ކާގޯ ފެރީއަކީ އުތުރަށް އައި ތަރައްގީގެ ފެށުން: ޝާހިދު

ކުޑަ ގޮތަކަށް މިއަދު ފެށި، ކޮޗިން ފެރީގެ ހިދުމަތަކީ ބޮޑުތިިލަދުންމަތި ބޮޑުކޮށް ތަރައްގީވެ ކުރިއަރާ ދިއުމުގެ ބިންގާ ކަމުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅު ވެއްޖެ އެވެ.
އިންޑިއާ އާއި ރާއްޖެއާ މުދާ އުފުލަން ފެށި، "ކޮޗިން ފެރީ" ދެ ކޮންޓެއިނާގެ މުދާ ހިފައިގެން ކުޅުދުއްފުއްޓަށް ރޭ ފަތިހު ވަނީ ބަނދަރު ކޮށްފަ އެވެ.
މިކަމާ ގުޅުވައިގެން މިހާރު ކުރިއަށްގެންދަމުންދާ ވާޗުއަލް ރަސްމިއްޔާތެއް ޝަރަފުވެރި ކޮށް ދެއްވާ ވާހަކަފުޅު ދައްކަވަމުން، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ މިއަދު ފެންނަނީ ލާމަރުކަޒީކޮށް، ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދަަމުން އަންނަ ތަން ކަމަށެވެ. މިއަދު ބަނދަރު ކުރި ކާގޯ ފެރީއަކީ އުތުރަށް އަންނަ ތަރައްގީގެ ފެށުން ކަމަށް ޝާހިދު ސިފަ ކުރެއްވި އެވެ.
މިނިސްޓަރު ވިދާޅުވީ، ފެރީ ހިދުމަތުގެ ސަބަބުން މާލެއަށް ބަރޯސާވެ ކަންކަން ކުރަމުން އައި އައުން ނިމުމަކަށް ގެނެވޭނެ ކަމަށާއި މީގެ ނަތީޖާ ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖޭގެ ރައްޔިތުންނަށް އެތައް ގޮތަކުން ފެންނާނެ ކަމަށެވެ. އަދި ވިދާޅުވީ، އުތުރުގެ ރަށްތަކަށް ސަރުކާރުން ގެންގުޅެނީ އުފާވެރި ޕްރޮޖެކްޓުތަކެއް ކަމަށެވެ. އެގޮތުން، ހޯރަފުށީ އެއާޕޯޓާއި ހަނިމާދޫ އެއާޕޯޓުގެ މަސައްކަތް ފެށިގެން ނިމެމުންދާކަން ފާހަގަކުރެއްވި އެވެ.
"ތަނެއްގައި އޮތް ރަންވޭއެއްގެ ކޮޅުގައި ބައިނަލްއަގުވާމީއޭ ޖަހާލުމަކުން މި ސަރުކާރަކަށް ނުފުދޭ. ސަރުކާރުން ބޭނުން ވަނީ ބައިނަލްއަގުވާމީ އެއާޕޯޓެއްގެ ގޮތުގައި ހަނިމާދޫ އެއާޕޯޓު ތަރައްގީކޮށް އެއާޕޯޓަށް ބޭރުގެ ބޮޑެތި ބޯޓުތައް އައިސް އުތުރު، ބޮޑުތިލަދުންމަތި ފަތުރުވެރިކަމުގެ މުއްސަނދިކަމުން ފުރާލަން"
އިންޑިއާގެ ކޮޗިން އިން މި މަހުގެ 21 ވަނަ ދުވަހު ފުރި، "އެމްސީޕީ ލިންޒް" ނަމަކަށް ކިޔާ އެ ބޯޓު ރާއްޖެ އައިސްފައި ވަނީ ޓުޓިކޯރިން އިން ފުރައިގެން ކޮޗިން ބަނދަރާ ކައިރި ކުރުމަށްފަހު އެވެ. މުދާ އުފުލާ ބޯޓު މިއަދު ބަނދަރުކޮށްފައި ވަނީ ދެ ކޮޓައިނާ އެވެ. ބޯޓުގައި ހުރީ ގާތްގަނޑަކަށް 500 ޓަނުގެ މުދަލެވެ.
އެނގިފައިވާ ގޮތުގައި މި ބޯޓުން ގެނެސްފައި ވަނީ ފިޔާ އާއި އަލުވި ފަދަ ބާވަތްތަކަކުގެ އިތުރުން ކޮންޓްރަކްޝަން މެޓީރިއަލްސް އެވެ. އިންޑިއާ އާއި ރާއްޖެއާ ދެމެދު މި ދަތުރު ކުރަނީ އެ ގައުމުގެ ގައުމީ ޝިޕިން ކުންފުނި އިންޑިއާގެ ޝިޕިން ކޯޕަރޭޝަން (އެސްސީއައި) އިން ނެވެ. އަދި މި ކުންފުނީގެ ރާއްޖޭގެ އެޖެންޓަކީ ރާއްޖޭގެ ޝިޕިން ވިޔަފާރި ފުޅާ ކުރަން އުފެއްދި ކުންފުނި، ޝިޕިން ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިިޕިން (އެމްއެސްއެސް) އެވެ. ގައުމީ ޝިޕިން ކުންފުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ