ހުރިހާ ދިމާލަކުން ވެސް ފެންނަނީ ރައްޔިތުން ބިކަހާލުގައި ޖެހެމުންދާތަން

ހުރިހާ ދިމާލަކުން ވެސް ފެންނަމުންދަނީ ރައްޔިތުން ބިކަހާލުގައި ޖެހެމުންދާތަން ކަމަށް ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.
ވަހީދު މިހެން ވިދާޅުވީ އެޑްވައިޒެއްގެ ގޮތުގައި އިދިކޮޅު ފަރާތްތަކާއި ގުޅިވަޑައިގަތުމަށް މިރޭ ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން ވަހީދު ވިދާޅުވީ މިއަދު ގައުމު އޮތީ ނުރައްކާތެރި، ހިތްދަތި ހާލަތެއްގައި ކަމަށާއި އެގޮތުން ކޮވިޑް-19 އާއި ގުޅިގެން އެތައް ހާސް ބައެއްގެ ވަޒީފާ ގެއްލި، އެމީހުންގެ އާއިލާތައް ބިކަހާލުގައި ޖެހިފައިވާ ކަމަށެވެ. އަދި ދައުލަތުގެ ހަރަދުތައް އަދިވެސް ހުރީ ބޮޑުކޮށްކަން ފާހަގަކުރައްވަމުން ވަހީދު ވަނީ ރައްޔިތުން ތިބީ ކަންބޮޑުވެފައި ކަމަށާއި ގައުމުގެ ހާލުގެ ދުލުން ބުނަންޖެހޭ ބަސްތައް ބުނުން މަޑުވުމުން އޭގެ ފަހަތުން ގައުމުގެ ރުއިމުގެ އަޑު މިއަދު އިވެމުންދާ ކަމަށްވެސް ވަހީދު ވިދާޅުވިއެވެ.
މީގެއިތުރުން ދައުލަތުގެ މާލިއްޔަތުގެ ބޮޑު ބައެއް ވާނުވާ ގޮތެއް ނޭނގި ގެއްލިގެންދާތަން ފެންނަމުންދާ ކަމަށާއި އެގޮތުން އެކި ފަރާތްތަކަށް "ބައި އެޅެމުން" ދާތަން ވެސް ފެންނަމުންދާ ކަމަށްވެސް ވަހީދު ވިދާޅުވިއެވެ. އަދި ކޮވިޑްގެ ހާލަތާއި ގުޅިގެން ގެވެށި އަނިޔާގެ މައްސަލަތައް ވެސް އިތުރުވަމުންދާ ކަމަށާއި މި ހުރިހާ ކަމަކާއި ދެކޮޅަށް ވެސް އަޑުއުފުލަންޖެހޭ ކަމަށްވެސް ވަހީދު ވިދާޅުވިއެވެ.
"އަދި ހަމަ ހުރިހާ ދިމާލަކުން ވެސް ފެންނަނީ ރައްޔިތުން ބިކަހާލުގައި ޖެހެމުންދާތަން. މި އަޑުތައް އެބަޖެހޭ އިއްވަން" ވަހީދު ވިދާޅުވިއެވެ.
ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ހީނަރުކަމެއް އައިސްފައިވާއިރު، ސަރުކާރުން މިހާރު އަންނަނީ މި ހާލަތާއި ގުޅިގެން ވަޒީފާ ގެއްލުނު ފަރާތްތަކަށް 5،000 ރުފިޔާގެ އެލަވެންސެއް ދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ