ކަރަން ޖޯހަރުވެސް އެންސީބީއަށް ހާޒިރުކުރަނީ؟

ބޮލީވުޑްގެ މަޝްހޫރު ޕްރޮޑިއުސަރު ކަރަން ޖޯހަރު ވެސް މަސްތުވާތަކެތީގެ މައްސަލައެއްގައި ތަހުގީގު ކުރުމަށް ނާކޮޓިކްސް ކޮންޓްރޯލު ބިއުރޯ (އެންސީބީ) އަށް ހާޒިރުކުރަން އުޅޭ ކަމުގެ އަޑުތަކެއް ފެތުރިއްޖެއެވެ.
އެގޮތުން އިންޑިއާގެ ސޭޑް ޕާޓީގެ ލީޑަރު މަންޖިންދަރު ސިންގު ސިރްސާ މީޑިއާއަށް ބުނީ 2019 ވަނަ އަހަރު ކަރަންގެ ގޭގައި ބޮލީވުޑްގެ މަޝްހޫރު ތަރިންނާއެކު ބޭއްވި ޕާޓީއެއްގެ ތެރޭގައި މަސްތުވާތަކެތި ވަރަށް ބޮޑަށް ބޭނުންކުރި ކަމަށް ޝައްކު ކުރެވޭ ކަމަށެވެ. އެހެންކަމުން އެކަމާއި ގުޅިގެން ކަރަން ވެސް ވަރަށް އަވަހަށް އެންސީބީއަށް ހާޒިރުކުރާނެ ކަމަށް އޭނާ ބުންޏެވެ.
އެހެންނަމަވެސް އެކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި ކަރަން ވަނީ އެ ޕާޓީގެ ތެރެއިން މަސްތުވާތަކެއްޗާއި ގުޅުން ހުރި އެއްވެސް އެއްޗެއް ބޭނުން ކޮށްފައި ނުވާ ކަމަށް ބުނެފައެވެ. މީގެ އިތުރުން ވަކި ވަކި މީހުން ކުރާ ކަންކަމުގެ ޒިންމާ ކަރަންގެ ދަރްމާ ޕަރޮޑަކްޝަންސް އަށް ނަގަން ނުޖެހޭނެ ކަމަށްވެސް ކަރަން އެ ބަޔާނުގައި ބުންޏެވެ.
ސުޝާންތު ސިންގު ރާޖުޕުތުގެ މަރާއި ގުޅިގެން އެންސީބީއިން ތަހުގީގު ކުރަން ފެށި މަސްތުވާތަކެތީގެ މައްސަލައާއި ގުޅިގެން ވަނީ ބޮލީވުޑްގެ މަޝްހޫރު ގިނަ ފަންނާނުން އެންސީބީއަށް ހާޒިރުވާން އަންގައިފައެވެ. އޭގެތެރޭގައި މަޝްހޫރު ބަތަލާ ދީޕިކާ ޕަޑްކޯނު ވެސް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ