ޝާހުއަށް ކުރި ހުކުމަކީ އަދުލުގެ ނިޒާމަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް: ޖެންޑާ

ގދ. ތިނަދޫ، ތޭންކް، ޒިޔާދާ ނައީމްގެ މަރުގެ މައްސަލައިގައި އޭނާގެ ފިރިމީހާ ތިނަދޫ، ޖަވާހިރުމާގޭ ދެކުނު، އިބްރާހީމް ޝާހު ތިން އަހަރަށް ޖަލަށްލާން ހުކުމް ކުރުމަކީ ޖިނާއީ އަދުލުގެ ނިޒާމަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.
ޖެންޑާ މިނިސްޓްރީން ބުނީ ޖިންސީ ކުށުގެ ގާނޫނުގައި ފިރިމީހާ އަނބި މީހާ "ރޭޕް" ކުރުމަކީ މި ގާނޫނު ބަލައިގަންނަ، އަދަބު ކަނޑައެޅިފައިވާ ކުށެއް ކަމުގައި ބަޔާންކޮށްފައިވީ ނަމަވެސް، މިއީ ރާއްޖޭގެ ތާރީހުގައި ފިރިމީހާ އަނބިމީހާ ރޭޕްކުރުމުގެ މައްސަލައަކާ ގުޅިގެން ކޯޓު މަރުހަލާގައި ފިޔަވަޅު އެޅުމަށް ނިންމި ފުރަތަމަ ފަހަރު ކަމަށެވެ. އެހެންކަމުން މިއީ އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށް އެޅިގެންދިޔަ ނުހަނު މުހިއްމު ފިޔަވަޅެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމާއި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުން، އަންހެނުންގެ ހައްގުތައް ރައްކާތެރިކޮށް، ހިމާޔަތްކޮށްދިނުމަށްޓަކައި ކުރާ މަސައްކަތްތަކަކީ މިނިސްޓްރީން ބަލައިގަންނަ ކަންކަން ކަމަށާއި އެކަމަށް ޝުކުރު އަދާކުރާ ކަމަށެވެ.
ޕީޖީ ޝަމީމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޒިޔާދާ ރޭޕް ކުރި ކަމުގެ ކުށް އޭނާގެ ފިރިމީހާ އިބްރާހިމް ޝަހުގެ މައްޗަށް ސާބިތުވެގެން ދިއުމަކީ ޖިނާއީ އަދުލުގެ ނިޒާމަށް ލިބިގެންދިޔަ ބޮޑު ކާމިޔާބީއެއް ކަމަށެވެ.
ޒިޔާދާއަށް ލިބިފައި ހުރި އެކި ކަހަލަ އަނިޔާތަކަށް އައިޖީއެމްއެޗްގައި އޭނާއަށް ފަރުވާދެމުން އަންނަނިކޮށް މަރުވީ 2015 ވަނަ އަހަރުއެވެ. އެ ހާދިސާއާ ގުޅިގެން ޝާހުގެ މައްޗަށް ދައުލަތުގެ ފަރާތުން ވަނީ ހަތަރު ދައުވާއެއްކޮށް 2016 ވަނަ އަހަރު ޝަރީއަތް ކުރަން ވަނީ ފަށައިފައެވެ.
ދައުލަތުން ޝާހުގެ މައްޗަށް ވަނީ ރޭޕްކުރުމުގެ ދައުވާ އާއި މީހަކު މަރުވެދިއުމުގެ ފަރުވާކުޑަ އަމަލެއް ކުރުމުގެ ދައުވާގެ އިތުރުން މީހަކު މަރުވެދިޔުމުގެ އިހުމާލުގެ އަމަލެއް ހިންގުމުގެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ އުފުލައިފައެވެ. ނަމަވެސް އެ މައްސަލަތައް އޭނާގެ މައްޗަށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
އެކަމާ ގުޅިގެން ދައުލަތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލަަ ބަލައި މިއަދު މިވަނީ ހުކުމްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ