަތީގެ ހާއްސަ ހަރަކާތްތަކުގައި ހެލިކޮޕްޓަރު ޖެއްސުމަށާއި ހަލާކުވާ އުޅަނދުތައް ހެދުމަށް އަދި ސިފައިންގެ ހާއްސަ ހަރަކާތްތަކުގައި ބޭނުންކުރާ އުޅަނދެކެވެ. އެމެރިކާ ސިފައިންގެ ފިފްތު ފްލީޓް ގާއިމުކޮށްފައިވާ ބަހްރެއިން އަށް މި ބޯޓް ދިޔައީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ޔޫއެސްއެސް ޕޯންސްގެ ނަން ދީފައިވާ މި "ފްލޯޓިން ބޭސް" ގެ އިތުރުން ވެސް އެމެރިކާ އިން ވަނީ ގަލްފް ސަރަހައްދަށް އެމީހުންގެ އިތުރު މަނަވަރުތަކާއި ފައިޓާ ޖެޓްތައް ވެސް ފޮނުފައިފަ އެވެ. އެގޮތުން ދެ އެއާކްރާފްޓް ކެރިއަރު ފޮނުވާފައިވާއިރު އަސްކަރީ ހެލިކޮޕްޓަރުތަކާއި ރާޑަރަށް ނާރާ ޒާތުގެ ފައިޓާ ޖެޓްތައް ވެސް ވަނީ ގަލްފް ސަރަހައްދަށް ފޮނުވައިފަ އެވެ. އެމެރިކާ ސިފައިންގެ ބާރު ގަލްފް ސަރަހައްދުގައި އިތުރަށް ވަރުގަދަކޮށްފައިވާއިރު އީރާނުގެ ނިއުކްލިއާ މައްސަލާގައި އެގައުމާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އެޅުމަށް އެމެރިކާ ތައްޔާރުވަމުން އަންނަ ކަމަށް ބައެއް ފަރާތްތަކުން ލަފާކުރެ އެވެ. ނިއުކްލިއާ ސިލްސިލާ ވާހަކަތައް ނާކާމިޔާބުވަމުން އަންނައިރު، ކުރިމަތިވެދާނެ ހަމަލާއަކަށް އީރާނުން ވެސް ދަނީ ތައްޔާރުވަމުންނެވެ. އަނެއްކޮޅުން އެގައުމުން ވަނީ، ދަތިކުރުމުގެ ފިޔަވަޅުތައް ވަރުގަދަކުރާ ނަމަ ހޮރްމޫޒް ކަނޑުއޮޅި ބަންކުރަން ޖެހިދާނެ ކަމުގެ އިންޒާރު ވެސް ދީފަ އެވެ. އެ ކަނޑުއޮޅި އަކީ ދުނިޔޭގެ ބާޒާރަށް ނެރޭ ތެލުގެ ބޮޑު ބައެއް ދަތުރުކުރާ މަގެވެ. ކަނޑުއޮޅި ބަންދުކޮށްފި ނަމަ ބާރުގެ ބޭނުންކޮށްގެން ވަގުތުން މަގު ހުޅުވާނެ ކަމުގެ އިންޒާރު އެމެރިކާ އިން ކުރިން ވަނީ ދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ