ހުރިހާ ކަމަކަށް އޮތް ހަމައެކަނި ހައްލަކީ ޔާމީން ވެރިކަމަށް ގެނައުން: ޑރ. ޖަމީލް

ރާއްޖެއަށް ކުރިމަތިވެފައިވާ ހުރިހާ މައްސަލަތަކުގެ ހައްލަކީ، މިވަގުތު ޖަލު ހުުކުމެއްގައި ހުންނެވި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކޮށް 2023 ވަނަ އަހަރު ރާއްޖޭގެ ވެރިކަމަށް އަނެއްކާވެސް އިންތިޚާބުކުުރުން ކަމަށް އެމަނިކުފާނުގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ. ރައިސް ޔާމީންއާއެކު 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމަނިކުފާނުގެ ރަނިންމޭޓަކަށްވެވަޑައިގެން، ނައިބު ރައީސްކަމުގެ މަގާމު ފުރުއްވި ޖަމީލް މިރޭ ވަނީ ޕީޕީއެމްއާ ގުޅިވަޑައިގެންފައެވެ. ޕީޕީއެމްއާ ގުޅިވަޑައިގަތުމަށް ބޭއްވި ހަފްލާގައި ވާހަކަ ދައްކަމުން ޖަމީލް ވިދާޅުވީ، ރާއްޖެއަށް ބޯހިޔާވަހިކަމާއި އިގްތިސާދީ ގޮތުން ވަރަށް ބޮޑުތި ގޮންޖެހުންތަކެއް މިއަދު ކުރިމަތިވެފައިވާ ކަމަށެވެ. އެ ހުރިހާ މައްސަލަތަކުގެ ހައްލު ހޯދައިދެވޭނެ ލީޑަރަކީ ރައީސް ޔާމީން ކަމަށް ޖަމީލް ވިދާޅުވިއެވެ. ޖަމީލް ވިދާޅުވީ، މި ސަރުކާރަށް 7،000 ފުލެޓު ދޭނެ ގޮތެއްވެސް ނޭނގުނު ކަމަށާއި އެ ފުލެޓުތަކުގެ އަގުވެސް ކަނޑައަޅަން ނޭނގުނު ކަމަށެވެ. އެ ހުރިހާ ކަމެއްގެ ހައްލު ހޯދުމަށް ޕީޕީއެމްގެ "ބިޔަ ލަޝްކަރު މިއަދު ނުކުންނަން ވެއްޖެ" ކަމަށް ޖަމީލް ވިދާލުވިއެވެ. "2023 ވަނަ އަހަރު ރާއްޖޭގެ ރިޔާސަތާ ކޮންމެ ހާލަތެއްގައިވެސް، މިއަދު މިއޮތް މައްސަލަތައް ހައްލު ކުރަން ބޭނުން ނަަމަ، ރާއްޖޭގެ ގައުމިއްޔަތު ރައްކާތެރިކުރަން ބޭނުން ނަމަ، އިސްލާމް ދީީނުގެ ވަހުދަތު ގައިމުކުރަން ބޭނުންނަމަ، އަޅުގަނޑުމެން ކުރިމައްޗަށް ވަރުގަދަ ކެރޭ ބިޔަ ލީޑަރަކު އަންނަން އެބަ ޖެހޭ،" ޖަމީލް ވިދާޅުވިއެވެ. "އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑުމެންނަށް އޮތީ އެންމެ ހައްލެއް. އެއީ ރައީސް ޔާމީން 2023 ވަނަ އަހަރު ކެންޑިޑޭޓަކަށް ހެދުން،" މިރޭ އިދިކޮޅުން ބޭއްވި ހަފްލާގައި ޖަމީލް ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޖަމީލް ވިދާޅުވީ، އެމަނިކުފާނު މިނިވަން ކުރުމަށް ކުރެވެން އޮތް މަސައްކަތްތެއް ކުރައްވާ ކަމަަށެވެ. އަދި ރާއްޖޭގެ އެއްވެސް ރައީސަކު ޖަލުގައި އޮންނެވުމަކީ، ގަބޫލު ކުރެވޭ ކަމެއް ނޫން ކަމަށް ޖަމީލް ވިދާޅުވިއެވެ. "މަތްﷲގެ ތަނަވަސް ރަހުމަތާއެކު އަޅުގަނޑު ފުރިހަމަ ގޮތުގައި އަރާމު ކުރާނީ، ޕީޕީއެމްގެ ރައީސް، ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުން ސަލާމަތުން ގެއަށް ގެނެސް 2023 ވަނަ އަހަރު ރާއްޖޭގެ ރިޔާސާތާ ހަވާލުކުުރުމަށްފަހު،"ޖަމީލް ވިދާޅުވިއެވެ. ޖަމީލް ވަނީ ވަރަށް ބޮޑަށް ރައީސް ޔާމީނަށް ތައުރީފު ކުރައްވާ ވާހަކަ ދައްކަވާފައެވެ. އެގޮތުން ރައީސް ޔާމީނަކީ ހަރުދަނާ ލީޑަރެއް ކަމަށާއި މިއަދު ގައުމަށް ބޭނުންވަނީ އެފަދަ ލީޑަރެއް ކަމެއް ވިދާޅުވިއެވެ. އަދި މިއަދު ރާއްޖެ މި ދެކޭ ތަރައްގީގެ ބާނީ އަކީ ރައީސް ޔާމީން ކަމަށް ޖަމީލް ވިދާޅުވިއެވެ. "އަޅުގަނޑު ދެކޭ ގޮތުގައި ރާއްޖެ އިގްތިސާދު ބައްޓަން ކުރައްވަން ޖެހޭނީ އެންމެ ގޮތަކަށް. އެއީ ރައިސް ޔާމީން ބައްޓަން ކުރެއްވި އިގްތިސާދު. އަޅުގަނޑު ދެކޭ ގޮތުގައި ރާއްޖޭގެ ތަރައްގީ ޗާޓު ކުރައްސަވަން އެންމެ ގޮތަކަށް. އެއީ ރައީސް ޔާމީން ކުރެއްސެވި ޗާޓު. އަޅުގަނޑު ދެކޭ ގޮތުގައި، ރާއްޖޭގެ ތަރައްގީގެ ގާއިދަކީ މި ޕާޓީގެ ރައީސް ޔާމީން،" ރައީސް ޔާމީނަށް ތައުރީފު ކުރައްވަމުން ޖަމީލް ވިިދާޅުވިއެވެ. ޖަމީލް ވިދާޅުވީ، ޕީޕއެމްގެ ފިކުރަކީ ރާއްޖޭގެ ކުރިމަގު ބައްޓަންކުރާނެ ހަމައެކަނި ފިކުރު ކަމަށެވެ. އަދި އެއީ ތަރައްގީގެ ފިކިރުކަމަށް ޖަމީލް ވިދާލުވއެވެ. "ބުރިޖުތައް އެޅީ މި ފިކުރު. ހޮސްޕިޓާތައް ބިނާ ކުރީ މިފިކުރު. އެއާޕޯޓުތައް އެޅަނީ މި ފިކުރު. ބިން ހިއްކަނީ މި ފިކުރު. އަދި ހަގީގަތުގައި ފުލެޓުތަކުގެ ބާނީ އަކީ މި ފިކުރުގެ ވެރިޔާ ރައީސް ޔާމީން،" ޕީޕީއެމްގެ ފިކުރަށް ތައުރީފުތައް ބަންޑުން ކުރަމުން ޖަމީލް ވިދާޅުވިއެވެ. ޖޫން 25، 2020: ރައީސް ޔާމީން ވެރިކަމުގެ ފުރަތަމަ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު، އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަށް ސޮއިކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ މި ސަރުކާރަށް ފާޑުވިދާޅުވަމުން ޖަމީލް ވިދާޅުވީ، މި ސަރުކާރުން ހިނގަން ބޭނުންވަނީ އިސްފާގެ މަގުން ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އެގޮތުން އެމްއެމްޕީއާރުސީގެ 3.4 ބިލިއަން ރުފިޔާ ހޯދުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ނިޔަތާމެދު ޖަމީލް ސުވާލު އުފެެއްދެއްވިއެވެ. "އަޅުގަނޑު އެންމެ ސުވާލެއް ސަރުކާރަށް އޮތީ. ސަރުކާރުން އެމްއެމްޕީއާރުސީގެ ފައިސާ ހޯދައިފިތޯ. ސަރުކާރުގެ ނިޔަތަކީ އެ ފައިސާ ހޯދުންތޯ. ކޮބާތޯ އެ ފައިސާ. ކޮންތާކުތޯ އެ ފައިސާވީ. އެ ފައިސާ ހޯދުމަށް ސަރުކާރުން ކުރެއްވީ ކޮންކަމެއްތޯ،"މި ސަރުކާރު ގެނައުމަށް މަސައްކަތް ކުރެއްވި އަދި ކުރީގެ އިދިކޮޅު ހަރަކާތުގެ ލީޑަރުކަން ކުރެއްވި ޖަމީލް ވިދާޅުވިއެވެ. ޖަމީލް ވިދާޅުވި ގޮތުގައި ބޮޑު ހިޔާނާތުގެ ފައިސާ އުފުލައި، ގެންްދިޔަ މީހުން މިއަދު ތިއްބެވީ މިނިވަން ކަމާއެކުއެވެ. އެމީހުންގެ މައްޗަށް އިންސާފުގެ ކުރިމައްޗަށް ހާޒިރުކޮށް، ޖަލު ހުކުމެއް ނައިސް ތިއްބެވީ ގޭގައި ކަމަށް އޭނާ ވިދާޅުވިއެވެ. އެ ހުރިހާކަމަކަށް ބަލައި، ރައީސް ޔާމީނަށް އިއްވާފައި އޮތީ އިންސާފުވެރި ހުކުމެއް ނޫން ކަމަށް ޖަމީލް ވިދާޅުވިއެވެ. ރައީސް ޔާމީން ޖަލުގައި އޮންނެވީ ސިޔާސީ ހަސަދައާއި ބަދަލު ހިފުމުގެ ރޫހުގައި ކަމަށް ޖަމީލް ވިދާޅުވިއެވެ. ޖަމީލް ޕީޕީއެމާ ގުޅިވަޑައިގަތުމުން އޭނާއަށް ވަނީ އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރުކަމުގެ މަގާމް އަރުވާފައެވެ. ޖަމީލް އެންމެ ފަހުން ހުންނެވީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ މެމްބަރެއްގެ ގޮތުގައެވެ. އަދި އެޕާޓީގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރުކަންވެސް ކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ