ސްކޫލްތަކަށް ތާމޮމީޓަރާއި ސައިބޯނި ގަންނަން 625،220ރ.

ކޮވިޑް-19 ފެތުރޭތީ ސްކޫލްތައް ބަންދުކުރުމަށް ފަހު އަލުން ހުޅުވި އިރު ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ބޭނުވާ ތާމޮމީޓަރާއި ސައިބޯނި ގަންނަން 625،220ރ. ހޭދަކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން ބުނީ މި ތަކެތި ހޯދަން ކުރި އިއުލާނާ ގުޅިގެން ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ސައިބޯނި ގެންނަން ހަވާލުކުރީ އެޗްއެމްއެފް މޯލްޑިވްސް އަށް ކަމަށާއި ތާމޮމީޓަރު ހޯދީ ޕާސަނަލް ކޮމްޕިއުޓަރާ ހަވާލުކޮށްގެންނެވެ.
ޕާސަނަލް ކޮމްޕިއުޓަރުން 500 ތާމޮމީޓަރު ގެނައީ 424،000ރ. އަށެވެ. އަދި ސްކޫލްތަކަށް ބޭނުންވާ 12،000 ސައިބޯނި ފުޅި ހޯދަން އެޗްއެމްއެފް މޯލްޑިވްސް އަށް ހަވާލުކުރީ 201،220ރ. އަށެވެ.
ސައިބޯނި ހޯދާފައިވަނީ ޔުނިސެފްގެ އެހީގަ އެވެ.
ކޮވިޑް-19 ފެތުރޭތީ ސްކޫލުތައް ބަންދުކުރިތާ ތިން މަސް ފަހުން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އިއްޔެ ވަނީ ކިޔަވައިދޭން ފަށައިފަ އެވެ.
ސްކޫލުތައް ހުޅުވުމުގެ ތައްޔާރީތަކާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިިދިޔަ އަންގާރަ ދުވަހުގެ ރޭ ވިދާޅުވީ އިމަޖެންސީ ރެސްޕޮންސް ޕްލޭން (އީއާރުޕީ) ގައި ހިމަނާފައިވާ ތަކެތި ސްކޫލުތަކަށް ފޮނުވާފައިވާ ކަމަށެވެ. އެންމެ ބޮޑު ސަމާލުކަމެއް ދެނީ އަތް ދޮވުމުގެ ކަންކަން ހަމަޖެއްސުމަށެވެ. އޭގެ އިތުރުން ސެނިޓައިޒާ އާއި ތާމޯމީޓަރު ސްކޫލުތަކަށް ފޮނުވާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
ސްކޫލަށް ވަނުމުގެ ކުރިން ގޭޓު ކައިރިން ދަރިވަރުންގެ ހުން ބަލަ އެވެ. އަދި އަތް ދޮންނަން ސްކޫލުގެ އެކި ދިމާލުގައި ތަށި ބަހައްޓާފައި ވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ