ރައީސް ޔާމީން ބޭސްފަރުވާއަށް ގެއަށް ބަދަލު ކުރުމަކީ ދައުލަތުން ކުރަން ޖެހޭ ކަމެއް - ރައީސް ވަހީދު

ކުރީގެ ރައީސް އަބްދުﷲ ޔާމީން ބޭސްފަރުވާއަށް ގެއަށް ބަދަލު ކުރުމަކީ މިހާރު ދައުލަތުން ކުރަން ޖެހޭ ކަމެއް ކަމެއް ކަމަށް ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަންމަނިކު ވިދާޅުވެއްޖެއެވެ.
ރައީސް ވަހީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ރައީސް ޔާމީންގެ ބަލި ހާލު ހުރިގޮތުން ބޭސްފަރުވާ އަށް ގެއަށް ބަދަލު ކުރުމަކީ ދައުލަތުން ކުރަން ޖެހޭ ކަމެއް." ކަމަށެވެ.
ރައީސް ޔާމީންގެ ސިއްހީ ހާލުކޮޅު ގޯސްވެ، އަމިއްލަފުޅަށް ހިންގަވައި އުޅުއްވަން ވެސް ދަތިވެފައިވާ ކަމަށާއި އެހެންވެ، އެ މަނިކުފާނު ގެއަށް ބަދަލުކުރަން އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ އިން ވަނީ މިމަހުގެ 05 ވަނަ ދުވަހު ވެސް ގޮވާލާފައެވެ.
ރައީސް ޔާމީންގެ ސިއްހީ ހާލުކޮޅު ހުރިގޮތުން އެމަނިކުފާނު "ސްޓްރެސް ފްރީ" މާހައުލެއްގައި ހުންނެވުމުގެ ފުރުސަތު ދެއްވުމަށް ޑޮކްޓަރުން ލަފާދެއްވިތާ ވެސް މިހާރު އަށެއްކަ މަސް ވެއްޖެއެވެ. ނަމަވެސް އަދިވެސް އެމަނިކުފާނު ހުންނެވީ ޖަލުގައެވެ.
ރައީސް ޔާމީން ގެއަށް ބަދަލު ކޮށްދެއްވުމަށް މީގެ ކުރިން ވެސް އެމަނިކުފާނުގެ ޤާނޫނީ ވަކީލުންނާއި އާއިލާ އިން ވަނީ އެތައް ފަހަރަކު އެދިފައެވެ. ނަމަވެސް އެކަމަށް ސަރުކާރުން އިޖާބަ ދީފައެއް ނުވެއެވެ.
އެމްއެމްޕީއާރްސީ މައްސަލައިގައި ރައީސް ޔާމީނަށް ފަސް އަހަރުގެ ޖަލު ޙުކުމެއް އިއްވާފައި ވާއިރު އެމްއެމްޕީއާރްސީ ޚިޔާނާތުގައި އެންމެ އިސްކޮށް ބައިވެރިވި ކަމަށް ދައުލަތުން ތުހުމަތު ކުރާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރްސީ ޚިޔާނާތް ހިނގިއިރު އެކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަބްދުﷲ ޒިޔަތު، ރައީސް ޞާލިހަށް ވެރިކަން ލިބިވަޑައިގަތުމާއި އެކު ވަނީ ގެއަށް ބަދަލު ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ